ކ. މާލެ
|
28 މެއި 2018 | ހޯމަ 17:15
ހއ. މާފިނޮޅުގައި އެއާޕޯޓް ތަރައްގީކުރުމާ ގުޅޭ އެއްބަސް ވުމުގައި ޝޮއި ކުރުމުގެ ރަސްމިޔާތުގެ ތެރެއިން
ހއ. މާފިނޮޅުގައި އެއާޕޯޓް ތަރައްގީކުރުމާ ގުޅޭ އެއްބަސް ވުމުގައި ޝޮއި ކުރުމުގެ ރަސްމިޔާތުގެ ތެރެއިން
ޓްވިޓަރ
ހޯރަފުށި
ހޯރަފުށީ އެއާޕޯޓުގެ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފި
އީއައިއޭ މި ހަފްތާގެ ތެރޭގައި ނިމޭނެ
މި ޕްރޮޖެކްޓުގެ ދަށުން މާފިނޮޅާއި ހޯރަފުށި ގުޅާލަން ހަމަޖެހިފައެއް ނުވޭ
މި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެނީ 16 ހެކްޓަރުގެ ބިން ހިއްކުން

ހއ. މާފިނޮޅުގައި ތަރައްގީކުރާ "ހޯރަފުށީ" އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން އެމްޓީސީސީއާ ހަވާލުކުރީ ހޯމަ ދުވަހު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައެވެ. ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވަޑައިގެންނެވި މި ރަސްމިޔާތުގައި ކަމާ ބެހޭ ލިޔެކިޔުންތަކުގައި އެމްޓީސީސީގެ އިސްވެރިން ވަނީ ސޮއިކުރައްވާފައެވެ.

މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މާފިނޮޅުގައި އެއާޕޯޓް ތަރައްގީ ކުރަން ހަދަން ޖެހޭ އެންވަޔަރްމެންޓަލް އިމްޕެކްޓް އެސަސްމަންޓް (އީއައިއޭ) އާއި އެހެން ސާވޭތަކުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެއަށް ފަހު އީއައިއޭ އަށް ހުއްދަ ލިބުމާ އެކު ބިން ހިއްކުމުގެ މަސައްކަތް ފަށާނެ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ދަށުން މާފިނޮޅާއި ހޯރަފުށި ގުޅާލަން ހަމަޖެހިފައެއް ނުވެއެވެ. އެމްޓީސީސީން ހިއްކާނީ ރަންވޭ އާއި އެއާޕޯޓް އަޅަން ބޭނުންވާ ބިމެކެވެ. ނަމަވެސް، އެ ރަށްރަށަކީ އައިހެވަން ޕްރޮޖެކްޓުގެ ދަށުން ހިއްކައިގެން ގުޅުވާލަން ހަމަޖެހިފައިވާ ސަރަހައްދުގައި ހިމެނޭ ރަށްތަކެވެ. މިކަން ހޯމަ ދުވަހު ބޭއްވި ރަސްމިޔާތުގައި މިނިސްޓަރ ޒަމީރު ވާނީ ފާހަގަކުރައްވާފައެވެ.

" އައިހެވަން ޕްރޮޖެކްޓް ފެށުމުގެ ކުރިން ވެސް މި ވަގުތަށް މިހާރު ކޮންމެހެން ބޭނުންވާ ކަމެއް ވީމަ (އެއާޕޯޓް އަޅަން) މި ފަށަނީ. އެހެންވީމަ ސަރުކާރުން އަދި ނިންމާނެ މިތަން ގުޅުވާނީ ކިހިނެއްތޯ. ކޮންމެހެން ވެސް އެތަން ހިއްކާއިރު އެތާ ކައިރި ސަރަހައްދުން ވެލި ނަގަން ޖެހޭ،" ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ޒަމީރު ވިދާޅުވެފައި ވެއެވެ.

އެމްޓީސީސީން ބުނީ މި ޕްރޮޖެއްޓްގެ ތެރޭގައި ހިމެނެނީ 16 ހެއްކްޓަރުގެ ބިމެއެވެ. އަދި އެ ސަރަހައްދުގައި ޝޯ ޕްރޮޓްކްޝަން ޖަހަން ނިންމާފައިވާއިރު، މި ހުރިހާ ކަމެއްގެ އަގަކީ ޖީއެސްޓީއާ ނުލައި 64 މިލިއަން ރުފިޔާ ކަމަށް އެ ކުންފިނުން ބުނެފައެވެ.
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް