ކ. މާލެ
|
28 މެއި 2018 | ހޯމަ 10:27
އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުގެ މެމްބަރުން އިރާގުގެ ނަޖަފްގައި އިލެކްޓްރޯނިކް މެޝިނުގެ ޕްރިންޓްތައް ބަލަނީ
އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުގެ މެމްބަރުން އިރާގުގެ ނަޖަފްގައި އިލެކްޓްރޯނިކް މެޝިނުގެ ޕްރިންޓްތައް ބަލަނީ
އޭއެފްޕީ
އިރާގުގެ އިންތިޚާބު
އިންތިޚާބުގެ ނަތީޖާ ބާތިލުކުރަން ހުށަހެޅި މައްސަލަ އިރާގުގެ ސުޕްރީމް ކޯޓުން ބޭރުކޮށްލައިފި
އިންތިޚާބުގައި ވޯޓް އޮޅުވާލާފައިވާކަމަށް ބައެއް ޕާޓީތަކާއި ވަކިވަކި ކެނޑިޑޭޓުން ތުހުމަތުކުރޭ
މިހާރު އޮތް މަޖިލީހުގެ ދައުުރު ހަމަވާން އޮތީ މަދު ހަފްތާތަކެއް

އިރާގުގައި ދާދި ފަހުން ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ވޯޓްގައި މައްސަލަތަކެއް ހުރިކަމަށް ބުނެ އިންތިޚާބުގެ ނަތީޖާ ބާތިލުކޮށްދިނުމަށް އިރާގުގެ ފެޑެރަލް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފިއެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުން އައިސްފައިވަނީ އިލެކްޓޯރަލް ކޮމިޝަނުން އިންތިޚާބުގެ ނަތީޖާ އަނބުރާލުމަށް ފިއްތުންތައް ކުރިމަތިކުރުމަށްޓަކައި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތްކޮށް ކޯރަމް ހަމަނުވެގެން ތިންވަނަ ފަހަރަށް މިދިޔަ އާދީއްތަ ދުވަހު ކެންސަލްކޮށްފައިވަނިކޮށެވެ.

އިރާގުގައި މިހާރު އޮތް ގާނޫނު ހަދާ މަޖިލީހުން ގެންދަނީ އެ ގައުމުގެ އިންޑިޕެންޑެންޓް ހައި އިލެކްޓޯރަލް ކޮމިޝަނުން އިލެކްޓްރޯނިކް ވޯޓްތައް މެނުއަލްކޮށް އަލުން ގުނުމަށް ބާރުއަޅަމުންނެވެ.

އިރާގްގައި މިހާރު އޮތް ގާނޫނުހަދާ މަޖިލީހުގެ ދައުރު ހަމަވުމަށް މިހާރު އޮތީ މަދު ހަފްތާތަކެއް ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ އާ ދައުރަށް މެމްބަރުން ހޮވުމަށް ބޭއްވި އިންތިޚާބުގެ ކަންކަން އޮތީ އޮޅުންބޮޅުންގަނޑެއްގެ ތެރޭގައެވެ.

އދ.ން އިރާގަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޖޭން ކޫބިސް މެއި މަހުގެ 17 ވަނަ ދުވަހު ނެރުއްވާފައިވާ ބަޔާނެއްގައިވަނީ އިންތިޚާބާއި ބެހޭ ގޮތުން ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ހުށަހަޅާފައިހުރި ޝަކުވާތައް އެ ގައުމުގެ އިންތިޚާބީ ކޮމިޝަނުން ވަގުތުން ތަހުގީގުކުރުމަށް ގޮވާލާފައެވެ.

އިރާގުގެ ސަރުކާރުންވަނީ އިންތިޚާބުގައި ހުރި މައްސަލަތައް ބެލުމަށް ކޮމިޝަނެއް އެކުލަވާލާފައެވެ.

ނަމަވެސް ލިބެން ޖެހޭ މިންވަރަށް ވޯޓް ނުލިބުނު ބައެއް ޕާޓީތަކާއި ކެނޑިޑޭޓުން ގެންދަނީ ތަހުގީގަށް ފާޑުކިޔަމުންނެވެ.

ބައެއް ޕާޓީތަކާއި ވަކިވަކި ފަރުދުން ގެންދަނީ އިންތިޚާބުގައި މަކަރުހަދައި ވޯޓްގެ ނަތީޖާ އޮޅުވާލާފައިވާކަމަށް ތުހުމަތުކުރަމުންނެވެ.

އިރާގުގެ ގާނޫނުހަދާ މަޖިލީހު އިންތިޚާބު ބާއްވާފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. ޖުމްލަ 329 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭނީ 165 ގޮނޑި ހޯދައިގެންނެވެ.

 

- ކޮމެންޓް