ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 20:00
ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
ގޫގުލް
އުތުރު ކޮރެއާ - އެމެރިކާ
ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ބައްދަލުވުން ކެންސަލް ވެއްޖެ
ރައީސް ޓްރަމްޕް ބައްދަލުވުން ކެންސަލް ކުރެއްވީ ބުރާސްފަތި ދުވަހު އުތުރު ކޮރެއާގެ ރައީސް އަށް ފޮނުއްވި ސިޓީއެއްގައި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާ އެކު ބާއްވަން ހަމަޖެހިފައި އޮތް ތާރީީޚީ ބައްދަލުވުން އެމެރިކާގެ ރައީސް ކެންސަލް ކުރައްވައިފިއެވެ. 

އުތުރު ކޮރެއާގެ ލީޑަރަށް ބުރާސްފަތި ދުވަހު ރައީސް ޓްރަމްޕް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ "އުތުރު ކޮރެއާގެ ލީޑަރު އެންމެ ފަހުން ވިދާޅުވި ބަސްފުޅަކީ ރުޅިވެރިކަމުގެ އަދި ހަމަނުޖެހުމަށް ހިއްވަރުދޭ ބަސްފުޅެއް ކަމަށާއި އެހެންކަމުން މިވަގުތު އެއީ ދުރާލާ ކުރިން ޝެޑިއުލް ކުރެވުނު ބައްދަލުވުން ބާއްވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ."

ރައީސް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރުގެ ތާރީޚީ ބައްދަލުވުން ޝެޑިއުލް ކުރެވިފައި އޮތީ ޖޫން 12 ވަނަ ދުވަހު ސިންގަޕޫރުގައެވެ. ދެގައުމުގެ ވެރިން ގެ ބައްދަލުވުން ބޭއްވުނު ނަމަ އެ ބައްދަލުވުންވެގެން ދާނީ ރައީސް ކަމުގެ މަގާމުގައި ހުންނެވި އެމެރިކާގެ ރައީސަކާ އުތުރު ކޮރެއާގެ ލީޑަރަކާ ބައްދަލުވެވޭ ފުރަތަމަ ފަހަރަށެވެ. 

އުތުރު ކޮރެއާގެ ލީޑަރާ އެކު ބާއްވަން ޝެޑިއުލް ކުރެވުނު ބައްދަލުވުން ކެންސަލް ކުރެއްވި ކަން ހާމަކުރައްވައި އުތުރު ކޮރެއާގެ ލީޑަރަށް ރައީސް ޓްރަމްޕް ފޮނުއްވި ސިޓީގައި އިތުރަށް ވިދާޅުވީ އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ގާބިލުކަމުގެ ވާހަކަ ދައްކާ ކަމަށާއި އެހެންނަމަވެސް އެމެެރިކާގެ ނިއުކްލިއަރ ގާބިލު ކަން ވަރަށް ބޮޑު ކަމަށާއި އަދި އެހާމެ ބާރުގަދަ ކަމަށާއި، އެހެންކަމުން އެމެރިކާގެ ނިއުކްލިއަރ ގާބިލުކަން ބޭނުން ކުރަން ނުޖެހޭނެ ކަމަށް އެދި ހެއްދެވި ފަރާތަށް ދުއާ ދަންނަވާ ކަމަށެވެ. ރައީސް ޓްރަމްޕްގެ ސިޓީގައި ވަނީ އުތުރު ކޮރެއާ އަށް ޝުކުރުވެސް ދަންނަވާފައެވެ. އެއީ ދާދިފަހުން އުތުރު ކޮރެއާގައި ޖަލު ބަންދުގައި ތިބި އެމެރިކާގެ ތިން ރައްޔިތަކު އުތުރު ކޮރެއާ އިން މިނިވަން ކުރުމާ ގުޅިގެންނެވެ. 

ރައީސް ޓްރަމްޕް ގެ ސިޓީގައި އިތުރަށް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ކުރަށްވަން އެމަނިކުފާނު އަދިވެސް އެދޭ ކަމަށާއި، އުތުުރު ކޮރެއާގެ ލީޑަރުގެ ވިސްނުން ބައްދަލުވުމާމެދު މިހާރު ހުރިގޮތް ނޫން ގޮތަށް ބަދަލުވުމުން، އެކަން އެންގެވުމަށް އެދޭ ކަމަށެވެ. 

ދާދިފަހުން އުތުރު ކޮރެއާ އިން ބުނެފައި ވަނީ އުތުރު ކޮރެއާއިން ނިއުކްލިއަރ ހަތިޔާރު ގެންގުޅުން މުޅިން ހުއްޓާލަން އެމެރިކާއިން ބުނާ ނަމަ، ބައްދަލުވުން ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ. 

ބުރާސްފަތި ދުވަހު އުތުރުު ކޮރެއާގެ ހަމައެކަނި ނިއުކްލިއަރ ޓެސްޓް ކުރާ ސައިޓުގައި ހުރި ޓަނަލްތައް ގޮއްވާލާ ވަނީ ހަލާކުކޮށްފައެވެ. އުތުރު ކޮރެއާ އިން އެގައުމުގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓް ކުރާ ސައިޓުގެ ޓަނަލްތައް ގޮއްވާލާ ހަލާކުކޮށްލިއިރު އެގައުމުން މިއަހަރު ބުނެފައި ވަނީ ދެކުނު ކޮރެއާ އާއި އެމެރިކާ އާ ދެމެދު ވެވުނު ޑިޕްލޮމެޓިކް އެއްބަސްވުމެއްގެ ދަށުން, އުތުރު ކޮރެއާގެ ނިއުކްލިއަރ ހަތިޔާރު ޓެސްޓު ކުރާ ސައިޓު ނައްތާލާނެ ކަަމަށެވެ. އެހެންނަމަވެސް ސައިންސްވެރިން ބުނާގޮތުން 2017 ގެ ސެޕްޓެމްބަރުގައި އުތުރު ކޮރެއާ އިން ކުރި ނިއުކްލިއަރ ޓެސްޓާ ގުޅިގެން އެ ސައިޓުގެ އެއްބައި ބޭނުންނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. 

ބައިނަލްއަގްވާމީ ދުނިޔެއިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް