ކ. މާލެ
|
26 މެއި 2018 | ހޮނިހިރު 01:55
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދު
އަބުދުﷲ ނަސީރު އިބްރާހިމް
ރާއްޖެ ތަރައްޤީކުރުން
މެގަ ޕްރޮޖެކްޓްތައް ހިންގައިގެން ވަކިވަކި އާއިލާތަކަށް ކުރާނެ ފައިދާ ވަރަށް ކުޑަ: ރައީސް ނަޝީދު
އިދިކީއްޔަށް ގެންނަ ތަރައްޤީއެއް ގެންނާން ނޫޅުމަށް ވިސްނަންޖެހޭ
ބޮޑެތި މަޝްރޫޢުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީއެއް ނުލިބޭ
ތަރައްޤީގެ ނާރެހަކީ އާއިލާތައް ކަން ދެނެގަނެ، އެ އާއިލާތަކުގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ހޯދަން ޖެހޭ

ބޮޑެތި ޕްރޮޖެކްޓްތަކީ ތަރައްޤީގެ އެންމެ އެކަށޭނަ މޮޑެލް ނޫން ކަމަށާއި، އެއިން އާދައިގެ ވަކިވަކި އާއިލާތަކަށް ލިބޭ ފައިދާ ވަރަށް ކުޑަވާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ "ޖަޒީރާ ރައީސް" ކެމްޕެއިންގެ ތެރެއިން، ފޭސްބުކް މެދުވެރިކުރައްވައި ރައްޔިތުންނާއި ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ، އާބާދީ ކުޑަ، ކުދި ޖަޒީރާ ޤައުމުތަކުގައި މެގަ ޕްރޮޖެކްޓް ހިންގުމުން، އެއިން އާންމު ރައްޔިތުންނާއި، ވަކިވަކި ގޭބިސީތަކަށް ކުރާނެ ފައިދާ ވަރަށް ކުޑަވާނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާއި، އެމަނިކުފާނުގެ ޓީމުގެ ވިސްނުމަކީ ކަންކަން ޤުދުރަތުން ވާގޮތް ހޯދުމަށްފަހު، އެގޮތުގެ މައްޗަށް ކަންކަން ބިނާކުރަމުން، ތަރައްޤީ ވަމުން ދިއުން ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ މެގަ ޕްރޮޖެކްޓް ހިންގުމުގެ ބަދަލުގާ، ފުރަތަމަ ކަމަކަށް ދެނެގަންނަން ޖެހެނީ ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމެއް ކަމާ، އެހެންވީމާ ޖަޒީރާ އުސޫލުތައް ދެނެގަނެ، ފިތުރަތުގެ ޠަބީއަތާ ހަމަތަކާ އިދިކޮޅަށް މަސައްކަތް ނުކުރުން. އިދިކީއްޔަށް ގެންނަ ތަރައްޤީއެއް ގެންނާން ނޫޅުން. އޮޔާ އިދިކޮޅަށް ކަމެއް ކުރާން ނޫޅުން. ކަންކަން ޤުދުރަތުން ވާގޮތް ހޯދާފާ، އެނގިފާ، އެގޮތުގެ މައްޗަށް އަޅުގަނޑުމެންވެސް ބިނާވަމުން، އުފެދެމުން، ތަރައްޤީވަމުން ދާންވީ. ތަންތަން ކޮނެ، ތަންތަން ހިއްކާ، ތަންތަން ވީދާ، ތަންތަން ތަޅާ، ތަންތަން ގޮއްވާ، އަޅުގަނޑަކަށް ނުފެނޭ އެއީކީއެއް ތަރައްޤީއެއް ކަމަކަށް"، ރައީސް ނަޝީދު ވިދާޅުވިއެވެ.  

އެމަނިކުފާނު ވިދާޅުވީ، އެބާވަތުގެ ބޮޑެތި މަޝްރޫޢުތަކުން ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ނުލިބޭކަން މިއަދު އެނގި ފާޅުވެ، ފެންނަމުންދާ ކަމަށެވެ. އެގޮތުން މެގަ ޕްރޮޖެކްޓްތައް ހިންގާއިރު، ޕްރޮޖެކްޓްގައި ބޭނުންކުރާ ތަކެތިން ފެށިގެން، އެ ޕްރޮޖެކްޓްތަކުގައި މަސައްކަތްކުރާ މީހުންނަށް ދާންދެން، ގެންނަމުންދަނީ ރާއްޖެއިން ބޭރުން ކަމާއި އެއިން ދިވެހި އާއިލާތަކަށް ވާ ފައިދާއެއް ނެތްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

"މެގަ ޕްރޮޖެކްޓުގާ، ބޭރުން އަންނާނީ ހުރިހާ ތަކެއްޗެއް، ބޭރުން އަންނާނީ ހުރިހާ މީހުންނެއް، ބޭރުން ގެންނާނީ ހުރިހާ މުދަލެއް، އެހުރިހާ މުދަލެއް އަނެއްކާ ބޭރަށް ޓްރާންސިޓް ކުރާނީ، ޑިއުޓީ ފްރީ، އަޅުގަނޑަކަށް ނުވިސްނޭ އަޅުގަނޑުމެންނަށް އޮތީ ކޯޗެއް ކަމެއް"، ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ގޮތުގައި ރާއްޖޭގެ ތަރައްޤީ އެންމެ ރަނގަޅަށް ހޯދޭނީ، ދިވެހި މީހާ އެއީ ފަޚުރުވެރި ދިވެއްސަކަށް ހެދޭތޯ މަސައްކަތް ކޮށްގެންނެވެ. އެގޮތުން ތަރައްޤީގެ ނާރެހަކީ އާއިލާތައް ކަން ދެނެގަނެ، އެ އާއިލާތަކުގެ އާމްދަނީ އިތުރު ކުރެވޭނެ ގޮތެއް ހޯދަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އާއިލާގެ އާމްދަނީ އިތުރުކުރުމަށް އެމްޑީޕީން ގެންގުޅުނު ގެސްޓް ހައުސް ވިޔަފާރީގެ ސިޔާސަތަކީ ކާމިޔާބު ސިޔާސަތެއްކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި ލައިވްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ މުހިއްމު އެހެން ބައެއް ކަންކަމަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިންތިޚާބުގައި ވާދަކުރުމުގެ މުހިއްމު ކަމާއި، ވަޒީފާގެ ފުރުޞަތު އިތުރުކުރުމާއި، ޖަލުތަކުގައި ކުރެވޭ އަނިޔާ އާއި، ތިމާވެއްޓާއި ރަޙުމަތްތެރި އިޤުތިޞާދީ ސިޔާސަތުތަކެއް އެކުލަވާލުމުގެ މުހިއްމު ކަމުގެ މައްޗަށް ރައީސް ނަޝީދު އަލިއަޅުއްވާލެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް