ކ. މާލެ
|
23 މެއި 2018 | ބުދަ 17:24
މީގެ ކުރިން ދޫނިދޫގައި އަދީބު ބަންދުކޮށްފައިވާ ގޮޅި ފެންނަ ގޮތަށް އާންމުވި ފޮޓޯއެއް
މީގެ ކުރިން ދޫނިދޫގައި އަދީބު ބަންދުކޮށްފައިވާ ގޮޅި ފެންނަ ގޮތަށް އާންމުވި ފޮޓޯއެއް
ޓްވިޓަރ
އަޙުމަދު އަދީބު
އަދީބު ވަނީ މީހެއްގެ ހިލަމެއް ނުވާގޮތަށް އެކަހެރިކޮށްފަ: އާއިލާ
ސިއްހީ ހާލަތު ކަށަވަރެއް ނުވޭ
ދެ ޑޮކްޓަރުން ވަނީ ލޮލުގެ ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ލަފާ ދެއްވާފަ
ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުޞަތު ނުދޭތާ ދެ ހަފްތާ ވެއްޖެ

ސިޔާސީ ނުފޫޒުން ކޮށްފައިވާ ޝަރީއަތެއް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ޝަރީއަތަކުން ޙުކުމްކޮށް، ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ޢަބްދުލްޣަފޫރު ދޫނިދޫގައި ބަންދުކޮށްފައިވާއިރު، އަދީބު ހުންނަވަނީ އެކަހެރި ކޮށްފައިކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް އަދީބު އާއިލާއިން ބުނެފިއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވީ، އާއިލާއަށް މަޢުލޫމާތު ލިބިފައިވާ ގޮތުން، ދޫނިދޫގައި އަދީބު ބަހައްޓާފައި ހުންނަނީ އެއްވެސް އެހެން ގައިދީއެއްވެސް ނުފެންނަ ގޮތަށް، އެހެން މީހެއްގެ ހިލަމެއް ނުވާގޮތަށް އެކަހެރި ކޮށްފައި ކަމަށެވެ. އަދި އަދީބާއި ބައްދަލުވަނީ ޑިއުޓީގައި ތިބޭ ފުލުހުންގެ ތެރެއިން މަދު ފަރާތްތަކަކާއި އެކަނި ކަމަށާއި، އިތުރު މީހާކާއި ދިމާވެ، ވާހަކަވެސް ނުދެއްކޭ ކަމަށެވެ.

އިތުރު މީހަކު ނުފެނި، މީހަކާއި ވާހަކަވެސް ނުދެއްކޭ ގޮތަށް އަދީބު އެކަހެރިކޮށްފައި ހުރުމުން، އެމަނިކުފާނަށް ނަފްސާނީ ގޮތުން އަސަރު ކުރާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ނަޝްވާ ވިދާޅުވިއެވެ.

އަދި ހަމަ މިއާއިއެކު އަދީބްގެ ސިއްޙީ ހާލަތާއިމެދުވެސް ނަޝްވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އަދީބުގެ ސިއްހީ ހާލަތު މިހާރު ކަށަވަރު ނުވާކަމަށް ނަޝްވާ ވިދާޅުވިއެވެ. އަދި އަދީބުގެ ލޮލުގެ ފަރުވާއަށް އަވަހަށް ރާއްޖެއިން ބޭރަށް ދިއުމަށް ދެ ޑޮކްޓަރުން ލަފާ ދެއްވާފައިވާއިރު އެކަން ލަސްވަމުންދާތީ އާއި ކެންސަރު ބައްޔަށް ޓެސްޓު ހެދުމަށް މީގެ ދެ އަހަރަށްވުރެ ގިނަ ދުވަސް ކުރިން ޑޮކްޓަރު އަންގަވާފައިވާއިރު އެ ޓެސްޓު އަދިވެސް ހެދިފައި ނުވާތީ ނަޝްވާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ނަޝްވާ ވަނީ އަދީބަށް ވަކީލުންނާއި ބައްދަލު ނުކުރެއްވޭ މައްސަލައިގައިވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނަޝްވާ ވިދާޅުވީ އެކި އުޒުރުތައް ދައްކައިގެން އަދީބަށް ޤާނޫނީ ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުޞަތު ނުދޭތާ ދެ ހަފްތާ ވެގެން ގޮސްފައިވާ ކަމަށާއި، އެކަމާ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ވަކީލުންނާއި ބައްދަލުކުރެއްވުމުގެ ފުރުސަތު އަދީބަށް ނުދޭ މައްސަލައިގައި އަދީބުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ މޫސާ ސިރާޖް ހޯމަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަދީބަށް ވަކީލުންގެ ބައްދަލުވުން ހަމަޖައްސައިދެވޭނީ ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުން ހުށަހެޅުމުން ކަމަށް ކަރެކްޝަންސްއިން އަންގާފައިވާ ކަމަށެވެ.

ސިރާޖު ވިދާޅުވީ، ކޯޓުގައި މައްސަލަ ރެޖިސްޓްރީ ކުރިކަމުގެ ލިޔުމާއި، ވަކީލު އައްޔަނުވެފައިވާ ކަމުގެ ލިޔުމަކީ ކްރިމިނަލް ކޯޓުން އެއްވެސް އިރެއްގައި ދީއުޅޭ ލިޔުމެއް ނޫން ކަމަށެވެ.

ކަރެކްޝަނަލް ސަރވިސްއިން އަދީބު ފުލުހުންނާއި ހަވާލުކޮށް، ދޫނިދޫއަށް ބަދަލުކޮށްފައިވަނީ މި މޭ މަސް ފެށުނުތަނާހެން، ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން މާފުށީ ޖަލަށް ކުއްލި ޙާލަތެއް އައިސްފައިވާ ކަމަށް ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް