ދުނިޔޭގެ އަށް ވަނައަށް އެންމެ ބޮޑު ކާރު އުފައްދާ ކުންފުނި، ފިއަޓް ކްރައިސްލަރ އިން އެމެރިކާއަށް ވިއްކާފައިވާ 4.8 މިލިއަން ކާރު އަނބުރާ ނަގަން ނިންމައިފިއެވެ.
ފިއަޓް ކްރައިސްލަރ އިން ބުނީ ކާރު އަނބުރާ އާންމުން އަތުން ނަގަން ނިންމީ އޮޓޮމެޓިކްކޮށް ބާރުމިން ކޮންޓްރޯލް ކުރާ ނިޒާމަށް މައްސަލަ ޖެހިފައި ވާތީ ކަމަށެވެ.
ފިއަޓް ކްރައިސްލަރއިން ބުނީ ވަކި ޚާއްސަ ވަގުތު ތަކުގައި އެކުންފުނީގެ ކާރުތައް، މިސާލަކަށް ފަރުބަދަ މައްޗަށް އަރާއިރު، ބާރުމިން އެއް ވަރެއްގައި ހިފެހެއްޓުމަށް އޮޓޮމެޓިކްކޮށް މަސައްކަތް ކުރަން ފަށާ ކަމަށެވެ. އެހެންނަމަވެސް އެވަގުތު އިލެކްޓްރިކަލް ސިސްޓަމްގެ ކަރަންޓް ބޯޑު ޝޯޓު ވެއްޖެނަމަ އޮޓޮމެޓިކްކޮށް ކާރު ދުއްވާ ނިޒާމަށް މައްސަލަ ޖެހޭ ކަމަށެވެ. އެކަހަލަ ހާދިސާއެއްގައި ޑްރައިވަރަށް ކާރު ދުއްވާ ބާރުމިނުގެ ކޮންޓްރޯލް ކުރުމުގެ ފުރުސަތު ގެއްލި، އެ ނިޒާމް ނިވާލުމުގެ ފުރުސަތުވެސް ގެއްލިދެއެވެ.
ފިއަޓް ކްރައިސްލަރއިން ބުނީ އެހެންނަމަވެސް މިހާތަނަކަށް އެ ނިޒާމްގެ މައްސަލަ ޖެހިގެން އެކްސިޑެންޓެއް އަދި އަނިޔާއެއް ވެފައި ކަމުގެ ޚަބަރު ލިބިފައި ނުވާ ކަމަށެވެ.
އެކުންފުނިން ވަނީ އާންމުން ކިބައިން އެ ނިޒާމް އަބަދުވެސް ނިއްވާލާފައި ބެހެއްޓުމަށް އެދިފައެވެ. އަދި ދުއްވާއިރު އެ ނިޒާމަށް މައްސަލައެއް ޖެހިއްޖިއްޔާ ކާރު ނިއުޓްރަލްއަށް ލުމަށް ފަހު ބުރަކި ޖައްސައިގެން ދުވެލި މަޑުކުރުމަށް ވަނީ އެދިފައެވެ. އެއަށްފަހު ކާރު ޕާކް ގިޔަރަށް ލުމުން އޮޓޮމެޓިކްކޮށް ކާރުގެ ދުވެލި ކޮންޓްރޯލް ކުރާ ނިޒާމް ނިވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.
ފިއަޓް ކްރިސްލާއިން ވަނީ 2014 އިން ފެށިގެން މިއަދާ ހަމައަށް އުފައްދާފައިވާ އެކި މޮޑެލްތަކުގެ ކާރު އަނބުރާ ނަގަން ނިންމާފައެވެ. އޭގެ ތެރޭގައި އެހެނިހެން ގައުމުތަކަށް ވިއްކާފައިވާ ކާރުތައްވެސް ހިމެނެއެވެ.
ކާރުތައް އާންމުންގެ އަތުން ނެގުމަށް ދާނީ ކިހާވަރެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.