ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ބައިވެރިވެވަޑައިގަންނަވާ ވަރަށް ޚާއްސަ ޖަލްސާއެއް އާދީއްތަ ދުވަހުގެ ރޭ ޖަރުމަންވިލާތުގައި ބޭއްވުމަށް ނިންމައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ސެކްރެޓަރީޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އާދީއްތަ ދުވަހުގެރޭ 9:30 ގައި ބާއްވާ މިޖަލްސާ ވަގުތުން މ ކުނޫޒްގައިވެސް ވީޑިއޯ މެދުވެރިކޮށް ދައްކަމުންދާނެ ކަމަށާއި އެޕާޓީގެ ހޭވައްލާ ޕްރޮގްރާމްގެ ތެރެއިން ލ އަތޮޅުގައި އެގަޑީގައި ހަރަކާތްތެރިވާ ޓީމު ތިއްބަވާ ރަށެއްގައިވެސް ވަގުތުން ދައްކާނެ ކަމަށެވެ.
ސަމީރު ވިދާޅުވީ ޖަރުމަންގެ ފްރެންކްފަރޓްގައި ބާއްވާ މި ޖަލްސާއަކީ ވަރަށް ޚާއްސަ ރަސްމިއްޔާތެއްކަމަށެވެ. މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އިތުރުން ނާއިބު ލީޑަރު އަމީން އިބްރާހިމްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ ޖަރުމަންގެ ފްރެންކްފަރޓްގައި ބޭއްވި ޖަލްސާ ފަދައިން މި ޖަލްސާއަކީވެސް ޖުމްހޫރީ ޕާޓީއަށް ވަރަށް ޚާއްސަ ބޭފުޅަކު ސޮއިކުރުމަށް ބާއްވާ ޖަލްސާއެއްކަމަށްވެސް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ. އެއީ ސިޔާސީގޮތުން ވަރަށް ފުންނާބުއުސް ސިޔާސީ ބޭފުޅެއްކަމަށާ އޭގެ އިތުރަށްވެސް އިތުރު ބޭފުޅުންކޮޅެއް ޖުމްހޫރީ ޕާޓީއަށް މި ޖަލްސާގައި ގުޅިވަޑައިގަންނަވާނެކަމަށް ޖުމްހޫރީ ޕާޓީން ވަނީ ބުނެފައެވެ.
މިދިޔަ ފެބުރުއަރީ މަހުގެ 10 ވަނަ ދުވަހުގެ ރޭ ޖަރުމަންގެ ފްރެންކްފަރޓްގައި ބޭއްވި ޖަލްސާގައި ކުރީގެ ނާއިބް ރައީސް ޑރ. މުހަންމަދު ޖަމީލު އަހްމަދު ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ. ޑރ ޖަމީލުގެ އިތުރަށް މި ރަސްމިއްޔާތުގައި މި ސަރުކާރުގެ ކުރީގެ ޔޫތު މިނިސްޓަރ މުހަންމަދު މަލީހު ޖަމާލާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީނާއި، މިނިސްޓްރީ އޮފް ޑިފެންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރ މުހަންމަދު އަހްމަދު މަނިކާއި، އެމް.އެން.ޑީ.އެފްގެ މެޑިކަލް ޑޮކްޓަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ޑރ. ޝާހު މާހިރުވެސް ޖުމްހޫރީ ޕާޓީއަށް ވަނީ ސޮއިކުރައްވާފައެވެ.