ކ. މާލެ
|
23 މެއި 2018 | ބުދަ 15:38
ޑރ މަޖީދު: މިއަދު ވަނީ ފަސްދާނުވަޑަުވާފައި
ޑރ މަޖީދު: މިއަދު ވަނީ ފަސްދާނުވަޑަުވާފައި
އަބުދުﷲ ނަސީރު އިބްރާހިމް
ޑރ މަޖީދު އަވަހާރަވުން
ހަރަމްފުޅާއި މަސްޖިދުއް ނަބަވީގައިވެސް ޑރ މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރަނީ
އިނގިރޭސިވިލާތުގެ ކެންޓަބަރީ މިސްކިތުގައި ވެސް މިރޭ ޣައިބަށް ކަށުނަމާދު ކުރާނެ
ތާއިފް މިސްކިތުގައި ވެސް ޣައިބަށް ކުރާ ކަށުނަމާދު ކުރުން އޮންނާނެ
އިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައިވެސް ޣައިބަށް ކަށުނަމާދު ކުރުން އޮންނާނެ

އިއްޔެ އަވަހާރަވި ރާއްޖޭގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީގެ މައްޗަށް މަސްޖިދުލް ޙަރަމާއި މަސްޖިދުލް ނަބަވީގައިވެސް ޣައިބުގައި ކަށުނަމާދު ކުރުމަށް ނިންމައިފިއެވެ.

އެމަނިކުފާނުގެ އާއިލާގެ ބޭފުޅަކު ވިދާޅުވީ މައްކާގައި ހުންނަ މަސްޖިދުލް ހަރަމްއާއި މަދީނާގައި ހުންނަ މަސްޖިދުލް ނަބަވީގައި މިއަދު މަޣްރިބް ނަމާދަށް ފަހު ޣައިބަށް ކުރާ ކަށުނަމާދު އޮންނާނެ ކަމަށާއި ތާއިފް މިސްކިތުގައި ވެސް ޣައިބަށް ކުރާ ކަށުނަމާދު ކުރުން އޮންނާނެ ކަމަށެވެ.

މީގެ އިތުރުން އިނގިރޭސިވިލާތުގެ ކެންޓަބަރީ މިސްކިތުގައި ވެސް މިރޭ ޣައިބަށް ކަށުނަމާދު ކުރާނެ ކަމަށް ޑރ. މަޖީދުގެ އާއިލާގެ ބޭފުޅަކު ވަނީ ވިދާޅުވެފައެވެ.

ޑރ މަޖީދުގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރުން މިރޭ ޢިޝާނަމާދަށްފަހު އިސްލާމީ މަރުކަޒުގައި އޮންނާނެއެވެ.

ޑރ ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ހަށިކޮޅު ކޮލަންބޯ 4 ގެ ޖާވައްތަ މުސްލިމް ސަހަރާގައި ފަސްދާނު ވެޑުވީ މިއަދުގެ މެންދުރު ނަމާދަށް ފަހުއެވެ.

އެމަނިކުފާނުގެ މޫނުފުޅު ބައްލަވައި ޖަނާޒާގައި ބައިވެރިވަޑައިގަތުމަށް މިވަގުތު ކޮޅުނބުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވަޑައިގެންފައެވެ. އަދި ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވެސް ވަނީ މި ޖަނާޒާގައި ބައިވެރިވެފައެވެ

ކޮޅުނބުގައި އަވަހާރަވި ޑރ. މަޖީދުގެ މޫނުފުޅު ދެއްކުން އޮތީ މިއަދުގެ ހެނދުނު 10:00 ން ފެށިގެން މެންދުރު ވަގުތާ ހަމައަށެވެ.

ޑރ. މަޖީދު އަވަހާރަވީ ލަންކާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް އިއްޔެގެ ވަގުތެއްގައެވެ. ސްރީލަންކާއަށް ވަޑައިގެން އުޅުއްވަނިކޮށް، ސްޓްރޯކެއް ޖެހިވަޑައިގެން ހާލުކޮޅު ކުއްލި ގޮތަކަށް ސީރިއަސްވެ، ލަންކާ ހޮސްޕިޓަލުގައި ޑރ. މަޖީދަށް ފަރުވާ ދޭން ފެށީ މިދިޔަ ހުކުރު ދުވަހުއެވެ.

ޑރ. މަޖީދަކީ މަދީނާ ޔުނިވާސިޓީން ޕީއެޗްޑީ ނެންގެވި ފުރަތަމަ، އަދި ހަމަ އެކަނި ދިވެހި އިލްމުވެރިޔާއެވެ. ޤުރުއާން ތަފްސީރުން ޕީއެޗްޑީ ޙާސިލް ކުރައްވައިގެން ހުންނެވި ޑރ މަޖީދުގެ ތީސީސް ބިނާކުރައްވާފައިވަނީ ރާއްޖޭގެ ޒަކާތުގެ ކަންކަން ހަރުދަނާކުރުމުގެ މައްޗަށެވެ. އަދާލަތު ޕާޓީގެ އެންމެ ފުރަތަމަ ރައީސަކީ ޑރ މަޖީދެވެ. އެޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ފުރަތަމަ ރައީސަކީވެސް އެމަނިކުފާނެވެ. އަދި  ރާއްޖޭގައި އުފެއްދި ފުރަތަމަ ފިގުހު އެކަޑަމީގެ ފުރަތަމަ ރައީސަކީވެސް ޑރ މަޖީދެވެ. މީގެ އިތުރުން ރާއްޖޭގައި އުފެއްދި ފުރަތަމަ އިސްލާމިކް ބޭންކު އުފެއްދުމުގައި އަމަލީ ގޮތުން އެމަނިކުފާނު މަސައްކަތް ކުރެއްވިއެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކާއި ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އެމްއެމްއޭގެ ޝަރީއާ ބޯޑުގެ މެންބަރުކަން ޑރ. މަޖީދު ކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް