ދިވެހިރާއްޖެއިން އދގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ވާދަކުރުމަށް ކުރަމުންދާ ކެމްޕޭނުގައި ސަރުކާރުން ޚަރަދު ކުރަމުންދާ 5 ލައްކަ ޑޮލަރު ލިބުނު ގޮތް ހާމަ ކޮށްދިނުމަށް ކުރީގެ ޚާރިޖީ ވަޒީރު އަހުމަދު ނަސީމް ގޮވާލައްވައިފިއެވެ.
ރާއްޖޭގައި ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓްކަމަށްވާ ނަސީމް ބުދަ ދުވަހުގެ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ފައިސާއަކީ ބޭރު ޤައުމެއްގެ ސަރުކާރުން ދިން ފައިސާއެއް ނަމަ ސަލާމަތީ މަޖިލީހުގެ ގޮނޑީގެ އިންތިޚާބުގައި ނަގާ ވޯޓުގެ މިނިވަންކަން ގެއްލިގެންދާކަމަށާއި، އޭގެ ސަބަބުން އދގެ ސަލާމަތީ މަޖިލިސް ނުރައްކަލުގެ ތެރެއަށް ހުށަހެޅޭކަމަށެވެ.
.Shameful: Can the Govt. of Maldives clarify the source of the USD 500,000 being used for UNSC vote campaign to court UN diplomats.Concern is if it’s from a foreign gov.this effectively rules out any possibility of a free/independent vote by us at the UN and compromises the UNSC.
— Ahmed Naseem (@KerafaNaseem) May 23, 2018
ގޮތް ނޭނގޭ 5 ލައްކަ ޑޮލަރު ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރާ ކެމްޕޭންގައި ޚަރަދު ކުރަމުންދާ ކަމަށް ނަސީމް ތުހުމަތު ކުރެއްވިއިރު، މި ކެމްޕޭންގެ ދަށުން ސަރުކާރުން ގެންދަނީ އެފްރިކާ އަދި އިރުމަތީ ޔޫރަޕާއި، ކުދި ޖަޒީރާ ޤައުމުތައް ހިމެނޭ ގޮތަށް ފަޤީރު އަދި ކުރިއަރަމުންދާ ޤައުމުތަކުން އދއަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުން ރާއްޖެއަށް ގެނެސް، ވޯކްޝޮޕްތަކުގެ ނަމުގައި އަގުބޮޑެތި "ޗުއްޓީ" ދަތުރުތައް އެބޭފުޅުންނަށް ދެމުންނެވެ. އަދި މީގެ އިތުރުން ވޯޓާއި ދިމާކޮށް އެފްރިކާގެ ބައެއް ޤައުމުތަކާއި އެކު ދިވެހިރާއްޖެއިން ދަނީ ސިޔާސީ ގުޅުން ޤާއިމް ކުރަމުންނެވެ.
އެގޮތުން މިއަހަރުގެ އެޕްރީލް މަސް ފެށުނު ފަހުން ޒެމްބިއާ، އައިވަރީ ކޯސްޓް، ކޮންގޯ އަދި އިކުއެޓޯރިއަލް ގިނީ އާއިއެކު ވަނީ ސިޔާސީ ގުޅުން ޤާއިމްކޮށްފައެވެ.
އަންނަ އަހަރު ފެށޭ އދގެ ސަލާމަތީ މަޖިލީހުގެ ދައުރަށް ދާއިމީ ނޫން 5 ގޮނޑިއަކަށް މެމްބަރު ޤައުމުތައް އިންތިޚާބު ކުރާނެއެވެ. އޭގެ ތެރެއިން އޭޝިއާ ޕެސިފިކް ގޮނޑިއަށް ވާދަކުރަނީ ރާއްޖޭގެ އިތުރުން އިންޑޮނީޝިއާއެވެ. ވޯޓުލުން އޮންނާނީ އދގެ އާއްމު މަޖިލީހުގެ 72 ވަނަ ބައްދަލުވުމުގެ ތެރޭގައެވެ.
ރާއްޖޭގެ އިތުރުން އިންޑޮނީޝިއާއިންވެސް ގެންދަނީ ގޮނޑިއަށް ވަރަށް ބޮޑަށް ކެމްޕޭން ކުރަމުންނެވެ.
ރާއްޖޭގެ އަވަށްޓެރި އަދި ދުނިޔޭގެ ނުފޫޒް ގަދަ އިންޑިއާ އިން ކުރިން ރާއްޖެއަށް ތާއީދު ކުރާނެ ކަމަށް ބެލުނު ނަމަވެސް އިންޑިއާ އިން މިހާރު ބޮޑަށް ބުރަވަނީ އިންޑޮނީޝިއާ ކޮޅަށް ކަމަށް އިންޑިއާގެ މީޑިއާ އިން ރިޕޯޓްކޮށްފައި ވެއެވެ.
ރާއްޖޭން ބައިނަލް އަގްވާމީ ދުނިޔޭގެ މުހިންމު މަގާމަކަށް ކުރިމަތިލާ އިރު، އިންސާނީ ހައްގުތަކަށް އަރައި ގަތުމާއި، ސިޔާސީ ވާދަވެރިން ޖަލަށް ލުމާއި، މިނިވަން މީޑިއާ އަށް ހުރަސް އެޅުން ފަދަ މައްސަލަތައް ރާއްޖޭގައި އޮތީ ބައިނަލް އަގްވާމީ މުޖްތަމައުން ކަންބޮޑުވާ ދަރަޖައަކަށް ކަން ފާހަގަ ކުރެވެއެވެ. އަދި މިފަދަ ރޮނގުތަކުން ރާއްޖޭގެ ހާލަތު ދަށަށް ގޮސްފައި އޮތުމާއި ކަރަޕްޝަންގެ މައްސަލަތައް ކުރިމަތިވެފައި އޮތުން އެއީ ރާއްޖެއަށް ކުރިމަތިވާނެ ބޮޑެތި ގޮންޖެހުންތައް ކަމަށް މިހާރު ވެސް ވަނީ ބެލެވިފައެވެ.