އަރަބި ކަނޑުގައި އުފެދުނު ތޫފާން މެކުނު ޔަމަނުގެ ޖަޒީރާ ރަށެއް ކަމަށްވާ ސޮކޮޓްރާއަށް އަރައި 19 މީހުން ގެއްލިއްޖެއެވެ.
އަރަބި ކަނޑުގައި އޮންނަ ޔަމަނުގެ މިރަށަށް ތޫފާން މެކުނު އަރާފައިވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. މިތޫފާން އެރުމުގެ ސަބަބުން ދެ ބޯޓެއް ބަންޑުންޖަހާލިއިރު އެރަށުން 19 މީހުން ވެސް ވަނީ ގެއްލިފައެވެ. ގަދަވަޔާއެކު ވެހުނު ވާރޭގެ ސަބަބުން ސޮކޮޓްރާގައި ވަނީ ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކެއްވެސް ހިނގާފައެވެ. ޔަމަނުގެ ސަރުކާރުން ވަނީ އެރަށުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ޑިޒާސްޓަރ ޒޯނެއްގެ ގޮތުގައި އެރަށް ކަނޑައަޅާފައެވެ.
ސޮކޮޓްރާގެ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު އަލް އަރްގާބީ އަލްޖަޒީރާއަށް ބުނީ، ރަށުގެ ހާލަތު ވަރަށް ގޯސް ކަމަށާއި މުޅި ރަށުގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އޭނާ ބުނީ ގެއްލުނު ދެ ބޯޓަކީ އިންޑިއާއަށް ނިސްބަތްވާ ދެ ބޯޓު ކަމަށާއި އެ ދެ ބޯޓުގައި ޖުމްލަ ފަސް ފަޅުވެރިޔަކު ދަތުރުކުރި ކަމަށެވެ. މި ތޫފާނުގެ ސަބަބުން 200 އާއިލާއެއް އެހެން ސަރަހައްދުތަކަށް ބަދަލުވާން ޖެހިފައިވާ ކަމަށާއި ވީހާވެސް އަވަހަށް ރަށަށް އެހީތެރިކަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
ސޮކޮޓްރާއަކީ ޔުނެސްކޯގެ ވޯލްޑް ހެރިޓޭޖް ސައިޓުގައިވެސް ހިމަނާފައިވާ ރަށެކެވެ.
ތޫފާން މެކުނަކީ ކެޓަގަރީ 2 ގެ ހަރިކޭނެއް ކަމަށް ވަނީ ކަނޑައަޅާފައެވެ. މި ތޫފާނުގައި ގަޑިއަކު 155 ކިލޯމީޓަރު ބާރުމިނުގައި ވައި ޖެހެމުންދާއިރު ކޮޅިގަނޑުގައި ގަޑިއަކު 175 ކިލޯމީޓަރު ބާރުމިނުގައިވެސް ވައި ޖެހިފައިވެއެވެ.
މީޓިއޮރޮލޮޖިސްޓުން ލަފާކުރާ ގޮތުގައި ހޮނިހިރު ދުވަހުގެ ވަގުތެއްގައި މި ތޫފާން އޮމާނަށް އަރާނެއެވެ. ޔަމަނާއި އިންވެގެން އޮންނަ އޮމާންގެ ތިންވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސަލާލާއަށް މި ތޫފާން އަރާނެ ކަމަށް ބެލެވޭއިރު މި ސިޓީއަކީ ދެ ލައްކަ މީހުންގެ އާބާދީއެއް އޮންނަ ސިޓީއެކެވެ.