ރޭޕް ކުރުމާއި ޖިންސީ ފުރައްސާރައިގެ އެތައް ތުހުމަތެއްގައި ނިއުޔޯކްގައި ދައުވާ އުފުލި ހޮލީވުޑްގެ ޕްރޮޑިއުސަރ އެއް މިލިއަން އެމެރިކާ ޑޮލަރު ބެހެއްޓުމަށް ފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
އުމުރުން 66 އަހަރުގެ ވައިންސްޓައިންވަނީ ހުކުރު ދުވަހު އޭނާ އަމިއްލައަށް ފުލުހަށް ހާޒިރުވެ ޕާސްޕޯޓް ފުލުހުންނާއި ހަވާލުކޮށް ގައިގައި ޖީޕީއެސް ޓްރެކަރ އަޅައިގެން އުޅުމަށް އެއްބަސްވެފައެވެ.
އޭނާވަނީ ނުރުހުމުގައި ޖިންސީ ގުޅުންތައް ބޭއްވި ކަމަށް ކުރާ ތުހުމަތުތައް ދޮގު ކޮށްފައެވެ. އަދި އޭނާގެ ވަކީލުވަނީ ވައިންސްޓައިންގެ މައްޗަށް ކުށް ސާބިތު ނުވާނެ ކަމަށް ބުނެފައެވެ.
ވައިންސްޓައިންގެ މައްޗަށްކުރާ ތުހުމަތުތައް ފެންމަތިވެގެން އައީ ފުޅާ ދާއިރާއެއްގައި ކުރެވެމުންދިޔަ ޖިންސީ ގޯނާއާއި ފުރައްސާރައިގެ ތުހުމަތުތައް ސަމާލުކަމަށް ގެނައުމަށް އުފެއްދި # މީ ޓޫ ހަރަކާތުގެ ތެރެއިންނެވެ.
ޖިންސީ ގޯނާގެ ތުހުމަތު ވައިންސްޓައިންގެ މައްޗަށް 70 އަށް ވުރެ ގިނަ އަންހެނުންކުރާއިރު އޭނާގެ މައްޗަށް ދައުވާކުރަނީ އޭގެ ތެރެއިން ދެ މައްސަލައަކާއި ގުޅިގެންނެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތު ތަކުގެ ތެރޭގައި ދިހަ އަހަރު ކުރީގެ މައްސަލަތައް ވެސް ހިމެނެއެވެ.
ޖިންސީ ގޯނާއާއި ޖިންސީ ފުރައްސާރަ އަދި ރޭޕްގެ ތުހުމަތު ތަކަކާއި ގުޅިގެންދަ އެކަޑަމީ އޮފް މޯޝަން ޕިކްޗަރ އާޓްސް އެންޑް ސައިންސް ކޮމެޓީން ވެސް ހާވީ ވެއިންސްޓެއިން ވަނީ ބޭރު ކޮށްލާފައެވެ.