ކ. މާލެ
|
23 މެއި 2018 | ބުދަ 17:21
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް
ރާއްޖެއެމްވީ
ހަސަން ލަތީފު
އެމްޑީޕީ މިވުޖޫދުން ނުފޮހެވޭނެ: ހަސަން ލަތީފު
އެމްޑީޕީން މިމަހު 30 ގައި ބައްވާ ޕްރައިމެރީގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރުވުމަށް ގޮވާލި
އެމްޑީޕީގައި ފަންސާސް ހާހަށް ވުރެ ގިނަ މެންބަރުން އެބަތިބި
ރައީސްގެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތު ހަމަވޭތޯ ނުވަތަ ހަމަނުވޭތޯ ގޮތް ނިންމުމުގެ ބާރު ލިބިގެން ވަނީ ސްޕްރިމްކޯޓަށް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކޮށްގެން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވައިފިނަމަ އެޕާޓީ އުވާލާނެ ކަމުގެ އިންޒާރު ދީފައިވަނި ކޮށް މިމަހު 30 ގައި ބައްވާ ޕްރައިމަރީގައި ގިނަ ބަޔަކު ނުކުމެ ވޯޓުގައި ބައިވެރިވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފިއެވެ.

ރާއްޖެޓީވީން ގެނެސްދޭ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހަސަން ލަތީފު ވިދާޅުވީ ފަންސާސް ހާހަށްވުރެ ގިނަ މެންބަރުން ތިބި އެންމެ ބޮޑު ސިޔާސީ ޕާޓީ އިލެކްޝަން ކޮމިޝަނަށް އުވާލެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނަށް ކަރުދާސް ހުރެއްޖެނަމަ ޕާޓީ އުވާލާފައިވާ ކަމަށް ބަޔާނެއް ނެރެވިދާނެ ކަމަށާއި، މިވުޖޫދުން ޕާޓީ ފުހެލުމަކީ ވާނެ ކަމެއް ނޫން ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމިންގެ އެންގެވުމުގެ މަތިން ޕާޓީއަށް ބިރު ދެއްކި ނަމަވެސް ސިޔާސީ ޕާޓީތަކުގެ ގާނޫނުން ރައީސް ނަޝީދަށްް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެވޭނެ ކަމަށެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ރައީސް ނަޝީދަށް ވަދާކުރެވޭނެކަން ފަހަގަކުރައްވާ ހަސަން ލަތީފު ވިދާޅުވީ މިމައްސަލައާ ގުޅޭ ގޮތުން އދ އިން ދެފަހަރެއްގެ މަތިން ނިންމުންތައް ނިންމާފައިވާ ކަމަށެވެ. ރައީސް ނަޝީދުގެ މައްޗައް ހިންގުނު ޝަރީއަތަކީ ސިޔާސީ ގޮތުން ނުފޫޒު ފޯރާފައިވާ ޝަރީއަތެއް ކަމަށާއި އެހެންކަމުން އެޝަރީއަތަކީ ބާތިލް ޝަރީއަތެއް ކަމަށް ނިންމާފައިވާ ކަމަށް ވެސް ހަސަން ލަތީފު ވިދާޅުވިއެވެ.

އދ ގެ އިތުރަށް ރާއްޖެގެ ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރުގައި ވެސް ރައީސް ނަޝީދުގެ ހުކުމަކީ ބަތިލް ހުކުމެއް ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސްޕްރިމްކޯޓުގެ އަމުރު މިސަރުކާރުން ތަންފީޒު ކުރުމަށް ނުކުޅެދިފައިވީ ނަމަވެސް ގާނޫނީ ހަމައަކުން ބަލާނަމަ ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.

" ރައިސް ނަޝީދުގެ ޝަރީއަތާ ބެހޭ ގޮތުން އދ އިން ދެފަހަރުމަތިން އެބައޮތް ނިންމުމެއް ނިންމާފައި. އެންމެ ފުރަތަމަ 2015 އެބައޮތް ޔޫއެން ވޯކިން ގްރޫޕް އޮން އާރބިޓަރީ ޑިޓެންޝަނުން ރައީސް ނަޝީދުގެ ޝަރީއަތާ ގުޅޭ ގޮތުން ވަރަށް ފުރިހަމަ ނިންމުމެއް ނިންމާފަ. ރައީސް ނަޝީދު ހައްޔަރުކުރި ގޮތާއި ރައީސް ނަޝީދުގެ މައްޗައް ކުރެވުނު ތުހުމަތާއި ރައީސް ނަޝީދު މައްޗައް ކުރި ދައުވާއާ އަދި ހައްޔަރުކޮށްގެން ބައްހައްޓާފައި ހުރި ގޮތާއި އޭގެ ފަހުން ޝަރީއަތް ހިނގި ގޮތާއި ކުރެވުނު ހުކުމާއި މިހުރިހާ ކަމަކީ ރާއްޖޭގެ ގާނުނު އަސާސީއާ އަދި ބައިނަލްއަގްވާމީ އެކިއެކި ގާނޫނުތަކާއި ކަނޑައެޅިގެން ހިލާފަށް ހިނގާފައި ހުރި ކަންކަން ކަމަށް،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހެއްގެ ޝަރުތު ހަމަވޭތޯ ނުވަތަ ހަމަނުވޭތޯ ގޮތް ނިންމުމުގެ ބާރު ލިބިގެން ވަނީ ސުޕްރީމް ކޯޓުގައި 5 ފަޑިޔާރުން ހަމަވާ ބެންޗަކަށް ކަމަށެވެ. އިލެކްޝަން ކޮމިޝަނަށް މިކަންކަމާ ނުބެހެވޭނެ ކަމަށާއި، މިހާރު އެކޮމިޝަނުން މަސައްކަތް ކުރައްވަނީ މެންޑޭޓުން ބޭރުން ކަމަށެވެ.

ހަސަން ލަތީފު ވިދާޅުވީ ރިޔާސީ އިންތިހާބަށް އެޕާޓީން ނެރޭ ކެންޑިޑޭޓަކީ ރައީސް ޔާމިންގެ ހިތްފުޅާވާ ބޭފުޅަކަށް ވާން ނުޖެހޭނެ ކަމަށާއި، ޕާޓީން ނެރޭނެ ކެންޑިޑޭޓެއް ކަނޑައަޅަނީ ޕާޓީގެ މެންބަރުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް