އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އެކުގައި ސިންގަޕޫރުގައި ބާއްވަން ނިންމެވި ބައްދަލުކުރެއްވުން އެމެރިކާގެ ރައީސް ކެންސަލް ކުރެއްވި ނަމަވެސް މަޝްވަރާ ކުރިޔަށް ގެންދަން ތައްޔާރަށް އޮތް ކަމަށް އުތުރު ކޮރެއާއިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ވަގުތެއްގައި ޓްރަމްޕް ވަނީ ކިމްއަށް ސިޓީއެއް ފޮނުއްވައި ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް އެ ދެބޭފުޅުންގެ ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިނުގަންނަވާނެކަން އަންގަވާފައެވެ. ޓްރަމްޕް ފޮނުއްވި ސިޓީގައި އެމަނިކުފާނު ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރު އެންމެފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމާއި ހަމަނުޖެހުމަށް ހިތްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިއީ އެ ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ކަމުގައި ނުދެކޭ ކަމަށެވެ.
ޓްރަމްޕް މިފަދަ ސިޓީއެއް ކިމްއަށް ފޮނުއްވާފައިވަނީ މި އެމެރިކާގެ އޮފިޝަލުން ކަންކަން ކުރައްވަމުން ގެންދަވާ ގޮތުން ބައްދަލުވުން ކެންސަލް ކުރައްވަން ޖެހިވަޑައިގަންނަވާނެކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދީފައި ވަނިކޮށެވެ.
އެހެން ނަމަވެސް އުތުރު ކޮރެއާގެ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެގައުމުގެ ވައިސް ފޮރިން މިނިސްޓަރު ކިމް ކައި ގްވާން ދެއްވި ބަޔާނެއްގައި ވިދާޅުވީ އެފަދަ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމަކީ ވެސް ތާރީހީ ކަމެއް ކަމަށާއި އެހެންކަމުން އެކަމަށް މަރުހަބާ ދަންނަވާ ކަމަށެވެ. ހަމައެހެންމެ ކިމް ވަނީ އެ ބައްދަލުވުން ކުރިއަށް ގެންދެވުމަށް ޓްރަމްޕްގެ ފަރާތުން އެންމެ ފަހު ވަގުތާ ހަމައަށް ލިބިލެއްވި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ. އުތުރު ކޮރެއާ އޮތީ ކޮންމެ ވަގުތެއްގައިވެސް އެމެރިކާއާއި މަޝްވަރާ ކުރަން ތައްޔާރަށް ކަމަށްވެސް ކިމް ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ގޮއްވާލާ ވަނީ ހަލާކުކޮށްފައެވެ. އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓުގެ ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލިއިރު އެގައުމުން މިއަހަރު ބުނެފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާ އާ ދެމެދު ވެވުނު ޑިޕްލޮމެޓިކް އެއްބަސްވުމެއްގެ ދަށުން, އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓު ކުރާ ސައިޓު ނައްތާލާނެ ކަމަށެވެ.
އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު އޮތް ގުޅުން ޓްރަމްޕްގެ މި ނިންމުމާއި ގުޅިގެން އިތުރަށް ހީނަރުވެގެންދާނެ ކަމަށް ބެލެވޭއިރު މި ދެ ލީޑަރުންގެ ބައްދަލުވުމުގެ އެޖެންޑާގެ އެންމެ ކުރީގައި ވެސް އޮތީ އުތުރު ކޮރެއާގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަ ކަމަށް ރިޕޯޓްތައް ބުނެއެވެ. މިކަމުގެ ސަބަބުން އަލުން އަނބުރާ އުތުރު ކޮރެއާއިން ނިއުކްލިއަރ ޕްރޮގްރާމް ފެއްޓުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބެލެވެއެވެ.