ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 14:29
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދު (ކ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު (ވ)
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައިދު (ކ) އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު (ވ)
މުހައްމަދު ޝަރުހާން
ސަރުކާރު ވައްޓާލަން އުޅުން
އުއްތަމަފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ އިސްތިއުނާފްގެ އަޑުއެހުމެއް މާދަމާ!
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އަޑުއެހުން: 13:00 ގައި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަޑުއެހުން: 14:00 ގައި
އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި 15 ކަމެއް ފާހަގަކޮށްފައިވޭ

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކްމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ބުރާސްފަތި ދުވަހު ފެށިފައިވާއިރު، އިތުރު އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލް ކޮށްފި އެވެ.

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް ކުރިއަށްދާއިރު ކުރިއަށް ގެންދަނީ ދެ މައްސަލައެއްގެ ގޮތުގަ އެވެ. އެގޮތުން އާދިއްތަ ދުވަހު ބާއްވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތުގެ އަޑުއެހުން ތާވަލް ކޮށްފައި ވަނީ 13:00 އަށެވެ. ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތުގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ 14:00 އަށެވެ.

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް އެ ބޭފުޅުންގެ މައްޗަށް ސާބިތުވާ ކަަމަށް ކަނޑައަޅުއްވާފައި ވަނީ  މި މަހުގެ 10 ވަނަ ދުވަހެ އެވެ. އަދި އެ ހުކުމް އިސްތިއުނާފަށް ހުށަހެޅުއްވީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެހެން ކަމުން މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް މި މައްސަލަ ހުށަހެޅުއްވިތާ 8 ދުވަސް ތެރޭގައި މިވަނީ ފަށާފަ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދަށް މި ހުކުމް އައިސްފައި ވަނީ  ވަކި ގޮތަކަށް ކޯޓުން ހުކުމްތައް ނެރުމަށް އެ ދެ ފަނޑިޔާރުން ދަށު ކޯޓު ދެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށްބުނެ ދިން ހެކިބަހަށް ރިއާޔަތް ކޮށެވެ.

އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު، ފަނޑިޔާރުންތަކަކަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލާގައި އެ ބޭފުޅުންނާ ދެކޮޅަށް ހެކިބަސް ދިން ފަރާތްތަކުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ ކަމަށް،  މިމައްސަލައިގެ އިސްތިއުނާފުގެ ފުރަތަމަ އަޑުއެހުމުގައި އެ ދެ ބޭފުޅުންގެ ގާނޫނީ ވަކީލުން ވަނީ ވިދާޅިވެފަ އެވެ. އެގޮތުން އެ މައްސަލާގައި ދެ ފަނޑިޔާރުން ފަރާތުން އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި 15 ކަމެއް ފާހަގަކުރެ އެވެ.

ބުރާސްފަތި ދުވަހު ހައިކޯޓުގައި ވަކިވަކިން ކުރިއަށް ގެންދިޔަ އެ ދެ އަޑުއެހުމުގެ ވަގުތު ހަމަވިއިރު ވެސް އިސްތިއުނާފީ ނުކުތާތައް ހުށަހަޅައި ނުނިމުމުން ފަނޑިޔާރުންގެ ބެންޗުން ނިންމީ އެ މައްސަލާގެ ދެން އޮންނަ އަޑުއެހުމެއްގައި ބާކީ އޮތްބައި ކުރިއަށް ގެންދިއުމަށެވެ. 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބައްލަވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ. ރިޔާސަތުގައި އިންނަވަނީ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމްވެސް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް