ކ. މާލެ
|
27 މެއި 2018 | އާދީއްތަ 01:32
ޖުމްހޫރީ ޕާޓީން މިރޭ ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.....
ޖުމްހޫރީ ޕާޓީން މިރޭ ޖަރުމަނުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.....
ޓްވިޓަރ
ގާސިމް އިބްރާހިމް
ގާސިމްގެ ހަމަލާ ރައީސް ޔާމީނަށް: ތިއީ އިސްލާމެއް ތޯ؟ ތި ވަޑައިގަންނަވަނީ އަނގުރު އަލިފާނާ ދިމާލަށް!
ރައީސް ޔާމިން ވަނީ މުޅި އާއިލާގައި "ވަކިހިތްޕާލާފައި"ވާ ކަމަށް ވިދާޅުވި
ކޯޓުން ހުކުމްތައް ނެރެނީ ޔާމިންގެ ނުފޫޒުން ކަމަށް ތުހުމަތު ކުރެއްވި
ރައީސް ޔާމީން ވަޑައިގަންނަވަނީ އަނގުރު އަލިފާނާ ދިމާލަށް ކަމަށްވެސް ވިދާޅުވި

ރައީސް އަބްދުﷲ ޔާމިނަކީ އިސްލާމެއްތޯ ސުވާލު ކުރައްވައި، އެމަނިކުފާނަށް ހޫނު ބަހުގެ ހަމަލާއެއް ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ދެއްވައިފި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދު ޖުމްހޫރީ ޕާޓީއާ ގުޅުމަށް ޖަރުމަނުވިލާތުގައި ހޮނިހިރު ދުވަހު ބޭއްވި ރަސްމިޔާތުގައި ގާސިމް އިބްރާހިމް ވަނީ ރައީސް އަބްދުﷲ ޔާމިނަށް އަމާޒުކޮށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރައީސް ޔާމިނަކީ އިސްލާމެއްތޯ ސުވާލު ކުރައްވާ ގާސިމް ދެއްކެވި ވާހަކަފުޅުގައި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމު ހައްޔަރުކޮށް ބަހައްޓަވާފައިވާތީ އެކަމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

"މިއީ ކޮންމެހެން އޭނާގެ( ރައީސް މައުމޫނު)ގެ ދިފާއުގައި ދައްކާ ވާހަކައެއް ނޫން. އަސަރުކުރޭ ދޯ، އުމުރުން ދުވަސްވީ މީހުނަށާއި އަންހެނުންނަށާއި ކުޑަ ކުދިންނަށް އަޅާލަން ޖެހޭ ކަމަށް ﷲ ވަހީކުރައްވާފައި އެބަ އޮތް. ތިއީ އިސްލާމެއް ތޯ؟." ގާސިމް ސުވާލު ކުރެއްވިއެވެ.  

.އަދި އެހެންމެ ރައީސް ޔާމީން ވަކި ނަސްލަކުން އައިސްފައިވާ ބޭފުޅަކަށް ވީތީ ބޮޑާވެ ވަޑައިނުގަތުމަށްވެސް ގާސިމް ގޮވާލެއްވިއެވެ. ގާސިމް ވިދާޅުވީ ރައީސް ޔާމީން އެ ވަޑައިގަންނަވަނީ "އަނގުރު އަލިފާނާ ދިމާލަށް" ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ އިއްޒަތްތެރި ރައީސް އޭ، މަނިކުފާނު ތިޔަ ވަޑައިގަންނަވަނީ އަނގުރު އަލިފާނާ ދިމާލަށޭ. މަނިކުފާނަކަށް މި ގައުމުގައި މަސްލަހަތާއި އަމާންކަމެއް ނުބެލެހެއްޓޭނެ. ނުބެލެހެއްޓޭނެ ތިޔަ ގޮތަކަށް. އަނިޔާވެރިކަމަށް ދުވަހަކުވެސް ﷲ ރުހިވޮޑިނުގަންނަވައޭ،" ގާސިމް ވިދާޅުވި އެވެ.  

ރައީސް ޔާމީން އިދިކޮޅު ފަރާތްތަކަށް ކޯޓު މެދުވެރިކޮށް ނުހައްގުން އަނިޔާ ދެއްވަމުންދާ ކަމަށް ވިދާޅުވެ ގާސިމް ވަނީ ރައީސް ޔާމީން ނުފޫޒާއި ބާރުގެ ބޭނުން ކުރައްވައިގެން އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުއްވުން ހުއްޓާލެއްވުމަށް ގޮވާލައްވާފައެވެ.  އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މިހާ ހަޑިމުޑުދާރު ވެރިކަމެއް ދެކިފައިނުވާ ކަމަށެވެ.

މީގެ އިތުރުން އުމުރުން 65 އަހަރުން މަތީގެ މީހުނަށް ރިޔާސީ އިންތިހާބުގައި ބައިވެރިނުވެނޭ ގޮތަށް ގާނޫނު އަސާސީ އިސްލާހް ކުރުމަށް ވޯޓު ދެއްވާފައިވާނެ ކަމަށް ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ އެ ވޯޓު ދެއްވީ ވެސް ރައީސް ޔާމީންގެ ކިބައިން ސަލާމަތް ވުމަށް ކަމަށެވެ.

"އަޅުގަނޑު ސަލާމަތްވޭތޯ އަޅުގަނޑުބެލީ މަނިކުފާނު އެވަރުންވެސް އަޅުގަނޑުގައިން ދޫކޮށްލައްވާ ތޯ. ނޫން ނޫން، ދެން ވެސް އަޅުގަނޑުގައިން ދޫނުކުރެއްވި. ހަތްބޯރައްސެއް ތަތްކޮށްފައި ހުރިހެން، އައްޓަމަހެއް ތަތްކޮށްފައި ހުރިހެން އަޅުގަނޑާއި އަޅުގަނޑުގެ އާއިލާއާ އަޅައިގެންފައި ތިހުރީ. މިއީ ކޮން ކަމެއްތޯ. މަނިކުފާނަށް ވެރިކަން ހޯދަދިނީތީ ތޯ،" ގާސިމް ވިދާޅުވި އެވެ.

އެންމެނަށް ބައިވެރިވެވޭނެ އިންތިހާބަކަށް ފުރުސަތު ދީގެން އިންސާފުން ކަންކަން ގެންދިއުމަށް ރައީސް ޔާމީނަށް ގޮވާލައްވަމުން ގާސިމް ވިދާޅުވީ އެދުވަހަކުން ރައީސް ޔާމީންގެ ފަހަތްޕުޅުގައި ނުހުންނާނެ ކަމެއް ވެސް ނޭނގޭ ކަމަށެވެ.

"ނާއިންސާފުން، ކަންތައްތައް ބާތިލްކޮށް ކޮށްނުލައްވައި، ރީތިކޮށް ހައްގުގެ މަގުގައި އެންމެން ވާދަ ކޮށްގެން ކޮމަން ފީލްޑެއްގައި ދާ ކަމަށްވާނަމަ އަޅުގަނޑު މަނިކުފާނާ އެކު ނުހުންނާނެ ކަމެއް ކިހިނެތް ތޯ އެނގިވަޑައިގަންނަވަނީ. އެ ރައްޔިތުންނަށް ދައްކަދޭންވީ. އަޅުގަނޑު މި ދަންނަވަނީ ހުންނާނަމެކޭ ވެސް ނޫނޭ، ނުހުންނާނަމެކޭ ވެސް ނޫނޭ،" ގާސިމް ވަރަށް ޖަޒްބާތުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި އެވެ.

   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް