ކ. މާލެ
|
23 މެއި 2018 | ބުދަ 23:30
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު:- ދެ ބޭފުޅުން ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ވަނީ ނިންމާފައި
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު:- ދެ ބޭފުޅުން ހުށަހެޅި އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުންތައް މާދަމާ ފެށުމަށް ވަނީ ނިންމާފައި
މުހައްމަދު ޝަރުހާން
ފަނޑިޔާރުންގެ ޝަރީއަތް
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުނަށް ކުރި ހުކުމުގެ އިސްތިއުނާފުގެ އަޑުއެހުން މާދަމާ ފަށަނީ
ހައި ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ގެންދަނީ ވަކި ވަކިން
މި ހުކުމް އައިސްފައިވަނީ މި މަހުގެ 10 ގައި
އިސްތިއުނާފަށް ހުށަހެޅި ފަހުން އަދި ދެ ހަފްތާ ވެސް ނުވޭ

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް ސާބިތުވެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކްމުގެ އިސްތިއުނާފުގެ އަޑުއެހުންތައް ހައި ކޯޓުގައި ބުރާސްފަތި ދުވަހު ފެށުމަށް ތާވަލު ކޮށްފި އެވެ.  

އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދު 1 އަހަރާއި 7 މަހާއި 6 ދުވަހަށް ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށް ހުށަހަޅާފައިވާ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައި ވަނީ ވަކި ދެ މައްސަލައެއް ގޮތަށެވެ. އެ ގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު 10:15ގައި އަބްދުﷲ ސައީދުގެ މައްސަލަ އޮތްއިރު އަލީ ހަމީދުގެ މައްސަލަ ބާއްވަން ތާވަލު ކޮށްފައި އޮތީ 11:00ގައި އެވެ.

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވުމުގެ ކުށް އެ ބޭފުޅުންގެ މައްޗަށް ސާބިތުވާ ކަަމަށް ކަނޑައަޅުއްވާފައި ވަނީ  މި މަހުގެ 10 ވަނަ ދުވަހެ އެވެ. އަދި އެ ހުކުމް އިސްތިއުނާފަށް ހުށަހެޅުއްވީ މި މަހުގެ 15 ވަނަ ދުވަހު އެވެ. އެހެން ކަމުން މި މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް މި ފަށަނީ މައްސަލަ ހުށަހެޅުއްވިތާ 8 ދުވަސް ތެރޭގައި އެވެ.  

އަބްދުﷲ ސައީދާއި އަލީ ހަމީދަށް މި ހުކުމް އައިސްފައި ވަނީ  ވަކި ގޮތަކަށް ކޯޓުން ހުކުމްތައް ނެރުމަށް އެ ދެ ފަނޑިޔާރުން ދަށު ކޯޓު ދެ ގާޒީއަކަށް ނުފޫޒު ފޯރުވި ކަމަށްބުނެ ދިން ހެކިބަހަށް ބަލަ އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލުމަށް ކޮށްފައިވާ ހުކުމްވެސް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އެ މައްސަލައިގެ އިސްތިއުނާފުގެ އަޑުއެހުންތައް އަދި ނުފަށަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް