ކ. މާލެ
|
27 މެއި 2018 | އާދީއްތަ 10:01
ޕާކިސްތާނުގެ އިންތިޚާބެއްގައި ވޯޓްލަނީ
ޕާކިސްތާނުގެ އިންތިޚާބެއްގައި ވޯޓްލަނީ
ހިންދުސްތާނީ ޓައިމްސް
ޕާކިސްތާނުގެ އާއްމު އިންތިޚާބު
ޕާކިސްތާނުގެ އާއްމު އިންތިޚާބު ޖުލައި 25 ގައި
އިންތިޚާބުގެ ކުރިން ވަގުތީ ސަރުކާރެއް އެކުލަވާލާނެކަމަށް ބެލެވޭ

ޕާކިސްތާނުގެ އާއްމު އިންތިޚާބު ޖުލައި މަހުގެ 25 ވަނަ ދުވަހު ބާއްވާނެ ކަމަށް އެގައުމުގެ ރައީސް އޮފީހުގެ ތަރުޖަމާނު ހޮނިހިރު ދުވަހު ވިދާޅުވެއްޖެއެވެ.

"ރައީސް ވަނީ ގައުމުގެ އާއްމު އިންތިޚާބު ޖުލައިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހުއްދަ ދެއްވާފައި" މަމްނޫން ހުސައިންގެ އޮފީހުގެ ތަރުޖަމާނު އޭއެފްޕީގައި ވިދާޅުވެފައިވެއެވެ.

މި ތާރީޚް އެގައުމުގެ ސަރުކާރުގެ ޓްވިޓަރ އެކައުންޓުންވެސް އިއުލާނުކޮށް އެ ގައުމުމުގެ ދައުލަތުގެ މީޑިއާއިންވެސްވަނީ ހާމަކޮށްފައެވެ. އިންތިޚާބުގެ ތާރީޚެއް އިއުލާނުކޮށްފައި މިވަނީ ސަރުކާރުގެ ދައުރު ހަމަވާން ހަފްތާއަކަށްވުރެ ވަގުތު ކުޑަތަން ވެފައިވަނިކޮށެވެ.

ބެލެވޭ ގޮތުގައި ކުރިޔަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަގުތީ ސަރުކާރަކާ ބާރުތައް ހަވާލުކުރެވޭނެއެވެ.

ކޮރަޕްޝަނުގެ މައްސަލައިގައި ޕާކިސްތާނުގެ ބޮޑުވަޒީރުކަމުން ނަވާޒު ޝަރީފް މިދިޔަ އަހަރުގެ ޖުލައިމަހު ވަކިކުރި ފަހުން އެގައުމުގެ ސިޔާސީ ހަލަބޮލިކަމަށް ނިމުމެއް ނާދެއެވެ.

ނަވާޒް ޝަރީފް މަގާމުން ވަކިކުރެވުމުން އެ މަގާމަށް ވަޑައިގެންފައިވަނީ ޕާކިސްތާން މުސްލިމް ލީގް ނަވާޒް ޕާޓީގެ ޝާހިދު ހައްޤާން އައްބާސީއެވެ.

ޕާކިސްތާނުގައި ޑިމޮކްރެޓިކް އުސޫލުން ވެރިކަމުގެ ބާރުތައް ފުރަތަމަ ފަހަރަށް ބަދަލުވެގެން ގޮސްފައިވަނީ 2013 ވަނަ އަހަރު އޭރު ވެރިކަމުގައި އޮތް ޕާކިސްތާން ޕީޕަލްސްޕާޓީގެ މައްޗަށް ޕާކިސްތާން މުސްލިމް ލީގް ކުރި ހޯދުމުން އެ ޕާޓީއާ ވެރިކަން ހަވާލުކުރެވިގެންދިޔަ އިރުއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް