ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 08:59
އިސްރާއީލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ޒުވާނެއްގެ ޖަނާޒާ
އިސްރާއީލު ސިފައިންގެ ބަޑީގެ ހަމަލާއެއްގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ޒުވާނެއްގެ ޖަނާޒާ
ގެޓީ އިމޭޖަސް
ފަލަސްޠީނު - އިސްރާއީލު
ހަތިޔާރުނެތް އާންމުން ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހުމަކީ މައްސަލައެއް ނޫން ކަމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި
ކަނޑައަޅާފައިވަނީ މުޒާހަރާތަކަކީ ހަމާސް އާއި ދެމެދު ބަދަލުކުރެވޭ ހަމަލާތަކުގެ ބައެއް ކަމަށް

ފަލަސްޠީނުގެ ހަތިޔާރުނެތް އާންމުންގެ ގަޔަށް އިސްރާއީލު ސިފައިން ބަޑިޖެހުމަކީ މައްސަލައެއް ނޫންކަމަށް އިސްރާއީލުގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އިސްރާއީލުގެ ސުޕްރީމް ކޯޓުން މި ނިންމުން ނިންމާފައިވަނީ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ 6 ޖަމުޢިއްޔާއަކުން އެކޯޓަށް ހުށަހެޅި މައްސަލައެއް ބެލުމަށްފަހުއެވެ.

އެ މައްސަލައިގައި ޖަމުޢިއްޔާތަކުން އެދިފައިވަނީ ހަތިޔާރު ނެތް އާންމުންގެ ގަޔަށް ބަޑިޖެހުމަށް އިސްރާއީލުގެ ސިފައިންނަށް ހުއްދަދޭ ހުރިހާ ޤަވާއިދަކާއި، އުސޫލުތަކަކީ ޣައިރުޤާނޫނީ ތަކެތި ކަމަށް ކަނޑައަޅައި، އެތަކެތި ބާޠިލް ކޮށްދިނުމަށެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ބެންޗު އިއްތިފާޤުވެފައިވަނީ އިސްރާއީލުގެ ސިފައިންނާއި އެއްކޮޅަށް މި މައްސަލަ ނިންމުމަށެވެ. އެގޮތުން މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ ދިގުދެމިގެންދާ އަސްކަރީ ކުރިމަތިލުމެއްގެ ތެރެއިން އޮފިހެދިގެން އައިސްފައިވާ ކަމަކަށް ވެފައި، އެ ކުރިމަތިލުމަކީ ޣައްޒާގައި ވެރިކަންކުރާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ ހަމާސް އާއި ދެކޮޅަށް ކުރިއަށްދާ ކުރިމަތިލުމެއްކަމުން، މި ކުރިމަތިލުމުގައި ވާދަވެރި ހުރިހާ ފަރާތްތަކެއްގެ މައްޗަށް "ހަތިޔާރު ބޭނުންކޮށްގެން ކުރިއަށްގެންދާ ކުރިމަތިލުމުގެ އުސޫލު" ގައިވާ ކަންކަން ހިންގޭނެ ކަމަށް ފަނޑިޔާރުން ވަނީ ނިންމަވާފައެވެ. އެފަދަ އުސޫލުތަކަކީ ހަތިޔާރު ބޭނުންކުރުމާއި ގުޅޭގޮތުން ހެދިފައި ހުންނަ އާންމު ޤަވާއިދުތަކަށް ވުރެ ސިފައިންނަށް ބާރުދީގެން ހަދާފައިވާ އުސޫލުތަކެކެވެ.

މި ނިންމުމަށް ފަހު މައްސަލަ ހުށަހެޅި 6 ގްރޫޕުގެ ތެރޭގައި ހިމެނޭ ޔޭޝް ދިން ކިޔާ ޖަމުޢިއްޔާއަކުން ވަނީ މީހުން މެރުމާއި، އިތުރު ޒަޚަމްތައް ހުއްޓުވުމަށް ލިބުނު ފުރުޞަތު ފަނޑިޔާރުން ނަގާލާފައިވާ ކަމަށް ބުނެފައެވެ.

ފަލަސްޠީނުގެ ރައްޔިތުން ޣައްޒާ ގެ ބޯޑަރުގައި މުޒާހަރާ ކުރަމުންދާއިރު، މުޒާހަރާތަކުގެ ބައިވެރިންގެ ތެރެއިން 100 އަށް ވުރެ ގިނަ މީހުން ވަނީ އިސްރާއީލު ސިފައިންގެ ބަޑީގެ ހަމަލާތަކުގައި ޝަހީދު ވެފައެވެ.

މި މުޒާހަރާތަކަކީ އިސްރާއީލާއި މިޞްރުން ޣައްޒާގެ ބޯޑަރު ބަންދުކޮށްފައިވުމުން ކުރާ މުޒާހަރާތަކެއް ކަމަށް މުޒާހަރާގެ ބައިވެރިން ބުނަމުންދާއިރު، އިސްރާއީލުން ބުނަނީ މިއީ ހަމާސް ޖަމާޢަތުން އެ ޤައުމަށް ހަމަލާދިނުމަށް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކުރާ މުޒާހަރާތަކެއް ކަމަށެވެ.

- ކޮމެންޓް