ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 19:44
އަދާލަތު ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
އަދާލަތު ޕާޓީން ބޭއްވި ޖަލްސާއެއްގެ ތެރެއިން
އަދާލަތު ޕާޓީ
އަދާލަތު ޕާޓީ
ޕްރައިމަރީ ބާއްވާނެ ތާރީހެއް އީސީއަކަށް ކަނޑަނޭޅޭނެ، އެންގުން ޣައިރު ގާނޫނީ: އަދާލަތު
އިންތިހާބަށް އީސީ ތައްޔާރުވެވިފައެއް ނެތް: އަދާލަތު
މަސްލަހަތު އޮތް ގޮތަކީ އީސީ މެމްބަރުން އިސްތިއުފާ ދެއްވުން
ޕްރައިމަރީގެ ނަތީޖާ ވެސް އީސީއަށް ފޮނުވާކަން ނުޖެހޭނެ

ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ އިހްތިޔާރު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ލިބިގެން ނުވާ ކަމަށާއި ވަކި މުއްދަތެއްގެ ކުރިން ޕްރައިމަރީ ބޭއްވުމަށް އީސީން އަންގާފައިވާ އެންގުމަކީ ޣައިރު ގާނޫނީ އެންގުމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.

އަދާލަތު ޕާޓީން އެގޮތަށް ބުނެފައި ވަނީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ފޮނުވި ސިޓީއަކަށް ޖަވާބު ދީ، މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނަށް ފޮނުވި ސިޓީއެއްގައެވެ.

އަދާލަތު ޕާޓީ ހިމެނޭ ގޮތަށް، އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް އަންގާފައި ވަނީ ރިޔާސީ އިންތިހާބަށް ކެނޑިޑޭޓަކު ނެރުމަށް ޕްރައިމަރީއެއް ބާއްވާނަމަ، އަންނަ މަހުގެ އެކެއްގެ ކުރިން ޕްރައިމަރީ ބޭއްވުމަށާއި ޕްރައިމަރީ ކާމިޔާބު ކުރައްވާ ކެނޑިޑޭޓެއްގެ ނަން އަންނަ މަހު އަށެއްގެ ކުރިން އެ ކޮމިޝަނަށް އެންގުމަށެވެ.

އެ ސިޓީއާ ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު، އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވެވި ސިޓީއެއްގައި ބުނެފައި ވަނީ ޕާޓީތަކުން ޕްރައިމަރީ ބާއްވަނީ ގާނޫނާ އެއްގޮތަށް ތޯ ކަނޑައެޅުމުގެ ބާރު އެ ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.

ގާނޫނުއަސާސީ އާއި އިލެކްޝަންސް ކޮމިޝަންގެ ގާނޫނާ ހަވާލާދީ، އެ ސިޓީގައި ބުނެފައި ޕްރައިމަރީ ބާއްވާނެ ތާރީހު ކަނޑައަޅައި، ޕްރައިމަރީގެ ނަތީޖާ އެ ކޮމިޝަނަށް ހުށަހަޅުމަށް ގާނޫނަކުން ލާޒިމުކޮށްފައި ނުވާ ކަމަށެވެ.

ދިހަ ދުވަހުގެ ތެރޭގާއި ޕްރައިމަރީ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އެންގި އެންގުމަކީ ޣައިރު ގާނޫނީ އެންގުމެއް ކަމަށް ބުނެ، އެ ސިޓީގައި ބުނެފައި ވަނީ އީސީގެ އެންގުމުގެ ސަބަބުން އެ ކޮމިޝަންގެ މެމްބަރުން، ސުލީކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބު ބޯމަތިވެގެން އަންނަ އިރު އިލެކްޝަންސް ކޮމިޝަނުން އެންމެ އެދެވޭ ގޮތުގައި އިންތިހާބަށް ތައްޔާރުވެވިފައި ނުވާ ކަމަށާއި ގާނޫނުތަކަށް ގެނެވުނު ބަދަލުތަކާއި ގުޅިގެން އެ ގާނޫނުތަކުގެ ދަށުން ހެދިފައިވާ ގަވާއިދުތައް އެ ކޮމިޝަނުން މުތާލިއާ ކޮށްފައި ނުވާ ކަމަށް ވެސް އަދާލަތުގެ ސިޓީގައި ބުނެފައިވެއެވެ.

"ވޭތުވެދިޔަ އަހަރުތަކުގައި ސިޔާސީ ގޮތުން ވަކި ފިކުރުތަކެއް ކުރިއެރުވުމަށް ސީދާ އަމަލީ ގޮތުން މަސައްކަތް ކޮށްފައިވާ ބޭފުޅުން ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި އެބަ ތިއްބަވައެވެ. އަދި 2017 ވަނަ އަހަރުގެ ބޭއްވުނު ލޯކަލް ކައުންސިލް އިންތިހާބުގައި ކަންކަން ހިނގައިދިޔަ ގޮތުން ދިވެހި ލޮބުވެތި ރައްޔިތުންގެ ކުރިމަތީގައި ތިޔަ ކޮމިޝަން އިތުބާރު އޮތް ކަމަށް ގަބޫލެއް ނުކުރަމެވެ،" އަދާލަތު ޕާޓީގެ ސިޓީގައި ބުނެފައިވެއެވެ.

އެ ސިޓީގައި ނިންމާލަމުން އީސީގެ މެމްބަރުން ގޮވާލާފައި ވަނީ އެ މެމްބަރުން އިސްތިއުފާ ދެއްވުމަށެވެ. ގައުމުގެ އެންމެ މަސްލަހަތު އޮތް ގޮތަކީ އީސީގެ މެމްބަރުން އިސްތިއުފާ ދެއްވައި ސިޔާސީ ހުރިހާ ޕާޓީތަކަށް އެއްބަސްވެވޭ، ރައްޔިތުންގެ އިތުބާރު އޮތް ކޮމިޝަނެއް އެކުލަވާލުން ކަމަށް އެ އަދާލަތު ޕާޓީން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް