ކ. މާލެ
|
25 މެއި 2018 | ހުކުރު 11:04
އުޑުމަތި ބަނަ ވިއްސާރަ ދުވަހެއް
އުޑުމަތި ބަނަ ވިއްސާރަ ދުވަހެއް
އަޝްވާ ފަހީމް
މޫސުން
އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެތީ ސަމާލުވުމަށް އެދެފި
ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ
ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާފާނެ
11 އަތޮޅަކަށް ވަނީ ވައިޓް އެލާޓް ނެރެފައި

ރާއްޖޭގެ އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށާއި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ސަމާލު ވުމަށް މޯލްޑިވްސް މީޓްރޮލޮޖިކަލް ސާވިސް (މެޓް) އިން އިލްތިމާސްކޮށްފިއެވެ.

މެޓް އޮފީހުން ބުނީ އުތުރާއި މެދުތެރޭގެ ކަނޑުތައް ގަދަވާނެ ކަަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ރާއްޖޭގެ އުތުރުން ފެށިގެން މެދުރާއްޖެ ތެރެއާ ހަމައަށް، 11 އަތޮޅަކަށް ވައިޓް އެލާޓް ނެރެފައެވެ. ވައިޓް އެލާޓް ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ.

ހުކުރު ދުވަހުގެ ހެނދުނު 9:00ގައި ނެރުނު، ވައިޓް އެލާޓުގެ މުއްދަތު ދެމި އޮންނާނީ ހަ ގަޑިއިރަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ބެލެވޭ ކަމަށެވެ. ވައި ޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން، އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާ 25 މޭލާދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 7 މޭލާ 17 މޭލާދެމެދުގެ ބާރު މިނުގައި ކަމަށް ވެސް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު އެންމެ ބޮޑުވާ ވަގުތުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް މި ދުވަސްވަރު ދިޔަވަރު ބޮޑު ވާނީ ހެނދުނާއި މެންދުރުގެ ވަގުތުގައެވެ. އަދި ރޭގަނޑު އިރާކޮޅު ވަގުތުގައި ވެސް ދިޔަވަރު ބޮޑުވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް