އިންޑޮނޭޝިއާގެ އަސްކަރިއްޔާއަށް ބޮޑެތި ބާރުތައް ލިބިދޭ ގޮތަށް، އެގައުމުގެ ޤާނޫނުހަދާ މަޖިލީހުން ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތް ކުރުމަށް އެންޓި-ޓެރަރ ޤާނޫނެއް ފާސްކޮށްފިއެވެ.
މިޤާނޫނުގެ ދަށުން އިންޑޮނޭޝިއާގެ އަސްކަރިއްޔާއަށް ކައުންޓަ-ޓެރަރިޒަމް އޮޕަރޭޝަންތަކުގައި އުޅުމަށް ސީދާ ބާރުލިބިދިނުމުގެ އިތުރުން ސަލާމަތީ ކަންކަމުގައި އުޅުމަށްވެސް ބޮޑެތި ބާރުތަކެއް ލިބިދެއެވެ.
އިންޑޮނޭޝިއާގައި އައިއެސް ފަދަ ޓެރަރިސްޓް ޖަމާޢަތްތައް ހިމެނޭ ގޮތަށް ޖާނުންފިދާވުމުގެ ހަމަލާތައް ދެމުންދާއިރު، އެގައުމުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި އެންޓި-ޓެރަރ ޤާނޫނުގައި ބަޔާންކޮށްފައި ވަނީ ޓެރަރިޒަމާއި ދެކޮޅަށް މަސައްކަތްކުރުމަކީ އަސްކަރިއްޔާގެ އޮޕަރޭޝަންތަކުގެ ބައެއް ކަމަށާއި އެހެނަސް، އަސްކަރިއްޔާއަށް ޓެރަރިޒަމާ ގުޅޭ އޮޕަރޭޝަނެއްގައި ބައިވެރިވެވޭނީ ފުލުހުން އެކަމަށް އެދި ހުށަހެޅުމުން، ގައުމުގެ ރައީސްގެ ހުއްދަ އާއިއެކު ކަމަށެވެ.
މީގެ އިތުރުން އެންޓި-ޓެރަރ ޤާނޫނުގައި ފުލުހުންނަށް ލިބޭ ބާރުތަކުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ ފަރާތްތައް 21 ދުވަހަށް ދައުވާ އުފުލުމަކާ ނުލާ ބަންދުގައި ބެހެއްޓުމުގެ ބާރާއި، އަދި ފުލުހުން ހެކި އެއްކުރުމަށް ވަގުުތު ބޭނުންވާ ނަމަ އިތުރު 200 ދުވަހަށް އެ ފަރާތްތައް ބަންދުގައި ބެހެއްޓުމަށް ބާރު ލިބުން ހިމެނެއެވެ. މީގެ އިތުރުުން ގޮވާތަކެތި ނޫނީ ކެމިކަލް އަދި ހަތިޔާރު ގައުމުން ބޭރު ކުރާނަމަ ނުވަތަ އެތެރެ ކުރާކަން ސާބިތުވެއްޖެނަމަ މަރުގެ އަދަބު ދޭގޮތައްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.
ހަނގުރާމަވެރި ޖަމާއަތްތަކުން ދާދިފަހުން އިންޑޮނޭޝިއާގައި ދިން އެކި ހަމަލާތަކުގައި 20 މީހުން މަރުވެފައިވެއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާގޮތުން އައިއެސްގެ ނަމުން މަޝްހޫރުވެފައިވާ ހަނގުރާމަވެރި ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ދައީޝް އާއި ގުޅިގެން ހަނގުރާމަކުރުމަށް ސީރިޔާ އާއި އިރާގަށް 2014 އާއި 2018 އާއި ދެމެދު ހާހަކާއި ގާތްކުރާ އަދަދަށް އިންޑޮނޭޝިއާ ޒުވާނުން ގޮސްފައިވެއެވެ. އަދި އޭގެ ތެރެއިން 500 އެއްހާ މީހުން އެނބުރި ގައުމަށް އައިސްފައިވެސް ވެއެވެ.