އިތިއޯޕިއާއިން މެރުމަށް ހުކުމްކޮށްފައިވާ އިދިކޮޅު ލީޑަރ އަންދަރުގަޗޫ ސީގޭ އަށް މާފު ދީފިއެވެ.
އިނގިރޭސި ވިލާތުން ރައްޔިތުކަން ހޯދާފައިވާ ސީގޭއަށް މާފުކޮށްފައިވާކަން ހާމަކޮށްފައިވަނީ އެގައުމުގެ އެޓާނީ ޖެނެރަލްއެވެ.
ސީގޭގެ މައްޗަށް ޣައިރު ހާޒިރުގައި މެރުމަށް ހުކުމް ކޮށްފައިވަނީ އިތިއޯޕިއާގެ ވެރިކަންކުރާ ޕާޓީއާއި ދެކޮޅު ޕާޓީއެއް ކަމަށްވާ އަދި އެގައުމުން ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ދެކޭ ޕާޓީއެއްކަމަށްވާ ގިންބޮޓް7 އާއި ގުޅުމުންނެވެ. އެދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ 2009 ވަނަ އަހަރުއެވެ. އޭނާ އަކީ އެޕާޓީގެ ސެކެޓްރީ ޖެނެރަލްއެވެ. ޓެރަރިޒަމްގެ ދައުވާއާއި ގުޅިގެން ސީގޭ ހައްޔަރު ކޮށްފައިވަނީ 2014 ވަނަ އަހަރުގެ ޖޫން މަހު ޔަމަންގެ އެއާޕޯޓުންނެވެ. އެ ފަހަރު ސީގޭގެ އިތުރުން އެޕާޓީއަށް ނިސްބަތްވާ ތިންމީހަކު ވަނީ ހައްޔަރުކޮށްފައެވެ.
ސީގޭއަށް މާފު ދީފައިވާއިރު އިތިއޯޕިއާއިން ޖަލުހުކުމް ކޮށްފައިވާ 575 ގައިދީންނަށް ވަނީ މާފު ދީފައި ކަމަށް އެޓާނީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ. އެޓާނީ ޖެނެރަލް ވިދާޅުވިގޮތުގައި ގައިދީންނަށް މާފު ދިނީ އެގައުމުގައި ސިޔާސީ ދާއިރާއަށް ގިނަ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެތެރޭގައިވެސް އިތިއޯޕިއާއިން ވަނީ ސިޔާސީ ފަރާތްތަކުގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންގޮސް ޖަލަށްލާފައިވާ ސިޔާސީ ގައިދީންނަށް މައާފުދީފައެވެ.
ޚަބަރުތައް ބުނާގޮތުގައި ސީގޭ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ޖަލުން މިނިވަން ކުރާނެއެވެ.