ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 16:37
އިރުމަތީ ޔޫކްރެއިންއަށް ވެއްޓުނު އެމްއެޗް17 ގެ ބައިތައް ކައިރީގައި މީހަކު މަޑުކޮށްލައިގެން
އިރުމަތީ ޔޫކްރެއިންއަށް ވެއްޓުނު އެމްއެޗް17 ގެ ބައިތައް ކައިރީގައި މީހަކު މަޑުކޮށްލައިގެން
ރޮއިޓަރސް
އެމްއެޗް 17
އެމްއެޗް 17 ވައްޓާލީ ރަޝިޔާ މިސައިލަކުން: ތަހުޤީޤު ޓީމް
މަތިންދާބޯޓު ވެއްޓުނީ ޔޫކްރެއިންގައި ދާޚިލީ ހަމަނުޖެހުން ހިނގަމުންދަނިކޮށް
އިންވެސްޓިގޭޓަރުންގެ ރިޕޯޓް ރަޝިޔާއިން ދޮގުކުރޭ

2014ވަނަ އަހަރުގެ ޖުލައި މަހު އިރުމަތީ ޔޫކްރެއިން މަތިން ދަތުރުކުރަނިކޮށް ވެއްޓުނު މެލޭޝިއަން އެއަރލައިންސްގެ މަތިންދާބޯޓު އެމްއެޗް 17 ވެއްޓުނީ އެމަތިންދާބޯޓަށް ރަޝިޔާގައި އުފައްދާ މިސައިލެއް އަރައިގެންކަމަށް ތަޖުރިބާކާރުންގެ ޓީމަކުން ބުނެފިއެވެ.

އެމްއެޗް 17 ވެއްޓުނު ހާދިސާ ތަހުޤީޤުކުރަމުންދާ ނެދަލެންޑްސްގެ ޓީމުން ބުނީ އެމަތިންދާބޯޓަށް އަރާފައިވަނީ ބީޔޫކޭ މިސައިލެއްކަމަށާއި، މިސަލް ފޮނުވާލީ ޔޫކްރެއިންގައި ހަރަކާތްތެރިވި ރަޝިޔާއިން ވާގިވެރިވާ އިދިކޮޅު ފަރާތްތަކުގެ ކޮންޓްރޯލްގެ ދަށުގައިވާ ސަރަހައްދަކުން ކަމަށާއި، މިސައިލް ފޮނުވާލީ ރަޝިޔާގެ އަސްކަރިއްޔާގެ 53ވަނަ ބްރިގޭޑްގެ އަސްކަރީ ވެހިކަލްތައް ހިމެނޭ ފައުޖުންކަމަށެވެ. 

މިމިސައިލް ފޮނުވާލާފައިވަނީ ޔޫކްރެއިން ސިފައިންނާއި އެޤައުމުގެ އިދިކޮޅު ފަރާތްތަކުގެ މެދުގައި ކުރިމަތިލުންތައް ހިނގަމުންދިޔަ ދުވަސްވަރުއެވެ. ރަޝިޔާއިން އޭރު ދިޔައީ ޔޫކްރެއިންގެ އިދިކޮޅު ފަރާތްތަކަށް އަސްކަރީ އެހީ ފޯރުކޮށްދެމުންނެވެ.

އެމްއެޗް 17 ވެއްޓުނީ ނެދަލެންޑްސްގެ ވެރިރަށް އެމްސްޓަޑަމް އިން ފުރައިގެން މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރަށް ދަތުރުކުރަނިކޮށެވެ. ބޮއިންގ 777 މަރުކާގެ މިމަތިންދާބޯޓުން 298 މީހުން ދަތުރުކުރިއެވެ. 

2015 ވަނަ އަހަރުވެސް ނެދަލެންޑްސްގެ ތަޖުރިބާކާރުން ވަނީ މަތިންދާބޯޓު ވެއްޓުނީ ރަޝިޔާގެ ބީޔޫކޭ މިސައިލަކުން ކަމަށް ބުނެފައެވެ. އަދި އޭގެ ފަހުން މިމައްސަލަ ތަހުޤީޤުކުރި ޖޮއިންޓް އިންވެސްޓިގޭޝަން ޓީމުން 2016 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުވެސް އެޓީމުން މިހަފްތާގައި އެހާމަކުރި މައުލޫމާތު ޕްރިލިމިނަރީ ރިޕޯޓެއްގެ ގޮތުގައި އާއްމުކޮށްފައިވެއެވެ. މި ޓީމުގައި ހިމެނެނީ ނެދަލެންޑްސް، އޮސްޓްރޭލިއާ، ބެލްޖިއަމް، މެލޭޝިއާ އަދި ޔޫކްރެއިންގެ ތަޖުރިބާކާރުންނެވެ. 

އެޓީމުގެ ހޯދުންތަކާއި ގުޅޭގޮތުން ރަޝިޔާ ސަރުކާރުން ބުނީ އެރިޕޯޓު ޤަބޫލު ނުކުރާކަމަށާއި، އެތުހުމަތުތަކުގައި އެއްވެސް އަސްލެއް ނުވާކަމަށެވެ. 

އެމްއެޗް 17 ވެއްޓިފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިންގއަށް ދަތުރުކުރަނިކޮށް އެމްއެޗް 370 ގެއްލުނުތާ 4 މަސްދުވަސް ވީތަނާއެވެ. ކައިރިކައިރީގައި ދެ ޙާދިސާ ހިނގުމުން އާއްމުންގެ މެދުގައި މެލޭޝިއަން އެއަރލައިންސްއާއި މެދު ތަފާތު ގޮތަކަށް އެދުވަސްވަރު ބެލެވުނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް