ކ. މާލެ
|
23 މެއި 2018 | ބުދަ 18:57
ރައީސް ޓްރަމްޕް
ރައީސް ޓްރަމްޕް
ގޫގުލް
އުތުރު ކޮރެއާ-އެމެރިކާ
ޝެޑިއުލް ކުރެވިފައިވާ ގޮތައް އުތުރު ކޮރެއާގެ ލީޑަރާ ބައްދަލު ނުކުރެވިދާނެ: ޓްރަމްޕް
ޖޫން ގައި އުތުރު ކޮރެއާގެ ލީޑަރާއެކު ރައީސް ޓްރަމްޕް ބާއްވަން އޮތް ބައްދަލުވުމަށް ވަނީ ހުރަސްއެޅިފައި

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަންނަ ޖޫން މަހު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުން ފަހަރުގައި ޝެޑިއުލް ކުރެވިފައިވާ ގޮތައް ނުބޭއްވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. 

އެމެރިކާއަށް ވަޑައިގެން އުޅުއްވާ ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އާ އެކު ވައިޓް ހައުސްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޓްރަމްޕް ވިދާޅުވީ އުތުރު ކޮރެއާގެ ލީޑަރާއެކު ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމަށްޓަކައި އުތުރު ކޮރެއާ އިން ކަންކުރަން ޖެހޭ ގޮތްތަކެއް އެބަހުރި ކަމަށާއި، ސަމިޓު ޝެޑިއުލް ކުރެވިފައިވާ ގޮތައް ނުބޭއްވުނަސް، "ފަހުން ބައްދަލުވުން ބޭއްވޭނެ" ކަމަށެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި-އިން އަންގާރަ ދުވަހު އެމެރިކާ އަށް ވަޑައިގެންފައިވާއިރު، އެމަނިކުފާނު އެމެރިކާ އަށް ވަޑައިގެންނެވީ އުތުރު ކޮރެއާގެ ލީޑަރާއެކު ރައީސް ޓްރަމްޕް ޖޫން ގައި ބާއްވާ ބައްދަލުވުމާ ގުޅޭ ގޮތުން ރައީސް ޓްރަމްޕް އާއި މަޝްވަރާ ކުރެއްވުމަށް ކަމަށްވެއެވެ. ދާދިފަހުން ދެކުނު ކޮރެއާގެ ރައީސް އާއި އުތުރު ކޮރެއާގެ ލީޑަރު ވަނީ ބައްދަލު ކުރައްވާފައެވެ. 

ޖޫން 12 ވަނަ ދުވަހު އުތުރު ކޮރެއާގެ ލީޑަރާއެކު ރައީސް ޓްރަމްޕް ބާއްވަވަން ހަމަޖެހިފައިވާ ބައްދަލުވުމަށް ހުރަސްއެޅިފައިވާއިރު، އުތުރު ކޮރެއާ އިން ބުނެފައި ވަނީ އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން މުޅިން ހުއްޓާލަން އެމެރިކާއިން ބުނާ ނަމަ، ބައްދަލުވުން ކެންސަލް ކުރަން ޖެހިދާނެ ކަމަށެވެ. 

ރައީސް ޓްރަމްޕް ވައިޓްހައުސްގައި ދެކުނު ކޮރެއާގެ ރައީސް އާ އެކު ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ، "އުތުުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ގެންގުޅުން ހުއްޓާލަން ޖެހޭ" ކަމަށެވެ. 

އުތުރު ކޮރެއާއިން އެގައުމުގެ ނިއުކްލިއާ ޓެސްޓް ކުރާ ސައިޓު ނައްތާލުމަށް ނިންމާފައިވާއިރު، އުތުުރު ކޮރެއާއިން ވަނީ އެކަން ކުރިއަށްދާއިރު ދެކުނު ކޮރެއާގެ ނޫސްވެރިން ބައިވެރިކުރުމަށްވެސް ނިންމާފައެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި އުތުުރު ކޮރެއާގެ ނިއުކްލިއާ ޓެސްޓްކުރާ ސައިޓު ނައްތާލުމަށް ހަމަޖެހިފައިވާއިރު މިއީ ރައީސް ޓްރަމްޕް އާއި އެކު އުތުރު ކޮރެއާގެ ލީޑަރު ބާއްވާ ބައްދަލުވުމަށް އުތުުރު ކޮރެއާގެ ގުޑްވިލް ޖެސްޗާ އެއްކަމަށް ބުނެވެއެވެ. 

ބައިނަލްއަގްވާމީ ދުނިޔެއިން އުތުރު ކޮރެއާއަށް ތަކުރާރުކޮށް ގޮވާލަމުން ދަނީ އެގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށާއި މިސައިލްތައް ޓެސްޓުކުރުން ހުއްޓާލުމަށެވެ. ދުނިޔޭގެ ގޮވާލުންތަކަށް އުތުރު ކޮރެއާއިން އިޖާބަ ނުދޭތީ އުތުރު ކޮރެއާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް ބައިނަލްއަޤުވާމީ މުޖުތަމައު އިން ވަނީ އަޅާފައެވެ.

 

 

- ކޮމެންޓް