ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 16:42
ގޯލާނުގެ އުސްބިންތަކަށް އިސްރާއީލުން ވެރިވެގެންފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް
ގޯލާނުގެ އުސްބިންތަކަށް އިސްރާއީލުން ވެރިވެގެންފައިވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް
ރޮއިޓަރސް
އިސްރާއީލުން ބިންތައް ފޭރުން
ޤުދުސްއަށްފަހު ގޯލާނުގެ އުސްބިންތައް ފޭރިގަންނަން އެމެރިކާގެ ރުހުން އިސްރާއީލުން ހޯދަނީ!
ގޯލާނުގެ އުސްބިންތައް ސޫރިޔާއާއި ހަވާލުކުރާނެކަމަށް ކުރިން ބުނި
އިސްރާއީލުން މަސައްކަތްކުރަނީ އީރާނަށް މެސެޖެއް ދިނުމަށް
އެމެރިކާއިން އަދި އެއްޗެއް ނުބުނޭ

ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފަށް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ޤުދުސްގެ ބިންތަކަށް އިސްރާއީލުން ވެރިވެގެންފައި އޮންނަ އޮތުމަށް އެމެރިކާއިން ރުހުން ދިނުމުން، ގޯލާންގެ އުސްބިންތަކަށް ދާއިމީކޮށް ވެރިވެގަތުމަށް އެމެރިކާގެ ރުހުން ހޯދުމަށް އިސްރާއީލުން މަސައްކަތް ފަށައިފިއެވެ.

ގޯލާންގެ އުސްބިންތަކަކީ 1967ވަނަ އަހަރު ކުރެވުނު ޢަރަބި - އިސްރާއީލް ހަނގުރާމައިގައި އިސްރާއީލުން ވެރިވެގަތް ސޫރިޔާގެ ސަރަހައްދެކެވެ. ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާ ގޮތުން، އަދި ބައިނަލްއަޤްވާމީ މުޖްތަމައު ޤަބޫލުކުރާ ގޮތުގައި ގޯލާނުގެ އުސްބިންތަކަކީ ސޫރިޔާގެ ބިމެކެވެ. އެހަނގުރާމައަށްފަހު ހުޅަނގު އައްސޭރިއާއި ޣައްޒާގެ އިތުރުން އިރުމަތީ ޤުދުސްއަށް އިސްރާއީލުން ވެރިވެގެންފައިވާއިރު، މިސްރުގެ ސައިނާ ވާދީއަށްވެސް އިސްރާއީލުން ވެރިވެ، އެތަނުގައި މީހުން އާބާދުކުރިއެވެ. އެހެންނަމަވެސް ފަހުން އެބިންތައް ވަނީ މިސްރަށް އަނބުރާ ދީފައެވެ.

ސުލްހައިގެ އެއްބަސްވުމެއް އެކުލަވާލުމަށްފަހު ގޯލާނުގެ އުސްބިންތައް އަނބުރާ ސޫރިޔާއަށް ހަވާލުކުރާނެކަމަށް މީގެ ކުރިން އިސްރާއީލުން ދިޔައީ ބުނަމުންނެވެ. އެހެން ނަމަވެސް ސޫރިޔާގެ ދާޚިލީ ހަނގުރާމައާއި، ސޫރިޔާގައި އީރާނުގެ އަސްކަރިއްޔާ ޤާއިމްވެތިބޭތީ، އެކަން ބަހަނާއަކަށް ދެއްކުމަށްފަހު އިސްރާއީލުން ދިޔައީ ގޯލާނުގެ އުސްބިންތައް އަނބުރާ ހަވާލުކުރުން ލަސްކުރަމުންނެވެ. 

އެހެން ނަަމަވެސް ދާދިފަހުން އިސްރާއީލުގެ އިންޓެލިޖެންސް މިނިސްޓަރ އިސްރާއީލް ކެޓްޒް ވިދާޅުވީ ގޯލާނުގެ އުސްބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެމެރިކާގެ ރުހުން ހޯދުމަކީ އިސްރާއީލުން މިވަގުތު އެންމެ އިސްކަމެއް ދޭ އެއްކަންތައް ކަމަށެވެ. އަދި އެކަން އެހާ މުހިއްމުވާ ސަބަބަކީ އީރާނުން ސޫރިޔާގެ ރައީސް ބައްޝާރުލް އައްސަދަށް ވާގިވެރިވެ، އަސްކަރީ މަދަދު ފޯރުކޮށްދެމުންދާތީ، އެމެރިކާގެ ރުހުމާއިއެކު ގޯލާނުގެ އުސްބިންތަކަކީ އިސްރާއީލުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަކީ އީރާނަށް ލިބޭނެ ގެއްލުމެއްކަމަށް އިސްރާއީލަށް ޤަބޫލުކުރެވޭތީއެވެ. 

ކެޓްޒް ވިދާޅުވީ އިސްރާއީލުން ބޭނުންވަނީ ބައްޝާރު އީރާނާއި ދުރަށް ވަޑައިގަތުމަށްކަމަށާއި، އީރާނާއި އެކު އޮންނަ ގުޅުން ކުޑަކޮށްފިނަމަ ސޫރިޔާގެ މައްސަލަތަކުގެ ތެރެއަށް އިސްރާއީލުން ނުވަންނާނެކަމަށެވެ. އެހެން ނަމަވެސް އީރާނުގެ ގޮނޑިކޮއްކޮއަކަށް ވެގެން ބައްޝާރު އުޅުއްވާނަމަ އެކަމުގެ ގެއްލުން ސޫރިޔާއަށް ކުރާނެކަމަށް އޭނާ ވިދާޅުވިއެވެ. 

މިމަހުގެ ކުރީކޮޅު އިސްރާއީލުން ވަނީ ސޫރިޔާގައި ތިބި އީރާނުގެ ސިފައިންނަށް އަމާޒުކޮށް މިސައިލް ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ބުނީ އެމީހުން ހަމަލާދިނީ އީރާނު ސިފައިން ސޫރިޔާގެ ތެރޭގައި ތިބެ ގޯލާނުގެ އުސްބިންތަކުގައި ޤާއިމްވެތިބި އިސްރާއީލް ސިފައިންނަށް މިސައިލް ހަމަލާދީފައިވާތީ، އެކަމުގެ ރައްދު ހަމަލާއެއް ދިނުމުގެ ގޮތުންކަމަށެވެ. 

މިިދިޔަ ފެބްރުއަރީ މަހުވެސް ސޫރިޔާގައި ތިބި އީރާނުގެ ސިފައިންގެ ޖަގަހަތަކަށް ހަމަލާދިން އިސްރާއީލުގެ އެފް-16 މަރުކާގެ ހަނގުރާމަމަތީ ޖެޓެއް އީރާނު ސިފައިން ވަނީ ވައްޓާލާފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް