ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 14:25
ފަހުމީ ކޯޓުން ނެރެގެން، ފުލުހުންގެ ވެހިކަލަކަށް އަރުވަނީ
ފަހުމީ ކޯޓުން ނެރެގެން، ފުލުހުންގެ ވެހިކަލަކަށް އަރުވަނީ
ރާއްޖެ އެމްވީ
ތެޔޮ ޓޭންކަރު މައްސަލަ
ތެޔޮ ޓޭންކަރު މައްސަލާގައި ހައްޔަރު ކުރި ފަހުމީ ދޫކޮށްލައިފި
އޭނާ ދޫކޮށްލި ސަބަބު ފުލުހުން ހާމައެއް ނުކުރޭ
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ވެސް ކުރި
ދޮޅު މަހެއްހާ ދުވަހު ހައްޔަރުކޮށް، ތަހުގީގު ހިންގި

އުތުރު ކޮރެއާގެ ތެޔޮ ޓޭންކަރަކަށް ކަނޑުމަތިން މުއާމަލާތްތަކެއް ހިންގި، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނާ ތެޔޮ ޓޭންކަރުގެ މައްސަލާގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި އެވެ.

ތެޔޮ ޓޭންކަރު މައްސަލާގައި މިދިޔަ މާޗު މަހު ހައްޔަރު ކުރީ ރާއްޖެއިން ބޭރުގެ އެކި ފަރާތްތަކާ ގުޅިގެން ފުޅާ ދާއިރާއެއްގައި ތެލުގެ ވިޔަފާރި ކުރި ގދ. މަޑަވެލީ، އަބްދުﷲ ފަހުމީއެވެ. "ރާއްޖެއެމްވީ" އެނގިފައިވާ ގޮތުގައި ދޮޅު މަހެއްހާ ދުވަހު ބަންދުގައި ބޭންދުމަށްފަހު، އޭނާ ވަނީ ދޫކޮށްލާފައެވެ.

އޭނާ ދޫކޮށްލި ސަބަބާ ގުޅޭ ގޮތުން ފުލުހުން ކޮމެންޓެއް ނުކުރިއެވެ.

ފަހުމީގެ މައްޗަށް ފުލުހުން ތުހުމަތުކޮށްފައި ވަނީ ސަރުކާރު ވައްޓާލުމަށް އެކި ފަރާތްތަކަށް ފައިސާ ދިނުމާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި އެ ފަދަ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމެވެ. އޭގެ އިތުރުން ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހެދުމަށް ފަހު، އެ އޮތޯރިޓީގައި ކުރިން މަސައްކަތް ކުރި އިސް މީހެއްގެ ނަމުގައި މެއިލް އެޑްރެސްއެއް ހުޅުވައި، އެ ބޭނުންކޮށްގެން އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)އަށް ސައްހަ ނޫން މެއިލްތަކެއް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރެ އެވެ. އެ ތުހުމަތާއެކު ސައްހަ ލިޔުމަކަށް ބަދަލު ގެނެސް، އެ އެ ނަކަލު ކުރުމާއި ރިޝްވަތު ދިނުމާއި ޓްރާންސްޕޯޓް އޮތޯރިޓީގެ ނަމުގައި ސައްހަ ނޫން ޑޮކިއުމަންޓްތަކެއް ތައްޔާރު ކުރުމާއި އެ އޮތޯރިޓީގެ ނަމުގައި ތައްގަނޑެއް ހަދައި އެ ބޭނުން ކުރުމުގެ ތުހުމަތު ވެސް ފަހުމީގެ މައްޗަށް ވަނީ ކޮށްފައެވެ. އަދި ރާއްޖޭގައި އެއްވެސް އިރެއްގައި ރަޖިސްޓްރީ ކޮށްފައި ނުވާ ބޯޓަކަށް ސައްހަ ނޫން ކޯލް ސައިންތަކެއް ފޮނުވަން މެއިލްކޮށް، އެ ބޯޓުގައި ދިވެހި ދިދަ ބޭނުންކޮށްފައިވާ ކަމަށް ވެސް ފުލުހުން އޭނާގެ މައްޗަށް ތުހުމަތު ކުރެ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެއާގެ އުޅަނދަކަށް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކަމަށްބުނާ "ޝިން ޔުއާން 18" އިން މުއާމަލާތްތަކެއް ކުރިކަން ޖަޕާނުގެ ފޮރިން މިނިސްޓްރީން ހާމަކުރުމާ އެކު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެއީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދެއް ނޫން ކަމަށެވެ.

އެކަމާ ގުޅިގެން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެފައި ވަނީ އެ މައްސަލައަކީ ބަޔަކު ރާވައިގެން ހިންގި ބޮޑު ކުށެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް