އެމެރިކާގެ ކެއުން ހައްގުނޫން ކަމަށް ބުނެ މިސްރުގެ ކުދިންތަކަކަށް އެމެރިކާގެ ފްލޮރިޑާގައި ހުރި މެކްޑޮނާލްޑްސް ބޭރުގައި މީހަކު ބިރުދެއްކި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
އެމެރިކާގެ ފުލުހުން ބުނީ އެމީހާއަކީ ފްލޮރިޑާއަށް ނިސްބަތްވާ އުމުރުން 60 އަހަރުގެ ސްމިތު ޖޯން ޖޭ ކިޔާ ފިރިހެނެއް ކަމަށެވެ.
އެމީހާ މިސްރުގެ ދެ މުސްލިމު ފިރިހެނުންނަށް ބިރުދައްކާފައިވަނީ މެކްޑޮނާލްޑްސްގެ ބޭރުގައި ހަމަލާދޭނެ ކަމަށް ބުނެ އެވެ. އެމީހާ އަތުގައި ވަޅިއާއި ސްޓަންޓް ގަން އޮތް ކަމަށް ފުލުހުން ބުނެއެވެ. އަދި އެކުދިންނަށް އެމެރިކާގައި ކެއުން ހައްގުނޫން ކަމަށާއި އަވަހަށް ގައުމުން ބޭރަށް ދިއުމަށް އިންޒާރު ދިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ. އެމީހާ އެހެން ބުނުމުން އެދެކުދިން އަވަހަށް ކާރަށް އެރުމަށް ދުއްވައިގަތީ ކަމަށާއި ދުއްވައިގަތުމުން ސްމިތުވެސް އެދެކުދިން ފަހާ ދުއްވައިގަތް ކަމަށް މަންޒަރު ދުށް މީހުންނާއި ހަވާލާދީ ރިޕޯޓްތައް ބުނެއެވެ.
މިސްރުގެ ދެ ދަރިވަރުންނަށް ސްމިތު ބިރު ދައްކާފައިވަނީ އަފްޣާނިސްތާނުގައި އެމެރިކާއިން ކުރި ހަނގުރާމައެއްގައި އޭނާގެ ދަރިފުޅު މަރާލި ކަމަށް ބުނެއެވެ. އޭނާ ހައްޔަރު ކުރުމުން ވެސް "އެމީހުން ވަނީ އަހަރެންގެ ދަރިފުޅު މަރާލާފައި" ކަމަށް އެތަށް ފަހަރަކު ބުނެފައިކަމަށް ފުލުހުން ބުނެއެވެ. މިމައްސަލާގައި ސްމިތުގެ މައްޗަށް ތޫނު ހަތިޔާރު ބޭނުންކުރުމާއި ބިރުދެއްކުމުގެ ތުހުމަތު ކޮށް ތަހުގީގު ވަނީ ފަށާފައެވެ.