މި ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއާއަށް ގޮސްތިބި އުމްރާވެރިންގެ މެދުގައި ހުން ރޯގާއެއް ފެތުރޭ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާކަމަށް ސައުދީ އަރަބިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސައުދީ ޕްރެސް އޭޖެންސީ މެދުވެރިކޮށް އެ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އުމަރާވެރިންގެ ސިއްހީ ހާލަތު މިފަހަރު ފެންނަނީ ވަރަށް ރަނގަޅަށެވެ.
އަދި ބައްޔެއް ފެތުރިދާނެ ކަމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ބަލިތަކުން ރައްކާތެރިވުމަށް އުމްރާވެރިންނަށް އެހީވަމުންދާ ކަމަށާއި، ވަރަށް ރަނގަޅަށް އެމްބިއުލެންސާއި، ހޮސްޕިޓަލްތަކުގެ ޚިދުމަތްވެސް ދެވެމުންދާ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ސައުދީ އަރަބިއާގެ ސިއްހަތާއި ބެހޭ ވުޒާރާއިން އިތުރަށް ބުނެފައިވަނީ، ބައްޔެއް ފެތުރިދާނެ ފަދަ ކަމެއް ފެނޭތޯ ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މައްކާގެ ރަށްވެހިންނަށް މެނިންޖައިޓިސް އާއި މޫސުމީ ރޯގާ ފަދަ ބަލިތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
ރަމަޟާން މަސް ފެށުނީއްސުރެ އުމްރާވެރިންނަށް އެންމެ ފުރިހަމަ ސިއްހީ ޚިދުމަތެއް ދިނުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަންވެސް އެ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.