އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖޫން މަހު ބާއްވަން އޮތް ބައްދަލުވުން އެމެރިކާގެ ރައީސް ކެންސަލް ކުުރުމާ ގުޅިގެން ކަންކަން ހަލަބޮލިވެފައިވާއިރު، ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ކުއްލި ހައިރާންކުރަނިވި ބައްދަލުވުމެއް ހޮނިހިރު ދުވަހު ބާއްވަވައިފިއެވެ.
ރިޕޯޓުތައް ބުނާގޮތުން އުތުރު ކޮރެއާގެ ލީޑަރާއި ދެކުނު ކޮރެއާގެ ރައީސް ބައްދަލު ކުރެއްވީ ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް ކުރައްވާ މަސައްކަތްޕުޅުގެ ދަށުންނެވެ.
އުތުރު ކޮރެއާގެ ލީޑަރާއި ދެކުނު ކޮރެއާގެ ރައީސް ހޮނިހިރު ދުވަހު ބޭއްވެވި ބައްދަލުވުން ބޭއްވީ އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ޕަންމުންޔޮން ވިލެޖުގައެވެ. ދެބޭފުޅުންގެ ބައްދަލުވުން ހޮނިހިރު ދުވަހު ބޭއްވިއިރު މެއި މަހުވެސް އުތުރު ކޮރެއާގެ ލީޑަރާއި ދެކުނު ކޮރެއާގެ ރައީސް ވަނީ ބައްދަލު ކުރައްވާފައެވެ. މެއި މަހު ދެބޭފުޅުން ބޭއްވި ބައްދަލުވުމަކީ 10 އަހަރަށް ފަހު ދެގައުމުގެ ވެރިން ބޭއްވި ތާރީޚީ ބައްދަލުވުމެކެވެ.
ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވަނީ އުތުރު ކޮރެއާގެ ލީޑަރާއި ދެކުނު ކޮރެއާގެ ރައީސްގެ ބައްދަލުވުމުގައި އުތުރު ކޮރެއާ އާއި އެމެރިކާގެ ވެރިންގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތްޕުޅު ކުރެވޭނީ ކިހިނެއްތޯ، ދެގައުމުގެ ވެރިން ހިޔާލު ބަދަލުކުރެއްވި ކަމަށާއި އަދި އޭޕްރީލް މަހު އުތުރު ކޮރެއާގެ ރައީސް އާއި ދެކުނު ކޮރެއާގެ ރައީސް އާ ދެމެދު ބޭއްވުނު ބައްދަލުވުުމުގައި އެއްބަސްވެވުނު ކަންކަމަށް އަމަލު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން ބާއްވަން ހަމަޖެހިފައި އޮތް ތާރީީޚީ ބައްދަލުވުން އެމެރިކާގެ ރައީސް ކެންސަލް ކުރެއްވި އިރު، މި ބައްދަލުވުން ބާއްވަން ހަމެޖެހިފައި އޮތީ ޖޫން 12 ވަނަ ދުވަހު ސިންގަޕޫރުގައެވެ. އުތުރު ކޮރެއާގެ ލީޑަރަށް ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ފޮނުއްވި ސިޓީގުޅެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމާއި، ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތަކީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ".