ކ. މާލެ
|
23 މެއި 2018 | ބުދަ 17:36
ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހީމް
ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހީމް
މުހައްމަދު ޝަރުހާން
ރާއްޖެޓީވީ - ބްރޯޑްކޮމް
ބްރޯޑްކޮމްގެ މައްސަލަތަކެއް ރާއްޖެޓީވީން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި
ފުލުހުންގެ އިހުތިސާސްގެ ތެރެއަށް ބްރޯޑްކޮމްއިން ވަންނަކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހެޅި
ރާއްޖެޓީވީއަށް ލިބިގެންވާ ހައްގުތަކެއްގެ ބޭނުން އެފަރާތްތަކުން ނާޖާއިޒު ގޮތެއްގައި ބޭނުންކުރަމުންދާތީ އެޗްއާރުސީއެމަށް މައްސަލައެއް ހުށަހެޅި
މިކަމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭކަމަށް ގަބޫލު ކުރެވޭތީ އޭސީސީއަށް ވެސް ހުށަހެޅި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް)ގެ މައްސަލަތަކެއް ރާއްޖެޓީވީން ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ހުށަހަޅައިފި އެވެ.

ގުޅިފައިވާ ޕާޓީތަކުން މިދިއަ މާރޗް މަހުގެ 16 ވަނަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ރާއްޖެޓިވީން ގެނެސްދީ، އެކިފަރާތްތަކުގެ ވާހަކަތަކުގައި، ގައުމުގެ އަމަންއަމާންކަން ނަގާލައި، ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ އެ މައްސަލަ ބްރޯޑްކޮމްއިން ތަހުގީގު ކުރަމުންދާއިރު، ރާއްޖެޓީވީއަށް ފޮނުވާފައިވާ ލިޔުންތަކުންނާއި އެ ކޮމިޝަނާއެކު ބޭއްވި ބައްދަލުވުމުންވެސް ރާއްޖެޓީވީގެ މައްޗަށް ކުރާ  ތުހުމަތުތަކުގެ ސަބަބުތައް އެކޮމިޝަނަށް ބަޔާންކޮށްދެވިފައި ނުވާކަމަށެވެ.  

"އަޅުގަނޑުމެން ތަކުރާރުކޮށް އެދިފިން ކުރާ ތަހުމަތުތަކުގެ ސަބަބުތައް ބަޔާންކޮށްދިނުމަށް. އެކަމަކު އެކަންކަން ކޮމިޝަނުން ސާފުކޮށެއް ނުދިން. އަޅުގަނޑުމެން ބޮރޯޑްކޮމްގެ މައްސަލަތަކެއް ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށަހަޅާފައިވާނެ. އޭގެތެރޭގައި މޯލްޑިވްސް ޕޮލިސް ސާރވިސްއަށް ހުށަހެޅިން. ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅީ ފުލުހުންގެ އިދާރާއަށް ލިބިގެންވާ އިހުތިސާސެއްގެ ތެރެއަށް ބްރޯޑްކޮމްއިން ވަންނާތީ. އެއީ ބްރޯޑްކޮމްއަށް ލިބިގެންވާ ބާރެއް ނޫން. އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހެޅިން. އެއީ މިކަމުގައި ކޮރަޕްޝަންގެ މައްސަލަތަކެއް ހިމެނޭކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވޭތީ. ހިއުމަން ރައިޓްސް ކޮމިޝަނަށް ވެސް މައްސަލައެއް ހުށަހެޅިން، އެއީ އަޅުގަނޑުމެންނަށް ލިބިގެންވާ ހައްގުތަކެއްގެ ބޭނުން އެފަރާތްތަކުން ނާޖާއިޒު ގޮތެއްގައި ބޭނުންކުރަމުންދާތީ، އަޅުގަނޑުމެން ހިމާޔަތް ކޮށްދިނުމަށް އެދި. ހިއުމަން ރައިޓްސް ކޮމިޝަނަކީ އެކަމުގެ ދުސްތޫރީ ބާރު ލިބިގެންވާ މުއައްސަސާއެއް. މީގެއިތުރުންވެސް ކަމާބެހޭ މުއައްސަސާތަކަށް މައްސަލަތައް ހުށަހަޅާފައިވާނެ. އަދި ޝަރުއީ މަރުހަލާގެ ތެރެއިން ވަގުތީ އަމުރުތަކެއް ނެރެދިނުމަށް ހުށަހަޅާފައިވާނެ، އަދި މިައްސަލަތައް ޝަރުއީ މަރުހަލާގެ ތެރެއިން ހައްލެއް ހޯދުމަށް ވެސް ހުށަހަޅާފައިވާނެ،" ރާއްޖެޓީވީގެ ގާނޫނީ ވަކީލު ނިޝާން އިބްރާހީމް ވިދާޅުވި އެވެ.

މިކަމާ ގުޅުންހުރި ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާތަކަށް މައްސަލަ ހުށަހެޅީ އިންސާފު ހޯދުމަށް ކަމަށް ރާއްޖެޓީވީގެ ވަކީލު ނިޝާން  ވިދާޅުވި އެވެ.

ބްރޯޑްކޮމްއިން މީގެ ކުރިން ތިން ފަހަރެއްގެ މަތިން 1.7 މިލިއަން ރުފިޔާއިން ރާއްޖެޓީވީ ޖޫރިމަނާ ކޮށްފައިވާއިރު، ތަކުރާރުކޮށް ރާއްޖެޓީވީއަށް ޖެއްސުންކުރުމުގެ އަމަލުތައް ދަނީ ހިންގަމުން ނެވެ. 

ބްރޯޑްކޮމްގައި ތިއްބަވާ ބައެއް މެމްބަރުންނަކީ އެކޮމިޝަނުގެ މެމްބަރުންނަށް އައްޔަން ކުރުމުގެ ކުރިން ރައީސް ޔާމީންގެ ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގައި އިސްކޮށް މަސައްކަތް ކުރައްވަމުން އައި ފަރާތްތަކެވެ. ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްދީދީގެ އަރިހުގައި އުޅުއްވިއިރު، ރައީސް ޔާމީންގެ ކެމްޕެއިން އެކިއެކި ހަރަކާތްތަކުގައި އުޅުއްވާފައިވެއެވެ. ބައެއް މެމްބަރުން ކޮމިޝަނުގެ މެމްބަރުކަމުގައި ދެމިތިއްބަވަމުން ވެސް ސަރުކާރާއި ޕީޕީއެމް ބައެއް ހަރަކާތްތަކުގައި ހަރަކާތްތެރިވެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް