އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕާއެކު ސިންގަޕޫރުގައި ބާއްވާ ބައްދަލުވުން ކާމިޔާބު ކުރުމަކީ އެ ގައުމުގެ ލީޑަރުގެ ވަރަށް ބޮޑު އަޒުމެއް ކަމަށް އުތުރު ކޮރެއާގެ ރަސްމީ މީޑިއާ، ކޭ.ސީ.އެން.އޭ އިން ބުނެފިއެވެ.
އެމެރިކާ އާއި ނޯތު ކޮރެއާ، ޖޫން 12 ގައި ބާއްވަން އުޅޭ ބައްދަލުވުން ކެންސަލް ކުރަން ނިންމުމާ ގުޅިގެން އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ ހިތާމަ ފާޅުކުރައްވައިފަ އެވެ.
ޓުރަމްޕް ބައްދަލުން ކެންސަލް ކުރުމާ ގުޅިގެން ކިމް ވަނީ ކުއްލި ބައްދަލުވުމެއް ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އާއެކު ބާއްވައިފައެވެ. އެ ބައްދަލުވުމުގައި ކޮރެއާއަކީ ނިއުކިލިއާ ހަތިޔާރު ނެތް ސަރަހައްދަކަށް ހެދުމަށް ކުރާ މަސައްކަތަށް އަލި އަޅުއްވާލައި ކުރި މަގުގައި ގިނަ ބައްދަލު ވުންތަކެއް ބާއްވާން އެއްބަސްވެ ވަޑައިގެންފައެވެ. އަންނަ ހުކުރުގައި ދެގައުމުގެ އިސް ވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސާފައެވެ. އެއާއެކު އުތުރު ކޮރެއާގެ ލީޑަރު ކިމް ވަނީ ރައީސް މޫނަށް، އެމެރިކާއާއެކު ބައްދަލުކުރުމަށް ހަމަޖައްސައި ދިނީތީވެ ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
ރައީސް މޫން އާއެކު މި ބައްދަލުވުން ކިމް ބާއްވާފައިވަނީ އެމެރިކާގެ އަސްކަރީ ތަމްރީނުތައް ދެކުނު ކޮރެއާގައި ކުރިޔަށް ދިއުމާއި ގުޅިގެން ހިތްޕުޅާއިނުވެ، ބައްދަލުވުންތައް ކެންސަލްވެސް ކޮށްފައި ވަނިކޮށެވެ.
އުތުރު ކޮރެއާ ރައީސްގެ ތަރުޖަމާން ވިދާޅުވީ ދެގައުމުގެ މެދުގައި ކުރިއަށް ދިޔަ ބައްދަލުވުމަގައި ވަރަށް ތިލަކޮށް ވާހަކަ ދައްކާފައިވާ ކަމަށެވެ. އެއާއެކު އުތުރު ކޮރެއާގެ ރަސްމީ މީޑިއާއިންވެސް ބުނީ އެ ބައްދަލުވުމަކީ މަޑުމައިތިރި ކަމާއެކު ދެ ގައުމުން ވެސް ދެކެމުންދާ ގޮތް ކިޔައިންކަމަށްވެ އެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރުގެ ނައިބު ވެސް ވަނީ ކިމްއެކޭ އެއްފަދައިން ޓުރަމްޕްގެ ނިންމެވުމާމެދު ހިތާމަ ފާޅުކޮށް، އެ ނިންމެވުމަކީ އެއްވެސް އިރެއްގައި އުއްމީދު ކުރި ނިންމުމެއް ނޫން ކަމަށް ވިދާޅުވެފައެވެ.
ޓުރަމްޕް ވަނީ އުތުރު ކޮރެއާގެ ފޮރިން މިނިސްޓަރުގެ ނައިބުގެ ބަސްކޮޅަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. އަދި ވަނީ އެމެރިކާގެ ބައްދަލުވުމާގެން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަމަށާއި ބައްދަލުވުމުގެ ތައްޔާރީތައް ވުމަށް މިހަފްތާގައި އޮފިޝަލުން ސިންގަޕޫރަށް ވަޑައިގަންނަވާނެ އެވެ. ކުރިއެކޭ އެއްގޮތަށް ބައްދަލުވުން ބާއްވާނެ ކަމަށް ވެސް ޓްރަމްޕް ވަނީ ވައުދުވެ ވަޑައިގެންފައެވެ.
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ބުނާ ފަރާތްތަކަށް ރައްދު ދެއްވައި ޓްރަމްޕް ވިދާޅުވީ އެ ފަރާތްތަކަކީ ބުހުތާން ދޮގު ހަދާ ފަރާތްތަކެއް ކަމަށާއި ރަނގަޅު މަސްދަރަކުން ޚަބަރު ހޯދައިގެން ލިޔުމަށް އެދޭ ކަމަށެވެ.
ބުރާސްފަތި ދުވަހު އުތުރު ކޮރެއާއިން ވަނީ އެގައުމުގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ގޮއްވާލާފައެވެ. ދެ ލީޑަރުން ޖޫން މަހުގެ ބައްދަލުވުމުގެ އެޖެންޑާގައި އެންމެ ކުރީގައި ވެސް އޮތީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަ ކަމަށް ރިޕޯޓްތައް ބުނެއެވެ.