ކ. މާލެ
|
25 މެއި 2018 | ހުކުރު 15:39
ރައީސް މޫން ޖެއި އިން
ރައީސް މޫން ޖެއި އިން
ވޮޝިންގްޓަން ޓައިމްސް
އުތުރު ކޮރެއާ މައްސަލަ
ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުން ކެންސަލްވުމުން ދެކުނު ކޮރެއާ އިން ކަންބޮޑުވުން ފާޅުކޮށްފި
ރައީސް މޫން ޖެއި އިން ދާދިފަހުން ވަނީ އެމެރިކާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުން ހަގީގަތަކަށް ހެއްދެވުމަށް މަސައްކަތްޕުޅު ކުރެއްވުމަށް އެމެރިކާ އަށްވެސް ވަޑައިގެންފައި

އުތުުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަންނަ ޖޫން 12 ގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން އެމެރިކާގެ ރައީސް ކެންސަލް ކުރުުމާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. 

ރައީސް ޓްރަމްޕްގެ ނިންމުމާ ގުޅިގެން ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ބޭއްވި ކުއްލި ބައްދަލުވުމެއްގައި އެމަނިކުފާނުގެ ސެކިޔުރިޓީ އޮފިޝަލުންނަށް ރައީސް މޫން ޖެއި އިން ވިދާޅުވީ 12 ޖޫން ގައި ރައީސް ޓްރަމްޕާއި އަދި އުތުރު ކޮރެއާގެ ލީޑަރުގެ ސަމިޓު ނުބޭއްވިދިއުމަކީ ވަރަށް ހިތާމަ ކުރައްވާ ކަމެއް ކަމަށާއި އަދި އެކަން ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ. 

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި އިން ގެ އޮފީހާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ރައީސް މޫން ޖެއި އިން ވަނީ އުތުރު ކޮރެއާގެ ލީޑަރާއި އަދި އެމެރިކާގެ ރައީސް އާ ދެމެދު މިހާރަށްވުރެ ބޮޑަށް މަޝްވަރާ ކުރުމަށް ގޮވާލައްވާފައެވެ. މޫން ޖެއި އިން ވިދާޅުވީ ދެކޮރެއާ ސަރަހައްދުން، ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުން ހުއްޓާލަން ޖެހޭ ކަމަށާއި އެކަން ސަމިޓު ފަސްވިއަސް ހުއްޓުމަކަށް ގެނެސްގެން ނުވާނެ ކަމަށެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ އެކު ބާއްވަން ހަމަޖެހިފައި އޮތް ތާރީީޚީ ބައްދަލުވުން އެމެރިކާގެ ރައީސް ބުރާސްފަތި ދުވަހު ވަނީ ކެންސަލް ކުރައްވާފައެވެ. 

އުތުރު ކޮރެއާގެ ލީޑަރަށް ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމުގެ އަދި ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތު އެއީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ."

އުތުރު ކޮރެއާގެ ލީޑަރާ އެކު ބާއްވަން ޝެޑިއުލް ކުރެވުނު ބައްދަލުވުން ކެންސަލް ކުރެއްވި ކަން ހާމަކުރައްވައި އުތުރު ކޮރެއާގެ ލީޑަރަށް ރައީސް ޓްރަމްޕް ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ގާބިލުކަމުގެ ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް އެމެެރިކާގެ ނިއުކްލިއަރ ގާބިލު ކަން ވަރަށް ބޮޑު ކަމަށާއި އަދި އެހާމެ ބާރުގަދަ ކަމަށާއި، އެހެންކަމުން އެމެރިކާގެ ނިއުކްލިއަރ ގާބިލުކަން ބޭނުން ކުރަން ނުޖެހޭނެ ކަމަށް އެދި ހެއްދެވި ފަރާތަށް ދުއާ ދަންނަވާ ކަމަށެވެ. ރައީސް ޓްރަމްޕްގެ ސިޓީގައި ވަނީ އުތުރު ކޮރެއާ އަށް ޝުކުރުވެސް ދަންނަވާފައެވެ. އެއީ ދާދިފަހުން އުތުރު ކޮރެއާގައި ޖަލު ބަންދުގައި ތިބި އެމެރިކާގެ ތިން ރައްޔިތަކު އުތުރު ކޮރެއާ އިން މިނިވަން ކުރުމާ ގުޅިގެންނެވެ. 

ބައިނަލްއަގްވާމީ ދުނިޔެއިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް ބައިނަލްއަގުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް