ރާއްޖޭގެ ވެރިކަމަށް ޔާމީން އާއި ޖަމީލް އިންތިޚާބުވެ ވަޑައިގެންނެވި އިރު މިހާރުގެ ފިޝަރީޒް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި މުޙައްމަދު ޝައިނީ ހުންނެވީ ކޮންތާކުތޯ ސުވާލު ކުރައްވާ، ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރ ވަރުގަދަ ބަހުގެ ހަމަލާ އެއް ޝައިނީ އަށް ދެއްވައިފިއެވެ.
ކުރީގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ މުޙައްމަދު އަހްމަދު ޝައިނީ އަށް އަމާޒު ކުރައްވާ ޓްވީޓްގައި ވިދާޅުވީ 2013 ވަނަ އަހަރު ޔާމީން އާއި ޖަމީލް އިންތިޚާބުވެ ވަޑައިގެންނެވި އިރު ޝައިނީ އަކީ ފެންނަންވެސް ހުރި ބޭފުޅެއް ނޫން ކަމަށެވެ.
To, @mshainee you were no where when in 2013 Yameen & Jameel were elected, you even refused to appear on any program or participate in the campaign. You got your post through MDA and have always been a cheap opportunist. There is no honour with you & with the regime
— Mohamed Ahmed (@Mohamedmaniku28) May 23, 2018
ޝައިނީގެ ހަގީގަތްތައް ހާމަ ކުރައްވަމުން މުޙައްމަދު އަހްމަދު ވިދާޅުވީ، އޭރު ކެމްޕޭންގެ ތެރޭގައި ޕްރޮގްރާމެއްގައި ބައިވެރިވެ ދެއްވުމަށް ޝައިނީ އަށް ދެންނެވުމުން އެކަމަށް ވެސް ޝައިނީ އިންކާރު ކުރެއްވި ކަމަށެވެ.
މުހައްމަދު އަހްމަދު ވިދާޅުވީ، ޝައިނީ އަށް މިނިސްޓަރު ކަން ލިބިވަޑައިގަތީ، ސަން ސިޔާމްގެ އެމް.ޑީ.އޭ ގެ ތެރެއިން ކަމަށެވެ.
މުހައްމަދު އަހްމަދުގެ ޓްވީޓްގައި ޝައިނީ ސިފަ ކުރައްވާފައިވަނީ "ޗީޕް އޮފޮޗުނިސްޓެއް" ގެ ގޮތުގައެވެ.
މުހައްމަދު އަހްމަދު ޝައިނީ އަށް އަމާޒު ކުރައްވާ ފޮނުއްވި ހޫނު ބަސްތައް ނިންމާލައްވަމުން ވިދާޅުވެފައިވަނީ ޝައިނީ އަކީ އެއްވެސް ގަދަރެއް ލިބިފައިވާ ފަރާތެއް ނޫން ކަމަށާއި އަދި ޝައިނީ ބައިވެރިވާ ސަރުކާރަކީ ވެސް ގަދަރެއް ލިބިފައިވާ ސަރުކާރެއް ނޫން ކަމަށެވެ.
ކުރީގެ ސްޓޭޓް މިނިސްޓަރ މުހައްމަދު އަހްމަދުގެ ޓްވީޓާ ގުޅޭ ގޮތުން ޝައިނީ އަށް ގުޅުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.