ޣައްޒާ ވަނީ "ހަލާކުވުމުގެ ފައްތަރެއްގައި" ކަމަށާއި އަދި ޣައްޒާގެ ވެރިކަން ކުރާ ހަމާސް އާއި އިސްރާއީލާ ދެމެދު އިތުރު ހަނގުރާމައަކަށް ނުގޮސް ހުއްޓުވުމަކަށް ގެނައުމަށްޓަކައި މިހާރުން މިހާރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އދ. އިން މެދުއިރުމަތީގެ ސުލްހައިގެ ކަންކަމަށް ކަނޑައަޅުއްވާފައިވާ ކޯޑިނޭޓަރު ނިކޮލޭ މްލަޑެނޮވް ވިދާޅުވެއެއްޖެއެވެ.
އިސްރާއީލު-ފަލަސްތީނު މައްސަލަ އާ ބެހޭގޮތުން އދ. ގެ ސެކިޔުރިޓީ ކައުންްސިލަށް ނިކޮލޭ މްލަޑެނޮވް ހުށަހެޅުއްވި މަހަކު އެއްފަހަރު އޭނާ ނެރުއްވާ ރިޕޯޓުގައި އޭނާ ވިދާޅުވީ ޣައްޒާގެ ރައްޔިތުންނަށް މިހާރުން މިހާރަށް އެހީ ބޭނުންވާ ކަަމަށެވެ. އަދި ހަނގުރާމަ އަކުން ސަލާމަތްވުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށެވެ.
ނިކޮލޭ މްލަޑެނޮވް ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާ އިން އޭޕްރީލް މަހު 11 ފަަލަސްތީނު ކުޑަކުދިން ހިމެނޭގޮތުން 76 ފަލަސްތީން ރައްޔިތުން މަރާލާފައިވާ ކަމަށާއި އަދި އިސްރާއީލު ސިފައިން ބަޑިޖެހުމުގެ ސަބަބުން 3000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަަމަށެވެ. ޣައްޒާގެ ވެރިކަން ކުރާ ހަމާސް އިން ބުނާގޮތުން ޣައްޒާ ބޯޑަރުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 102 ރައްޔިތުން މަރާލާފައެވެ.
ޣައްޒާ ބޯޑަރު ސަރަހައްދުގައި އިސްރާއީލުން ބޭނުން ކުރަމުން ގެންދަނީ "މުޅިންވެސް ހާލަތާ ނުބައްދަލު ބާރު ކަމަށް" އދ ގެ އިންސާނީ ހައްގުތަކާ ބެހޭ އިސް ވެރިޔާ ޒައިދް ރާދް އަލް-ހުސައިން ވެސް ވަނީ ވިދާޅުވެފައެވެ. މިދިޔަ ޑިސެމްބަރު މަހު އެމެރިކާ އިން ވަނީ ގުުދުސް އަކީ އިސްރާއީލުގެ ވެރިރަށް ކަމަށް ނިންމާފައެވެ. އަދި މި މަހު އެގައުމުން ވަނީ ގުދުސް ގައި އެގައުމުގެ އެމްބަސީ ހުޅުވާފައެވެ. ފަލަސްތީނު ރައްޔިތުން ދަނީ އެކަމާއި ދެކޮޅު ހަދައި ނުރުހުން ފާޅުކުރަމުންނެވެ.
ޣައްޒާ-އިސްރާއީލް ބޯޑަރު ސަރަހައްދުގައި 30 މާޗް 2018 ގައި ފަލަސްތީނު ރައްޔިތުން ވަނީ "ގްރޭޓާ މާޗް އޮފް ރިޓާން" ގެ ނަމުގައި ފަލަސްތީނު ރެފިއުޖީންނާއި އަދި އެބައިމީހުންގެ ދަރިން އަނބުރާ އަލުން ފަލަސްތީނުގެ ބިމަށް އާދެވޭނެ ގޮތް ހަދައިދިނުމަށް އެދި މުޒާހަރާތަކެއް ފަށާފައެވެ.