ކ. މާލެ
|
24 މެއި 2018 | ބުރާސްފަތި 10:35
މި ޖަމުޢިއްޔާތަކާއި ގުޅުމުން ބައިނަލްއަޤުވާމީ މަސްރަހުގައި ބަސް ބުނާނެ އިތުރު ފުރުޞަތުތަކެއް ފަލަސްޠީނަށް ލިބިގެންދާނެ
މި ޖަމުޢިއްޔާތަކާއި ގުޅުމުން ބައިނަލްއަޤުވާމީ މަސްރަހުގައި ބަސް ބުނާނެ އިތުރު ފުރުޞަތުތަކެއް ފަލަސްޠީނަށް ލިބިގެންދާނެ
އޭއެފްޕީ
ފަލަސްޠީނު
ފަލަސްޠީނުން އދ ގެ ދެ ޖަމުއިއްޔާ އަކާއި ގުޅިއްޖެ
ގުޅިފައިވަނީ ޔޫ.އެން.ސީ.ޓީ.އޭ.ޑީ އަދި ޔޫ.އެން.އައި.ޑީ.އޯ އާއި
ކެމިކަލް ހަތިޔަރާއި ދެކޮޅަށް އެކުލަވާލާފައިވާ އެއްބަސްވުމުގައިވެސް ސޮއިކޮށްފައިވޭ

ފަލަސްޠީނުން އދ ގެ ދެ ޖަމުޢިއްޔާއެއްގެ މެންބަރަކަށް ވެއްޖެއެވެ.

އެ ޤައުމުން ގުޅިފައިވަނީ ޖެނީވާގައި ހިންގާ އދގެ ޓްރޭޑް އޯގަނައިޒޭޝަން، ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމެންޓް (ޔޫއެންސީޓީއޭޑީ) އާއި ވިއެނާގައި ހިންގާ އދގެ ސިނާއިީ ތަރައްޤީގެ ޖަމުޢިއްޔާ، ޔުނައިޓެޑް ނޭޝަންސް އިންޑަސްޓްރިއަލް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަން (ޔޫއެންއައިޑީއޯ) އާއިއެވެ.

މީގެ އިތުރުން އެ ޤައުމުން ވަނީ ކެމިކަލް ހަތިޔަރާއި ދެކޮޅަށް އެކުލަވާލާފައިވާ، އދގެ ކޮންވެންޝަން އޮން ޕްރޮހިބިޝަން، ސްޓޮކްޕައިލިންގ އެންޑް ޔޫޒް އޮފް ކެމިކަލް ވެޕަންސް ގައިވެސް ބައިވެރިވެފައެވެ.

ފަލަސްޠީނުން މި ދެ ޖަމުޢިއްޔާއާއި، ކޮންވެންޝަންގައި ބައިވެރިވިކަން އދގެ މެދުއިރުމަތީގެ ކޯޑިނޭޓަރު ނިކޮލޭ ލަޑެނޯވް ވަނީ އދގެ ސަލާމަތީ މަޖިލީހާއިވެސް ހިއްސާކޮށްފައެވެ.

މި ޖަމުޢިއްޔާތަކާއި ގުޅުމުން ބައިނަލްއަޤުވާމީ މަސްރަހުގައި ބަސް ބުނާނެ އިތުރު ފުރުޞަތުތަކެއް ފަލަސްޠީނަށް ލިބިގެންދާނެއެވެ.

ފަލަސްޠީނަށް މިހާތަނަށް އދގެ މެންބަރުކަން ދީފައި ނުވި ނަމަވެސް، އެ ޤައުމަކީ އދގެ އޮބްޒަރވަރ ސްޓޭޓެކެވެ. އެހެންކަމުން، އދގެ އެކިއެކި ޖަމުޢިއްޔާތަކާއި ކޮންވެންޝަންތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަލަސްޠީނަށް ލިބިގެންވެއެވެ.

މީގެ ކުރިން 2011 ވަނަ އަހަރު ފަލަސްޠީނުން ވަނީ އދގެ ތަޢުލީމާއި ސައިންސާއި ސަގާފަތާއި ބެހޭ ޖަމުޢިއްޔާ، ޔުނެސްކޯގެ މެންބަރަކަށް ވެސް ވެފައެވެ. މި ޖަމުޢިއްޔާތަކަކީ އެކި ޤައުމުތަކުން ދޭ އެހީއިން ހިންގާ ޖަމުޢިއްޔާތަކަށް ވާއިރު، ފަލަސްޠީނުން ޔުނެސްކޯއާއި ގުޅުމުން އެކަމާއި ނުރުހުން ފާޅުކޮށް، އެމެރިކާއިން އޭރު ވަނީ ޔުނެސްކޯއަށް ދޭ އެހީއިން ބައެއް އުނިކޮށްފައެވެ. އަދި ނިމިގެން ދިޔަ އަހަރު އެމެރިކާއިން ވަނީ ޔުނެސްކޯގެ މެންބަރުކަމުން ވަކިވެފައެވެ.

ފަލަސްޠީނުން ޔޫ.އެން.ސީ.ޓީ.އޭ.ޑީ އަދި ޔޫ.އެން.އައި.ޑީ.އޯ އާއި ގުޅުމުން އެ ޖަމުޢިއްޔާތަކަށް އެމެރިކާއިން ދޭ އެހީވެސް ކަނޑާލާނެ ކަމަށް ބެލެވޭއިރު، މިކަމާއި ގުޅިގެން އެމެރިކާއިން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް