މެލޭޝިއާގެ އިންތިޚާބު ނާކާމިޔާބުވެ ވެރިކަން ގެއްލި ވަޑައިގެންނެވި މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ކުރެވިފައިވާ ޚިޔާނާތުގެ ތުހުމަތުތަކާ ގުޅިގެން މެލޭޝިއާގެ ކަމާބެހޭ އިދާރާތަކުން ކުރިއަށް ގެންދާ ތަހުގީގުގައި އެމަނިކުފާނ ގުޅުން ހުރި ތަންތަނުން ހޯދި ފައިސާގެ ތެރޭގައި ދިވެހި ރުފިޔާ ހުރި ކަމަށް މެލޭޝިއާގެ ފުލުހުން ހާމަކޮށްފިއެވެ.
ނަޖީބްއާ ގުޅުން ހުރި ތަންތަނުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ އިރު އެކި އެކި ގައުމުތަކުގެ ފައިސާގެ ގޮތުގައި 1.2 މިލިއަން ރިންގިޓް ފުލުހުންނަށް ފެނިފައިވާ ކަމަށް މެލޭޝިއާގެ ނޫސްތަކުގައި ހާމަކޮށްފައި ވެއެވެ.
މެލޭޝިއާގެ ނޫހެއް ކަމުގައި އެސްޓްރޯ އަވާނީ ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި ކުރީގެ ބޮޑުވަޒީރުގެ ޚިޔާނާތާ ގުޅޭ ތަހުގީގުގައި ހޯދި ފައިސާގެ ތެރޭގައި ވިހި ގައުމެއްގެ ފައިސާ ހުރި ކަމަށެވެ.
މީގެ ތެރޭގައި ފާހަގަ ކޮށްފައިވާ ފައިސާގެ ތެރޭގައި ދިވެހި ރުފިޔާ އާއި ބަންގްލަދޭޝްގެ ޓާކާ އާއި ސައުދީ ރިޔާލު ހިމެނެއެވެ.
ފައިސާގެ އިތުރުން ތަހުގީގުގައި ހޯދާފައިވާ ތަކެތީގެ ތެރޭގައި އަގުބޮޑު އަތްދަބަހާއި އަތުކުރި ގަޑިއާއި ގިނަ އަދަދެއްގެ ގަހަނާ ހިމެނެއެވެ.
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގު މެލޭޝިއާގެ އެންޓި ކަރަޕްޝަން ކޮމިޝަނަށް ހާޒިރުކޮށް ހަތަރު ގަޑީއިރު ވަންދެން ހުސްވި ހަފްތާގައި ވަނީ ސުވާލު ކޮށްފައެވެ.
މެލޭޝިއާގެ އެންޓިކަރަޕްޝަން ކޮމިޝަނަށް އަލަށް އިސްކުރެވުނު ވެރިޔާ ވިދާޅުވީ، ނަޖީބުގެ މައްޗައް ތުހުމަތު ކުރެވުނު މައްސަލަތައް ކޮމިޝަނަށް މީގެ ކުރިން ނުބެލުނީ، މަގާމުގެ ނުފޫޒާ އެކު ނަޖީބް އެކަމަށް ހުރަސް އެޅުއްވުމުން ކަމުގައެވެ.
ނަޖީބް މެލޭޝިއާގެ އެންޓިކަރަޕްޝަން ކޮމިޝަން އަށް ހާޒިރު ކުރީ އެމަނިކުފާނުގެ ވެރިކަން ވެއްޓުނުތާ ދެ ހަފްތާ އެއްހާ ދުވަހުގެ މުއްދަތެއްގެ ތެރޭގައެވެ.
މެލޭޝިއާގެ 1އެމްޑީބީ ފަންޑުން ނަޖީބު ގެ ވެރިކަމުގައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަންގަވާފައިވާ ކަމުގެ ތުހުމަތު ވަނީ ކުރެވިފައެވެ.
އެމެރިކާގެ ތަހުގީގު ތަކުން އެނގޭ ގޮތުގައި ނަޖީބް އާ ގުޅުން ހުރި ފަރާތްތަކުން 4.5 ބިލިއަން ޑޮލަރު އެ ފަންޑުން ވަގަށް ނަގާ ކަޅު ފައިސާގެ ގޮތުގައި ގައުމުން ބޭރުކޮށްފައިވެއެވެ. މި ބޮޑު ޚިޔާނާތް ހިންގާފައިވާނީ 2009 ވަނަ އަހަރުން 2014 ވަނަ އަހަރާ ދެމެދުގައެވެ. މިޚިޔާނާތުގެ ބައެއް ފައިސާ ސީދާ ނަޖީބުގެ އަކައުންޓައް ޖަމާކުރެވިފައިވާ ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ.
ނަޖީބު ގެންދަވަނީ އެކަމާ އިންކާރު ކުރައްވަމުންނެވެ. ނަޖީބް ވިދާޅުވީ ތުހުމަތު ކުރެވޭ ފައިސާ އަކީ އޭނާ އަށް ސައުދީ ޝާހީ އާއިލާ އިންނާއި އެކިއެކި ފަރާތްތަކުން ހަދިޔާގެ ގޮތުގައި ދިން ފައިސާ ކަމަށެވެ.