ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 17:52
ކަނޑުގަދަ ދުވަހެއްގައި ހުޅުމާލެ ފެރީއެއް ނައްޓާލަނީ
ކަނޑުގަދަ ދުވަހެއްގައި ހުޅުމާލެ ފެރީއެއް ނައްޓާލަނީ
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދީގެން ދަތުރުކުރުމަށް އިލްތިމާސް ކޮށްފި
ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑަށް ގުޅުމަށް ވަނީ އިލްތިމާސްކޮށްފަ

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް، ކަނޑުގަދަ، ވިއްސާރަ ދުވަސްވަރަކަށްވެފައި، ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާއިން ރާއްޖެ އަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެކަމަށް ލަފާކުރާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.

މިދުވަސްވަރު ދަތުރުކުރައްވާ ނަމަ މޫސުމާ ބެހޭ އެންމެފަހުގެ މަޢުލޫމާތު ހޯއްދަވައިގެން ދަތުރު ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ދަތުރު ކުރައްވާނަމަ، އަންގަންޖެހޭ ފަރާތްތަކަށް އެންގެވުމަށް ފަހުގައި ނޫނީ ދަތުރު ނުކުރެއްވުމާއި، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމާއި، ދަތުރު ކުރައްވާ ފަސިންޖަރުންނަށް ހަމައަށް ލައިފްޖެކެޓް އަތުޖެހޭނެހެން ބެހެއްޓެވުމާއި، ހުރިހާ އުޅަނދެއްގައި ވެސް ދިޔަހިއްކާނެ ޕަންޕު ފަދަ ނިޒާމެއް ބެހެއްޓުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. 

އަދި، ރޭގަނޑު ދަތުރުތައް ކުރައްވާނަމަ، އިތުރަށް ސަމާލުކަން ދެއްވުމަށާއި، ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކްކުރުމާއި މިނޫނަސް ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤަވާޢިދުތަކަށް ޙުރުމަތްތެރިކޮށް ހިއްތެވުމާއެކު ދަތުރުތައް ރޭއްވެވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްއެންޑީއެފުން ބުންޏެއެވެ.

މީގެއިތުރުން ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުން ވެސް މޫސުމްގެ ސަބަބުން ދިމާވެދާނެ ޙާދިސާތަކަށް ސަމާލުކަން ދެއްވުމަށާއި، ޑައިވިންގ ކުރުމާއި މޫދު ކުޅިވަރުތައް ރާވާ ހިންގާ ފަރާތްތަކުން މޫސުމަށް ބައްލަވައިގެން ކުޅިވަރުތައް ރޭއްވެވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

މީގެ އިތުރުން މޫސުން ގޯސްވެ ވިއްސާރަވުމުގެ ސަބަބުން ނުރައްކާތެރި ކަނޑުމަތީގެ ތަފާތު ހާދިސާތަކުގެ ރިޕޯޓް ކޯސްޓްގާޑަށް އަންނަނީ ލިބެމުން ކަމަށާއި ދަތުރުކުރައްވާ ފަރާތްތަކުން ދަތުރުކުރަމުންދާއިރު އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށް ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް