ކ. މާލެ
|
28 މެއި 2018 | ހޯމަ 18:03
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު
އަޒުމޫން އަހުމަދު
ފަނޑިޔާރު އަލީ ހަމީދު
ސުޕްރީމް ކޯޓުގެ ފޯނަކުން އަލީ ހަމީދު 2200ރ ޓްރާންސްފަރ ކުރި: ޕީޖީ
މިއީ 2010ގައި ފެންމަތިވި މައްސަލައެއް، މީގެ ކުރިން ދައުވާ ވެސް ކުރި
މިއީ އާއްމުގެ ތެރޭގައި މަޝްހޫރު "ކޮފީ އެޅުނު މައްސަލަ"
މިހާރު ހިނގަމުންދާ ދައުވާ އުފުލާފައި ވަނީ މިއަހަރުގެ މާރޗު މަހުގެ 15 ގައި

ސުޕްރީމް ކޯޓުގެ މޮބައިލް ފޯނަކުން، އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ ދެ ބޭފުޅުންނަށް 2،200ރ. ޓްރާންސްފާރ ކުރި ކަމަށް ބުނެ، ސަރުކާރުގެ އެއްޗެއް އަމިއްލަ ފައިދާއަށް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އިއްވައިފިއެވެ.

ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އެމައްސަލައިގެ އިބްތިދާއީ ފުރަތަމަ އަޑުއެހުމުގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ގާނޫނީ ވަކީލު ދައުވާ އިއްވަމުން ވިދާޅުވީ ސުޕްރީމް ކޯޓުގެ މޮބައިލް ނަންބަރަކުން އޭނާގެ ދެ ބޭފުޅުންނަށް ޑިސެމްބަރު 2010 އިން ފެށިގެން އޭޕްރީލް 2011 ގެ ނިޔަލަށް 2،200ރ. ޓްރާންސްފާރ ކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ދައުވާ އިއްވުމުން އެ ދައުވާ ސާފު ވެއްޖެތޯ އާއި ދައުވާއާ ގުޅިގެން ވިދާޅުވާނީ ކީކޭތޯ އެމައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލް އެއްސެވުން ފަނޑިޔާރު އަލީ ހަމީދު ވިދާޅުވީ ދައުވާ ސާފު ވެއްޖެ ކަމަށާއި ނަމަވެސް އެ ދައުވާއާއިގެން ކުރިއަށްދާން ބޭނުން ވަނީ ގާނުނީ ވަކީލަކާ އެކުގައި ކަމަށެވެ. 

މިއަޑުއެހުމުގައި އަލީ ހަމީދުގެ ބަލިހާލަތާ ގުޅިގެން އެމަނިކުފާނު ވާހަކަ ދައްކަވާފައި ވަނީ ވަރަށް މަޑުން ގޮނޑީގައި އިށީންދެ ވަޑައިގެންނެވެ.

ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް ކިތައް ދުވަސް ބޭނުންވޭތޯ ގާޒީ އެއްސެވުމުން އަލީ ހަމީދު ވިދާޅުވީ މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއް ކަމަށް ވާތީ 10 ދުވަސް ދެއްވައިފިއްޔާ ރަނގަޅު ކަމަށެވެ. ގާޒީ ވަނީ ގާނޫނީ ވަކީލެއް އައްޔަން ކުރެއްވުމަށް އަލީ ހަމީދަށް 10 ދުވަސް ދެއްވާފައެވެ. އަދި ދެން ބާއްވާ އަޑުއެހުމަށް ވަޑައިގަންނަވާއިރު، ގާނޫނީ ވަކީލަކާ އެކު، އަދި ދައުވާއަށް ޖަވާބުދާރީވުމަށް ތައްޔާރުވެ ވަޑައިގެން ވަޑައިގެންނެވުމަށް ގާޒީ އެންގެވިއެވެ. 

މި މައްސަލަ އަލީ ހަމީދުގެ މައްޗަށް ސާބިތުވެއްޖެ ނަމަ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ދެވޭ އެންމެބޮޑު އަދަބު ކަމަށްވާ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިމައްސަލާގައި މީގެ ކުރިން ވެސް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކޮށްފައި ވެއެވެ. އަދި އެމައްސަލަ ކްރިމިނަލް ކޯޓަށް ދައުވާ ކުރަން ފޮނުވި ހިސާބުން ދެން އަޑުއިވިގެން ދިޔައީ އެމައްސަލާގައި ހިމެނޭ ލިޔެކިޔުންތަކުގެ މައްޗަށް "ކޮފީ އެޅުނު" ވާހަކަތަކެކެވެ. އޭގެ ފަހުން އެ މައްސަލައަށް ވީނުވީއެއް ނޭނގި އަލުން ހަމަ މިމައްސަލާގައި ދައުލަތުން މިވަނީ މުޅިން އާ މައްސަލައެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހުށަހަޅުއްވާފައެވެ. މިހާރު ކްރިމިނަލް ކޯޓުގައި ހިނގަމުންދާ މިމައްސަލަ އެކޯޓަށް ހުށަހަޅަފައިވާ ކަމަށް ލިޔެކިޔުންތަކުން ފެންނަނީ މިދިޔަ މާރޗު މަހުގެ 15 ވަނަ ދުވަހެވެ. 

އަލީ ހަމީދުގެ މިމައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށްދާއިރު، އަލީ ހަމީދާ އެކު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެގޮތުން، ސަރުކާރު ވައްޓާލުން އުޅުނު ކަމަށް ބުނެ، އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން އަދުލު އިންސާފު ގާއިމްކުރަން ހުރަސް އެޅުމުގެ ދައުވާއެއް ވެސް އެ ދެ ބޭފުޅުންގެ މައްޗަށް ދައުލަތުން ކުރެއެވެ.

މީގެ އިތުރުން، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ކުރި ދައުވާ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް އެއް އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ އިއްވައިފައެވެ. އެ ދެ ބޭފުޅުންނަށް އިއްވި އެ ޖަލު ހުކުމް ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެމައްސަލަތަކުގެ ޝަރީއަތުގެ އަޑުއެހުންތައް ހައި ކޯޓުގައި ވަނީ ފަށައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް