ރާއްޖޭގެ ވެރިކަމަށް މި ސަރުކާރު އައިއްސުރެ، އެއްވެސް ފުލެޓެއް އެޅުނުތޯ ސުވާލް ކުރައްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައީސް ޔާމީން ޢަބްދުލް ގައްޔޫމަށް ދެއްވައިފިއެވެ.
ރައީސް، ނަޝީދު މީސް މީޑިއާ މެދުވެރިކޮށް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ވެރިކަމުގައި ހުންނެވި ޔާމީންގެ ސަރުކާރުން މިހާތަނަށް އެއްވެސް ފުލެޓެއް އަޅާފައި ނުވާ ކަމަށެވެ. މި ދައުރުގައި އެޅި ހުރިހާ ފުލެޓެއް އަޅާފައި ވަނީ އެމްޑީޕީ ސަރުކާރުގައި ހޯދި ޕްރޮޖެކްޓްތަކުގައި ކަމަށާއި އަދި ފުލެޓްތައް އަޅަމުން ދިޔަ ވަރަކަށް، ދިޔައީ އެހެން ފްލެޓްތަކުގެ ޕްރޮޖެކްޓްތައް ކެންސަލް ކުރަމުން ކަމަށް ވެސް ވިދާޅުވިއެވެ.
ވެރިކަމުގައި ހުންނެވި ރައީސް ޔާމީންގެ ހަގީގަތް ހާމަ ކުރައްމުން ރައީސް ނަޝީދު ވިދާޅުވީ ޔާމީން ކިރިޔާވެސް ފުލެޓްގެ މަސައްކަތެއް ކުރައްވަން އުޅުއްވީ 2017 ނިމެނިކޮށް އަދި 2018 ވަނަ އަހަރުގެ ކުރީ ކޮޅު ކަމަށެވެ. އޭރު ނިންމެވީ 25 ބުރީގެ 16 ޓަވަރު ހަދަން ކަމަށާއި އެތަންތަނުގެ ތެރޭގައި 550 އަކަފޫޓުގެ ދެ ކޮޓަރީގެ ފުލެޓް ތަކެއް ހިމެނޭ ކަމަށެވެ.
ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި ރައީސް ޔާމީން ހައްދަވަން އުޅުއްވާ ފުލެޓްތައް ސިފަކުރައްވާފައި ވަނީ "ކޮތަރު ކޮށިތަކެއް"ގެ ގޮތުގައެވެ.
"ކޮތަރު ކޮށިތަކެއް ހައްދަވާފަ. އެތަންތަނަށް ރާއްޖޭގެ ރައްޔިތުން ލެއްވުމަށް. އެހެންނަމަވެސް މީގެން އެއްވެސް ތަނަކީ އަދި އޭގެ އަމަލީ ސިފަ މިއިން އެއްވެސް ދުވަހަކު ފެންނާން ހުރި ތަންތަނެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން އުޅެނީ އެ ފުލެޓްތައްވެސް އަޅާނެ ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލަން ކަމަށެވެ.
ސަރުކާރު ހިއްސާވާ އެތައް ކުންފުންޏެއްގެ ދަށުން ފުލެޓް އަޅާނެ ކަމަށް ވިދާޅުވެ ވަނީ އިއުޅާން ތަކެއް ކޮށްފައި ކަމަށާއި އެ ފުލެޓްތަކުގެ މަސައްކަތާއި އެކަންތައް ހުއްޓިފައި ހުރީ އެ އިއުލާންތަކާއި ހަމައިން ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ނަޝީދު މިދުވަސްކޮޅު ދަނީ މީސް މީޑިއާ މެދުވެރިކޮށް ރައްޔިތުންނާ ވާހަކަ ދައްކަވާ، ސަރުކާރުގެ ދޯ ހަޅި ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ރައީސް ނަޝީދު ޖަޒީރާ ރައީސްގެ ކެމްޕެއިން ހަރަކާތްތައް ވަރަށް ބާރަށް ކުރިއަށް ދާއިރު ވެލިދޫ އަދި އުކުޅަހުގައި ވަނީ މި މަހުގެ 27 އަދި 28 ގައި ކެމްޕެއިން ހަރަކާތް ކުރިއަށް ގެންދަވަން ނިންމަވައިފައެވެ.