ބުދަ ދުވަހުގެ ރޭ ދިޔަވަރު އެންމެ ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮލޮޖިކަލް ސާރވިސް (މެޓް އޮފީސް)އިން ބުނެފި އެވެ.
ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދަ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
އެގޮތުން މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ދިޔަވަރު އެންމެ ބޮޑުވާނެ ވަގުތުތައްވެސް ހާމަ ކޮށްދީފަ އެވެ.
23 މެއި 2018 ގައި ރާއްޖޭގެ އެކިސަރަހައްދުތަކަށް އެންމެ ދިޔަވަރު ބޮޑުވާ ގަޑިތައް.
- އުތުރުގެ ސަރަހައްދުތަކަށް 18:39 ގައި
- މެދުތެރޭގެ ސަރަހައްދުތަކަށް 19:53 ގައި
- ދެކުނުގެ ސަރަހައްދުތަކަށް 21:20 ގައި
މިދުވަސް ވަރަކީ ރާއްޖޭގެ މޫސުން ގޯސް ދުވަސްވަރެކެވެ. ރާއްޖޭގެ ހުޅަނގު މޫސުން ފެށިފައިވާއިރު، މިއަދުމީ ހުޅަނގު މޫސުމުގެ ހަތަރު ވަނަ ނަކަތް ކަމަށްވާ ރޯނު ނަކަތުގެ ހަތަރު ވަނަ ދުވަހެވެ.
ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްކަމުން ދޭތެރެ ދޭތެރެއިން މޫސުމާބެހޭ ގައުމީ އިދާރާއިން ދަނީ އެލާޓްތައް ނެރެމުން ނެވެ.