ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 21:46
ތޫފާން މެކުނުގެ ސަބަބުން އޮމާން އަށް ބޮޑެތި ގެއްލުންތަކެއް ވެފައި
ތޫފާން މެކުނުގެ ސަބަބުން އޮމާން އަށް ބޮޑެތި ގެއްލުންތަކެއް ވެފައި
އޯއެންއޭ
ތޫފާން މެކުނު
މެކުނު އަރާ އޮމާނަށާއި ޔަމަނަށް ގެއްލުން ދީފި
އޮމާން އިން 2 މީހުން މަރުވެފައިވޭ
ޔަމަނުން 6 މީހުން މަރުވި

ތޫފާން މެކުނު އަރާ އޮމާން އަށާއި ޔަމަނަށް ބޮޑެތި ގެއްލުންތަކެއް ދީފި ކަމަށް އެ ދެގައުމުގެ ރަސްމީ އިދާރާތަކުން ހޮނިހިރު ދުވަހު ހާމަ ކޮށްފިއެވެ.

ތޫފާންގެ ސަބަބުން އޮމާނަށް ލިބުނު ގެއްލުންތަކުގެ ތެރޭގައި ދެ މީހުން މަރުވެ، ތިން މީހުން ގެއްލިފައިވާ ކަމަށް އޮމާންގެ ފުލުހުން ހާމަ ކޮށްފައިވެއެވެ.

މަރުވި މީހުންގެ ތެރޭގައި ކުޑަކުއްޖަކު ވެސް ހިމެނެއެވެ.

އޮމާނުން ގެއްލުނު ތިން މީހުންނަކީ އޭޝިއާ އަށް ނިސްބަތްވާ ތިން މީހުން ކަމަށް އޮމާންގެ ރަސްމީ ނިއުސް އޭޖެންސީ އޯ.އެން.އޭ އިން ޚަބަރު ދީފައިވެއެވެ.

ސައިކްލޯން މެކުނުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުންވީ އޮމާންގެ ދޮފަރަށެވެ. މީގެ އިތުރުން އޮމާންގެ ސަލާހްގެ އެއަރޕޯޓުވެސް ހޮނިހިރު ދުވަހާ ހަމައަށް ބަންދު ކުރަން ޖެހުނެވެ.

ހޮނިހިރު ދުވަހު ތޫފާންގެ ބާރު ކުޑަވެފައިވާ ކަމަށާއި، އަދި ވިއްސާރައިގެ އަސަރުވެސް ކުޑަވެފައިވާ ކަމަށް އޮމާންގެ ފުލުހުން ބުނެފައިވެއެވެ.

ގަދަވަޔާ ވިއްސާރައިގެ ސަބަބުން ގިނަ އަދަދެއްގެ ގަސްގަހާ ގެހި ވެއްޓި، ކޯރުތައް ބަންޑުންވެ، ކިސަޑު ފޭބުމުގެ މައްސަލަތައް ދޮފަރަށް ވަނީ ކުރިމަތިވެފައެވެ.

ފުލުހުން ލަފާދީފައިވަނީ، މެކުނުގެ އަސަރު ކުޑަވި ނަމަވެސް އާއްމުން އަދި ބޭރަށް ނުކުމެ ނޫޅުމަށެވެ.

 

ތޫފާން މެކުނުގެ ސަބަބުން ޔަމަނަށް ވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ތޫފާންގެ ސަބަބުން ޔަމަންގެ ސޮކޮޓްރާ އިން މަދުވެގެން ހަ މީހުން މަރުވި ކަމަށް ރެކޯޑް ކުރެވިފައިވާ އިރު ސާޅީސް މީހުން ގެއްލިފައިވާ ކަމަށް ޔަމަންގެ އޮފިޝަލުން ހޮނިހިރު ދުވަހު ހާމަ ކޮށްފައިވެއެވެ.

މެކުނުގެ ބާރު ގަދަވެގެން އައުމުގެ ސަބަބުން ބުރާސްފަތި ދުވަހު ޔަމަންގެ ސޮކޮޓްރާ އަށް ސްޓޭޓް އޮފް އިމަޖެންސީ އިއުލާން ކުރިއެވެ.

ތޫފާންގެ ސަބަބުން ކަނޑު އުޅަނދު ފަހަރަށް ގެއްލުންވުމާއި، ސޮކޮޓްރާގެ އަވަށްތަކުގައި ފެންބޮޑުވިއެވެ. މިހާރު އެ ސަރަހައްދުގައި މުވާސަލާތީ ޚިދުމަތް ކެނޑިފައިވާ ކަމަށް ޔަމަންގެ އޮފިޝަލުން ވަނީ ހާމަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް