ކ. މާލެ
|
23 މެއި 2018 | ބުދަ 16:21
އޭޑީކޭ ހޮސްޕިޓަލް
އޭޑީކޭ ހޮސްޕިޓަލް
އަޒުމޫން އަހުމަދު
އޭޑީކޭ ހޮސްޕިޓަލް
އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި އުމުރުން ދުވަސްވީ މީހެއް މަރުވެއްޖެ
މަރުވީ އުމުރުން 84 އަހަރުގެ ހއ. ބާރަށު އަންހެނެއް

އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވްވި، އުމުރުން ދުވަސްވީ އަންހެނަކު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ. 

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު އަފްއާލް ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ވިދާޅުވީ އިންފްލުއެންޒާ އޭ އަށް ޕޮޒިޓިވް ވި، އުމުރުން 84 އަހަރުގެ މީހަކު މަރުވެފައިވާ ކަމަށެވެ. ހއ. ބާރަށު އެ އަންހެންމީހާ މަރުވީ ރޭ ފަތިހުއެވެ. 

މި ދުވަސްވަރަކީ އާންމުކޮށްވެސް ރާއްޖޭގައި "ހުން" އިތުރުވާ ދުވަސްވަރެކެވެ. އޭގެއިތުރުން ޑެންގީ ހުން ފެތުރެމުންދާތީ އެ ބައްޔާއިމެދު ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވެސް ވަނީ އިލްތިމާސް ކޮށްފަ އެވެ. އެޗްޕީއޭއިން ނެރުނު ނޫސްބަޔާނެއްގައި އެ އޭޖެންސީއިން ބުނީ، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރާ މިންވަރު އިތުރުވެފައިވާ ކަމަށެވެ.

އަފްއާލް ވިދާޅުވީ މި ދުވަސްވަރު ހުން ޖެހިގެން ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން އޭޑީކޭ ހޮސްޕިޓަލުން ވަނީ"ހުން ކްލިނެކެއް" ހުޅުވާފައެވެ.

ކޮންމެ އަހަރަކުވެސް މޭ މަހާއި އޯގަސްޓް މަހާއި ދެމެދު ރާއްޖޭގައި ޑެންގީ ފެތުރޭ މިންވަރު އިތުރުވެގެންދާއިރު، މި އަހަރުވެސް އެ މުއްދަތުގައި ރާއްޖޭގެ އެކި ހިސާބުތަކުގައި އެ ބަލި ފެތުރޭ މިންވަރު އިތުރުވެގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން އެހެން އަހަރުތަކެކޭވެސް އެއްގޮތަށް، ޑެންގީ ހުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް