ކ. މާލެ
|
28 މެއި 2018 | ހޯމަ 01:59
ކޮންގޯގެ ހެލްތު ވޯކަރަކު ބަލި އުޅޭ ސަރަހައްދެއްގައި ހަރަކާތްތެރި ވަނީ..
ކޮންގޯގެ ހެލްތު ވޯކަރަކު ބަލި އުޅޭ ސަރަހައްދެއްގައި ހަރަކާތްތެރި ވަނީ..
އޭއެފްޕީ/ގެޓީ
އެބޯލާ ބަލި
ކޮންގޯގައި އެބޯލާ ޖެހިގެން މަރުވި މީހުންގެ އަދަދު 12 އަށް
މިހާތަނަށް ފަންސަވީސް މީހަކަށް ބަލި ޖެހިފައިވޭ

ކޮންގޯގައި އެބޯލާ ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު ބާރަ އަށް އަރައިފި ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން އާދީއްތަ ދުވަހު ހާމަ ކޮށްފިއެވެ.

ކޮންގޯގައި ބަލީގެ ނުރައްކާ އެންމެ ބޮޑުވެފައިވަނީ އެ ގައުމުގެ ހުޅަނގު އުތުރުގައި އޮންނަ އިކުއުޓިއަރ ޕްރޮވިންސްގެ އިބޯކޯ ސަރަހައްދުގައި ކަމަށް އޮފިޝަލުން ހާމަ ކުރެއެވެ.

އެންމެ ފަހުން ބަލީގައި މަރުވި މީހާ ވެސް މަރުވެފައިވަނީ ރަށްފުށުގެ ހިސާބެއް ކަމަށްވާ އިބޯކޯ އިންނެވެ.

ބަލި ފެތުރެމުންދާ ޕްރޮވިންސްގައި ބައްޔަށް ތުހުމަތު ކުރެވޭ ހަތަރު މީހަކު މިހާރުވެސް އެބަތިބި ކަމަށް ވެއެވެ.

މިހާތަނަށް ފަންސަވީސް މީހަކަށް އެބޯލާ ޖެހުނު ކަން ކޮންގޯއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

ބަލި ފެތުރޭ ސަރަހައްދު ތަކަށް ކޮންގޯގެ ސިއްހަތާ ބެހޭ ވަޒީރާއި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މަންދޫބުން ވަނީ ޒިޔާރަތް ކުރައްވާފައެވެ.

މި ފަހަރު އެބޯލާ ބަލި ކޮންގޯގައި އުޅޭކަން ހާމަކޮށްފައިވަނީ މޭ މަހުގެ ތެރޭގައެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ އިން މަސައްކަތް ކުރަމުންދަނީ ބަލި ކޮންޓްރޯލްކޮށް ކޮންގޯގެ އަވައްޓެރި ނުވަ ގައުމަކަށް ބަލި ފެތުރުނަ ނުދިނުމަށެވެ.

މިއީ 1976 ގެ ފަހުން ކޮންގޯގައި އެބޯލާ ބަލި ފެތުރުނު ހަވަނަ ފަހަރެވެ.

އެބޯލާ އަކީ ބައްޔަށް ޚާއްސަ ފަރުވާ އެއް އަދި ހޯދިފައިވާ ބައްޔެއް ނޫނެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހޮޑުލެވުމާއި، ބޭރަށް ހިންގުމާއި، ގައިގައި ރިއްސުމާއި، އެތެރެހަށިންނާއި ބޭރުހަށިން ލޭ އައުން ހިމެނެއެވެ.

މިއީ ވައިރަސް އަކުން ޖެހޭ ބައްޔެކެވެ.

ބަލިޖެހޭ 90 އިން ސައްތަ މީހުންގެ ފުރާނަ ގެއްލޭކަން ރެކޯޑް ކުރެވިފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް