ކ. މާލެ
|
28 މެއި 2018 | ހޯމަ 21:25
ރައީސް މައުމޫން ބޭސްފަރުވާއަށް މާލެ ގެނައުމަށް ފަހު ގެންދަނީ
ރައީސް މައުމޫން ބޭސްފަރުވާއަށް މާލެ ގެނައުމަށް ފަހު ގެންދަނީ
ރާއްޖެއެމްވީ
ކުރީގެ ރައީސް މައުމޫން
ރައީސް މައުމޫންގެ ބަންދަށް ލުޔެއް ނުދިން!
މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ޒާތީ މައުލޫމާތުތަކެއް އަޑުއެހުމުގައި ވަނީ ހިއްސާކޮށްފައި
ރައީސް މައުމޫންގެ އަރިހުގައި 24 ގަޑިއިރު މީހަކު ހުންނަންޖެހޭ
ރައީސް މައުމޫން ދޫކޮށްލަން ޕީޖީ އޮފީހުން ދެކޮޅު

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމް ދައުވާގެ ޝަރީއަތް ނިމެންދެން ޖަލުގައި ބަންދު ކުރުމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ނުގެނެސް، އެމަނިކުފަނުގެ ބަންދަށް ލުޔެއް ނުދިނުމަށް ޝަރީއަތުން ނިންމައިފިއެވެ.

ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމަށް ފަހު، އެ މަނިކުފާނު ބަންދުން ދޫކޮށްދިނުމަށް ނުވަތަ ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި ރައީސް މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ޒާތީ މައުލޫމާތު އެ އަޑުއެހުމުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުން ހިއްސާކުރުމުގެ ފުރުސަތަށް އެދުމުން ގާޒީ އަހުމަދު ހައިލަމް ވަނީ އެފުސަތު ދެއްވާފައެވެ.

ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ގެންދެވީ ރައީސް މައުމޫން ބަންދުން ދޫކޮށްލައިފި ނަމަ މިމައްސަލައިގެ ހެއްކަށް ނުފޫޒު ފޮރުވުމުގެ ފުރުސަތު އޮތް ކަމަށް ބުނަމުންނެވެ. އެހެންކަމުން ރައީސް މައުމޫން ޖަލު ބަންދުން ދޫކޮށްދިނުމާ ދެކޮޅަށް ޕީޖީ އޮފީހުގެ ވަކީލުން ގެންދެވީ ވަކާލާތު ކުރައްވަމުންނެވެ. 

ޕީޖީ އޮފީހުގެ ވަކީލުން ރައީސް މައުމޫން ދޫކޮށްލެއްވުމަށް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމުން ރައީސް މައުމޫންގެ ވަކީލުން ވިދާޅުވީ ރައީސް މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ޒާތީ މައުލޫމާތުތަކެއް މިއަޑުއެހުމުގައި ހިއްސާކުރަން ބޭނުންވާ ކަމަށާއި އެހެންކަމުން އެ އަޑުއެހުން ސިއްރުކޮށް ދިނުމަށް އެދިލެއްވިއެވެ. 

އެހެންކަމުން މިމައްސަލަ ބައްލަވާ ގާޒީ ހައިލަމް، އެޑުއެހުން ސިއްރު ކުރުމަށް ނިންމެވިއެވެ. 

ރައީސް މައުމޫންގެ އާލާސްކަންފުޅާ ގުޅޭ ގިނަ ކަންތައްތަކެއް، ޑޮކްޓަރުން ދެއްވާފައިވާ އިރުޝާދުތަކަށް ރިއާޔަތްކޮށް އެ އަޑުއެހުމުގައި އިއްވާފައި ވެއެވެ. 

ގާނޫނީ ވަކީލުންނާއި އާއިލާ އިން ބުނެފައިވާ ގޮތުގައި އެމަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ މައްސަލައަކީ ބެނިން ޕްރޮކްސިމަލް ޕޮޒިޝަނަލް ވާޓީގޯ (ބީޕީޕީވީ) ނަމަކަށް ކިޔާ ހާލަތެކެވެ.

އެ ހާލަތު މެދުވެރި ވަނީ އުމުރުން ދުވަސްވުމުގެ ސަބަބުންނާއި ބޮލަށް ލިބޭ ގެއްލުމެއްގެ ސަބަބުންނެވެ. ބީޕީޕީވީއަކީ ކަންފަތުގެ އެތެރެއަށް ދިމާވާ މައްސަލައެއްގެ ސަބަބުން ކުރިމަތިވާ ހާލަތެކެވެ. 

އެ ހާލަތު ކުރިމަތިވުމުން ބޮލަށް ގެންނަ ހަރަކާތެއްގެ ސަބަބުން ބެލެންސުން ނެއްޓި މީހާ ވެއްޓޭ ގޮތް މެދުވެރިވެދާނެއެވެ. އަދި އެ ހާލަތު ކުރިމަތިވާ މީހާއަށް އޭނާގެ ވަށައިގެން ހުންނަ އެއްޗެހި އެބުރޭހެން ހީވެދާނެއެވެ. އޭގެ އިތުރުން ސްޓްރޯކް ޖެހުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ކުރިމަތިވެދާނެއެވެ.

އެހެންކަމުން ޑޮކަޓަރުން ލަފާދެއްވާފައި ވަނީ 24 ގަޑިއިރު ރައީސް މައުމޫންގެ އަރިހުގައި އެމަނިކުފާނުގެ ހާލު ބެއްލެވުމަށް މީހަކު ބެހެއްޓުމަށެވެ.

ނަމަވެސް ވަކީލުން ވިދާޅުވީ ރައީސް މައުމޫނާ މެދު ފުލުހުން އަމަލު ކުރަމުންދަނީ ރަނގަޅަށް ކަމަށާއި އެހެން ނަމަވެސް 24 ގަޑިއިރު ރައީސް މައުމޫންގެ ސިއްހީ ހާލަތު ބެލުމަކީ ފުލުހުންނަށް އެހާ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ. 

އެހެންކަމުން އެމަނިކުފާނު ބަންދުން ދޫކޮށްދިނުމަށާއި ބަންދުން ދޫކޮށްދެވެން ނެތް ނަމަ، ގޭބަންދަށް ބަދަލުކޮށްދިނުމަށް ވެސް ވަކީލުން އެދިލެއްވިއެވެ.

ރައީސް މައުމޫންގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ގާޒީ ހައިލަމް މިއަދު ނިންމެވިއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް ހައިލަމް އައްޔަން ކުރައްވާފައި ވަނީ ވެސް މިއަދުއެވެ. އަދި ސަރުކާރު ވައްޓަލަން އުޅުމުގެ ކުށުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބޭފުޅުންގެ ޝަރީއަތްތައް ހިންގަވަނީ ވެސް ގާޒީ ހައިލަމްއެވެ. ގާޒީ ކަމަށް ހައިލަމް އައްޔަންކުރެއްވީ ވެސް ވަރަށް ފަހުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހަމަ އެރޭ ވަނީ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފަ އެވެ. އަދި އޭގެފަހުންވެސް ސިޔާސީ ގިނަ ބަޔަކު ހައްޔަރުކޮށް، ސަރުކާރު ވައްޓާލަން އުޅުނުކަމަށް ބުނެ 9 ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް