އަޔަލޭންޑްގައި އެބޯޝަން މަނާ ކުރާ ގާނޫނު ބާތިލް ކުރަން ރައްޔިތުންގެ މެދުގައި ނެގި ފެންނަ ނުފެންނަ ވޯޓުން ބޮޑު އަގުލަބިއްޔަތަކުން އެ ގާނޫނު ބާތިލް ކުރަން ފެނިއްޖެއެވެ.
މި ވޯޓް ކާމިޔާބު ކުރީ އެގައުމުގެ 66.4 އިންސައްތަ މީހުންގެ ތާއީދާއެކުއެވެ.
ވޯޓްގެ ނަތީޖާ އިއުލާން ކުރެއްވުމަށް ފަހު ބޮޑުވަޒީރު ވިދާޅުވީ މިއަދަކީ އަންހެނުންގެ ހައްގަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ހަމައެއާއެކު މިކަމާއި ދެކޮޅަށް ވޯޓް ދިން މީހުން ތިބިކަންވެސް ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ، ފަހަރެއްގައި ގައުމު މިދަނީ ނުބައި މިސްރާބަކާއި ދިމާލަށް ކަމަށް އެ މީހުންނަށް ހީކުރެވިދާނެ ކަމަށާއި އަދި މިއީ ތަފާތު ގައުމެއްގެ ގޮތުގައިވެސް ފެނިދާނެ ކަމަށެވެ. އެހެން ނަމަވެސް މިއަދެކޭ މިދިޔަ ހަފްތާއެކޭ އެއްވެސް ވަރެއްގެ ތަފާތެއް ނެތް ކަމަށާއި ހަމައެކަނި ތަފާތަކީ ކުރިއަށްވުރެން މިއަދު ހަރުދަނާވެފައި، ޚިޔާލުތަކަށް ހުޅުވިފަ އަދި މާ ބޮޑަށް އިހްތިރާމް ކުރާ ގައުމަކަށް އަޔަލެންޑް ވުން ކަމަށެވެ.
އަޔަލޭންޑްގެ އަންހެނުން ވަނީ އެ މީހުންނަށް ލިބުނު ކާމިޔާބީ ފާހަގަކުރަން މަގުތަކަށް ނިކުމެފައެވެ. އުފާ ފާޅުކުރަމުން ދާ ރައްޔިތުން ބުނަމުންދަނީ މިއީ އެމީހުން ކެތްތެރިކަމާއެކު އެތައް އަހަރެއް ވަންދެން ކުރި މަސައްކަތުގެ ފޮނި ނިތާޖާ ކަމަށެވެ.
އަޔަލޭންޑްގައި ކުރީގަ އޮތް ގާނޫނުގެ ދަށުން ނަމަ ބަނޑުގައި އޮތް ދަރިއަކީ ރޭޕްކޮށްގެން ނުވަތަ ޖިންސީ ގޯނާގެ ޝިކާރައެއްގެ ސަބަބުން ލިބޭ ކުއްޖަކަށް ވިޔަސް އެކުއްޖަކު އެބޯޓެއް ނުކުރެވެއެވެ. އެބޯޝަން އޭރު ހަމައެކަނި ކުރެވެނީ މަންމަގެ ފުރާނައަށް ނުރައްކާ ވާނަމައެވެ.
މި ވޯޓްގެ ނަތީޖާގެ ސަބަބުން ގާނޫނު ހަދާ މަޖިލިސްއަށް އެބޯޝަން އާ ގުޅޭ އައު ގަވާއިދުތައް ހެދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.