ދައުލަތުން ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ ބުހުތާނު ދޮގު ވާހަކަތަކެއް ކަމަށާއި، އެއްވެސް އިރެއްގައި އަދި އެމަނިކުފާނުގެ ވެރިކަމުގައި ވެސް ޖިނާއީ އަމަލެއް ހިންގާފައި ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާއާ ގުޅިގެން ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އިބްތިދާތީ އަޑުއެހުމުގައި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ ގާނޫނީ ވަކީލު ދައުވާ އިއްވަމުން ވިދާޅުވީ ދިގު މުއްދަތަކަށް ރާއްޖޭގެ ރައީސްކަން ކުރެއްވި، އަދި ޕީޕީއެމްގެ އިސްމަގާމެއްގައި ހުންނަވާ 2013 ވަނަ އަހަރުން ފެށިގެން ރައީސް މައުމޫން ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ހުކުމްތައް ވަކިގޮތަކަށް ނެރެން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނަށް ރިޝްވަތު ދިނުމުގެ އިތުރުން 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ރައީސް މައުމޫން ނުފޫޒު ފޯރުވާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފް މެދެވެކޮށް، ފުލުހުންގެ ބަޔަކު މަގުމައްޗަށް ނެރެ، ޑިއުޓީގައި ތިބި އެހެން ބައެއް ފުލުހުންނާ ކުރިމަތިލައި، ގައުމުގެ ހަމަޖެހުން ނަގައިލުމަށް މަސައްކަތްޕުޅު ކުރެއްވި ކަމަށް ވެސް އެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ދައުވާ އިއްވުމާ އެކު ރައީސް މައުމޫން ވިދާޅުވީ ދައުވާ ސާފު ނުވާ ކަމަށާއި ނަމަވެސް އެއްވެސް އިރެއްގައި ޖިނާއީ އެއްވެސް އަމަލެއް ހިނގާފައި ނުވާނެތީ ދައުވާގައި ފެށުނީއްސުރެ ނިމެންދެން ހުރި ކަންކަމަށް އިންކާރު ކުރައްވާ ކަމަށެވެ.
ދައުލަތުން ކުރި ދައުވާގައި، ރާއްޖޭގެ ރައީސްކަން ކުރެއްވުމާއި ޕީޕީއެމްގެ އިސް މަގާމެއްގައި ހުންނެވިކަން ފާހަގަކޮށްފައިވާތީ އެއީ ޓެރަރިޒަމްގެ ކުށެއްތޯ ވިދާޅުވެ ރައީސް މައުމޫން ވަނީ ސުވާލު އުފައްދަވާފައެވެ.
ދައުވާގައި ބުނާ ވާހަކަތައް ސާފު ނުވުމުންނާއި ރައީސް މައުމޫން ޓެރަރިޒަމް އަމަލެއް ހިންގެވި ކަމަށް ބުނާއިރު، ކުރި އަމަލަކީ ކޮބައި ކަމާއި އަދި ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ބުނާއިރު، ރިޝްވަތު ދިނީ ކޮން ފަނޑިޔާރުންނަށްކަން އެނގެން ޖެހޭ ކަމަށާއި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ރައީސް މައުމޫންގެ ދައުރަކީ ކޮބައިކަން ވެސް މިދައުވާ އިން ސާފު ނުވާ ކަމަށާއި ރައީސް މައުމޫން ނުފޫޒު ފޯރުވައިގެން ކުރި ހުކުމްތަކަކަކީ ކޮބައިކަން ވެސް މިދައުވާއިން ސާފު ނުވާ ކަމަށް ރައީސް މައުމޫނުގެ ވަކީލު މައުމޫން ހަމީދު ވިދާޅުވިއެވެ. އަދި ދައުލަތަށް ވެސް އެކަންކަން އެނގޭ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރައީސް މައުމޫން ކުރެއްވި ކަމަކީ ކޮބައި ކަމާއި 1 ފެބްރުއަރީގައި ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި މައުމޫން ކުރެއްވި ކަމެއް އެނގެން ޖެހޭ ކަމަށާއި ގައުމުގެ ހަމަޖެހުން ނަގާލުމަށް މައުމޫން ކުރެއްވި ކަމެއް ވެސް ދައުވާ އިން ސާފު ނުވާ ކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
މައުމޫން ހަމީދުގެ އެ ވާހަކަތަކަށް ރައްދުދެއްވާ ދައުލަތުގެ ވަކީލާ ވިދާޅުވީ ދައުވާގައި ބުނާ ވާހަކަތައް އިތުރަށް ތަފްސީލް ވާނީ ކޯޓަށް ހުށަހާފައިވާ ސިއްރު ހެކިތަކުންނާއި ހެކީންގެ ހެކިބަހުން ކަމަށެވެ. އަދި މިމަރުހަލާގައި ފަނޑިޔާރުންނާ ގުޅޭ މައުލޫމާތުތަކާއި ހުކުމްތަކަކީ ކޮބައިކަން ހާމަކޮށްފިނަމަ، ސިއްރުވެރިކަން ގެއްލިގެންދާނެ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.
ދައުލަތުން ވަނީ ރައީސް މައުމޫނާ ދެކޮޅަށް 33 ހެކި، ގަރީނާ ހުށަހަޅައިފައެވެ.
ގާޒީ ހައިލަމް ވަނީ ދިފާއުގައި ހެކި ހުށަހެޅުމުގެ ފުރުސަތާއި ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ޖެހޭ ހުށަހެޅުންތައް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުގެ މެންދުރު 12 ގެ ކުރިން ހުށަހަޅަން އަންގަވައިފައެވެ. އަދި ޓެރަރިޒަމްގެ މި ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ވަނީ ކަނޑައަޅުއްވައިފައެވެ.