ރާއްޖެ އަށް ޒިޔާރަތްކުރުމަށް ދައުވަތު ލިބިފައިވާ ކަމަށާއި ނަމަވެސް ވަޑައިނުގެންނެވިގެން އުޅެނީ ހުށަހަޅާފައިވާ ކަންކަމަށް ރާއްޖެއިން އިޖާބަ ނުދޭތީ ކަމަށް އިންޑިއާގެ ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވެއްޖެއެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން އެ ގައުމުގެ ވުޒާރާތަކުން މިހާރު ބާއްވަމުން ގެންދާ ޕްރެސް ކޮންފަރެންސްތަކުގެ ތެރެއިން ޚާރިޖިއްޔާގެ ޕްރެސް ކޮންފަރެންސްގައި ހޯމަ ދުވަހު ވާހަކަ ދައްކަވަމުން ޚާރިޖީ ވަޒީރު ސުޝްމާ ސްވަރާޖް ވިދާޅުވީ ރާއްޖޭގެ ޚާރިޖީ ވުޒާރާގެ ފަރާތުން ހަތަރު ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. މުހައްމަދު އާސިމް އެންމެ ފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ފަރާތުން ކަންތައްތަކެއް ހުށަހަޅައި މަޝްވަރާތަކެއް ކޮށްފައިވާނެ ކަމަށެވެ. ނަމަވެސް އެ ކަންކަމަށް ރާއްޖެއިން އެކަށީގެންވާ އިޖާބައެއް ދީފައި ނުވާ ކަމަށް ސުޝްމާ ވިދާޅުވިއެވެ. އެ މަޝްވަރާތަކުގެ ތަފްސީލެއް އެކަމަނާ ނުދެއްވައެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ހިންދީ ބަހުން ޖަވާބު ދެއްވަމުން ޚާރިޖީ ވަޒީރު ސުޝްމާ ވިދާޅުވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ފަހުން މިހާތަނާ ޖެހެންދެން އެކަށީގެންވާ ގޮތެއްގައި ޑިމޮކްރަސީ ތަންފީޒުކުރެވެމުން ނުދާ ކަމަށެވެ. އަދި އެ ހާލަތާ ގުޅިގެން ވެސް އިންޑިއާ އިން ލަފާތަކެއް ދިން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
އިންޑިއާ އާއި ރާއްޖޭގެ ހީނަރުވެފައިވާ ގުޅުމާ ބެހޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޚާރިޖީ ވަޒީރު ވިދާޅުވީ ރާއްޖެއަކީ އަވަށްޓެރި އެކުވެރި ގައުމެއް ކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގައި ވެސް އޮންނަނީ "އިންޑިއާ ފަސްޓް" ޖަހާފައި ކަމަށެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ގުޅުމަށް ހީނަރުކަން އަންނަކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ނުކެނޑޭ ކަމަށާއި އަދި ނުވެސް ކެނޑޭނެ ކަމަށެވެ.
ރާއްޖެ އަށް އިންޑިއާ އިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ގެންދަން ރާއްޖެ އިން އެންގުމާ ގުލޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރި ނަމަވެސް ޚާޖިރީ ވަޒީރު ސުޝްމާ ވަނީ އެއީ ދިފާއީ ވުޒާރާއާ ގުޅޭ މައްސަލައެއް ކަމަށް ވިދާޅުވެ އެ ސުވާލަށް ޖަވާބު ދެއްވުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. އެކަމާ ގުޅޭ ގޮތުން ދިފާއީ ވުޒާރާ އިން މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިއެވެ. އެކަމަނާ ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ގުޅުން ހީނަރުވެފައިވީ ނަމަވެސް އިންސާނިއްޔަތުގެ ރޮނގުން ފޯރުކޮށްދޭންޖެހޭ އެހީތައް އިންޑިއާ އިން ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިހާރު ވެސް އެފަދަ އެހީތައް ފޯރުކޮށްދެމުން ގެންދާ ކަމަށް ވިދާޅުވިއެވެ.
މި ސަރަހައްދުގައި ޗައިނާގެ ނުފޫޒު ގަދަކުރަމުންދާ މައްސަލައިގައި ވެސް ނޫސްވެރިން ވަނީ އެކަމަނާއާ ސުވާލުތައް ކުރިމަތިކުރުވާފައެވެ.