އިޒްރާއިލުން ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ވެރިރަށް ގުދުސްގައި ދިރި އުޅެމުންދާ، ފަލަސްތީނު ރައްޔިތުންގެ ރައްވެހިކަން ފޭރިގަނެވޭނެ ގޮތަށް އިޒްރާއިލުގެ ގާނޫނަށް ގެނައި ބަދަލާ ގުޅިގެން އެތައްބަޔަކު ހާލުގައި ޖެހި ދާނެ ކަމުގެ ބިރު ހީވެއްޖެއެވެ.
އެ ގާނޫނުގަ ވާގޮތުން ގުދުސްގައި ދިރިއުޅޭ ފަލަސްތީނުގެ ރަށްވެހިން އިޒްރާއިލަށް ހިތް ޚަލާސް ނޫން ކަމަށް ހީވެއްޖިއްޔާމުން ގުދުސްއިން ބޭރުކުރުމުގެ ބާރު ވަނީ ދީފައެވެ. އެ ގާނޫނު ތަންފީޒު ކުރުމުގެ ބާރު ގާނޫނު ހަދާ މަޖިލީހުން ދީފައިވަނީ އިޒްރާއިލުގެ ހޯމް މިނިސްޓަރަށެވެ.
ގުދުސްގައި ދިރިއުޅެމުން ދިޔަ ފަލަސްތީނުގެ ހަތަރު މަޖިލިސް މެމްބަރުން ބޭރު ކުރި ކުރުން ވަނީ މޭ މަހު ފާސްކުރި މި ގާނޫނާއެކު އެގައުމުގެ ހޯމް މިނިސްޓަރަށް ކުރެވޭނެ ކަމެއް ކަމަށް ކަނޑައަޅާފައެވެ.
އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ވަނީ މި ގާނޫނާ ދޭތެރޭ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ގާނޫނަކީ ބައިނަލްއަގްވާމީ ގާނޫންތަކާއި ޚިލާފް ގާނޫނެއްކަން ފާހަގަކޮށް ދުނިޔޭގެ ސަމާލުކަމަށް މިކަން ގެނައުމަށް މަސައްކަތް ކޮށްފައެވެ. އެ ޖަމިއްޔާތަކުން ދަނީ މިކަމުގެ ސަބަބުން ފަލަސްތީނުގެ އާންމު ރައްޔިތުންގެ އިންސާނީ ހައްގުތައް ގެއްލިގެން ދާކަމަށް ބުނަމުންނެވެ.
ފަލަސްތީނުގެ ގާނޫނު ހަދާ މަޖްލިސް މެމްބަރެއް ވަނީ އިޒްރާއިލް ގާނޫނުގެ ސަބަބުން ހަޔާތަށް ދިމާވި އުދާސްތައް މީޑިއާއަށް ހިއްސާ ކޮށްފައެވެ. މަޖިލިސް މެމްބަރު އަހްމަދު ވިދާޅުވީ ގުދުސް ކައިރީގައި އުޅެމުންދާއިރު އެތަނަށް ނުވަދެވުމަކީ ހިތަށް ކުރާ އަސަރު ބަޔާން ކޮށްދެވޭނެ ކަމެއް ނޫން ކަމަށެވެ. އާއިލާއާ އެއްކޮށް އުޅެމުންދަނިކޮށް އެތަނުން ބޭރު ކުރި މެމްބަރު އަހްމަދު ވިދާޅުވީ ގުދުސްއާއި ހިތާ ދެމެދު ވަނީ ވަރަށް ޚާއްސަ ގުޅުމެއް އުފެދިފައި ކަމަށެވެ.
އާއިލާއާއި ބައްދަލު ކުރެވެނީވެސް އެމީހުން އަހްމަދު އުޅުއްވާ ސަރަހައްދަށް ދިއުމުންނެވެ. ހަފްތާއަކު އެއްފަހަރު އާއިލާއިން ބައްދަލު ކުރަން ދާއިރު، އަހްމަދާއެކު ދިރިއުޅުމަށް ދުވަހަކުވެސް ފުރުސަތު ލިބިފައި ނުވާ އަށް އަހަރުގެ އަންހެން ދަރިފުޅުވެސް ޒިޔާރާތް ކުރެއެވެ. އަހްމަދު ވިދާޅުވީ ހަޔާތުގެ އެންމެ ދުވަހަކު ނަމަވެސް އެ ދަރިފުޅު ސުކޫލުން ނިންމާލައިފައި އަންނަތަން ދެކެން ބޭނުންވާ ކަމަށެވެ.
ފަލަސްތީނުގެ ގިނަ ރައްޔިތުން ވަނީ އިޒްރާއިލުގެ ގާނޫނުހަދާ މަޖިލީހުން ފާސްކުރި ގާނޫނުގެ ސަބަބުން ބިރުވެރި ކަމެއްގެ ތެރޭގައެވެ. އެ ގާނޫނުގެ ސަބަބުން ގިނަ އަދަދެއްގެ ރައްޔިތުން ގުދުސް އިން ބޭރު ކުރެވިގެންދާނެ ކަމަށް ފަލަސްތީނުގެ ރައްޔިތުން ދެކެއެވެ.