ކ. މާލެ
|
23 މެއި 2018 | ބުދަ 09:33
ވެނެޒުއޭލާގައި ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތް ނިކޮލާޒް މަދޫރޯ
ވެނެޒުއޭލާގައި ވެރިކަމުގެ ދެވަނަ ދައުރަކަށް އިންތިޚާބު ވެވަޑައިގަތް ނިކޮލާޒް މަދޫރޯ
ގޫގުލް
ވެނެޒުއޭލާގެ އިންތިޚާބު
ވެނެޒުއޭލާގައި ހުންނަވާ އެމެރިކާގެ މަންދޫބު އެ ޤައުމުން ފައިބަން އަމުރުކޮށްފި
ރޮބިންސަން އާއި ނަރަންޖޯއަށް ދީފައިވަނީ 48 ގަޑިއިރު
ފެށުނީއްސުރެވެސް އެމެރިކާއިން މަސައްކަތްކޮށްފައިވަނީ ވެނެޒުއޭލާގެ ރިޔާސީ އިންތިޚާބަށް ބުރޫ އަރުވަން: މަދޫރޯ
އެމެރިކާގެ މަކަރުވެރި ރޭވުންތަކަށް އަޅާނުލައި ދެން ނުތިބޭނަން: މަދޫރޯ

އާދީއްތަ ދުވަހު ވެނެޒުއޭލާގައި ބޭއްވި ރިޔާސީ އިންތިޚާބަކީ މިނިވަން އިންސާފުވެރި އިންތިޚާބެއް ނޫން ކަމަށްބުނެ، އެމެރިކާއިން ވެނެޒުއޭލާއަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުން، އެޤައުމުގައި ހުންނަވާ އެމެރިކާގެ މަންދޫބު އެ ޤައުމުން ފައިބައިވަޑައިގަތުމަށް އަމުރުކޮށްފިއެވެ.

އިންތިޚާބުގެ ރަސްމީ ނަތީޖާއަށްފަހު ވެރިކަމުގެ ދެވަނަ ދައުރެއް ޔަޤީން ވުމުން އަންގާރަ ދުވަހު ޤައުމީ ޓީވީގައި ދެއްވި ޚިތާބެއްގައި ވެނެޒުއޭލާގެ ރައީސް ނިކޮލާޒް މަދޫރޯ ވިދާޅުވީ، ވެނެޒުއޭލާގައި އެމެރިކާއަށް ބޭނުންހާ ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި އެމެރިކާގެ މަކަރުވެރި ރޭވުންތަކަށް އަޅާނުލައި ދެން ނުތިބޭނެ ކަމަށް މަދޫރޯ ވިދާޅުވިއެވެ.

މަދޫރޯ ވަނީ ވެނެޒުއޭލާގައި ހުންނަވާ އެމެރިކާގެ ޗާޖް ޑި'އެފެއާޒް، ޓޮޑް ރޮބިންސަން އާއި އެމަނިކުފާނުގެ ނައިބު، ބްރަޔަން ނަރަންޖޯ ގިނަވެގެން 48 ގަޑިއިރު ތެރޭގައި ވެނެޒުއޭލާއިން ފައިބައިވަޑައިގަތުމަށް އަމުރުކުރައްވާފައެވެ.

މަދޫރޯ ވިދާޅުވީ ފެށުނީއްސުރެވެސް އެމެރިކާއިން މަސައްކަތްކޮށްފައިވަނީ ވެނެޒުއޭލާގެ ރިޔާސީ އިންތިޚާބަށް ބުރޫ އަރުވަން ކަމަށެވެ. އެގޮތުން ވެނެޒުއޭލާގެ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ޖާގަ ނުދޭކަން ދެއްކުމަށްޓަކާ ބައެއް އިދިކޮޅު ކެނޑިޑޭޓުން އެ އިންތިޚާބުގައި ވާދަ ނުކުރުމަށް އެމެރިކާއިން ހިތްވަރު ދީފައިވާ ކަމަށް މަދޫރޯ ތުހުމަތު ކުރެއްވިއެވެ. މި ޚިތާބުގައި މަދޫރޯ ވަނީ ނަރަންޖޯއަކީ އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭއިން ވެނެޒުއޭލާއަށް ފޮނުވާފައިވާ އިސް އޭޖެންޓުގެ ގޮތުގައި ސިފަކުރައްވާފައެވެ.

މަދޫރޯގެ ފާޑުވިދާޅުވުން އެމެރިކާއަށް އަމާޒުވެގެން ދިޔައީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ އެއްވެސް މުދަލެއް ވިއްކުން، ނުވަތަ ރަހުނުކުރުން މަނާކޮށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ރިޔާސީ ޤަރާރެއް ނެރުއްވުމާއި ގުޅިގެންނެވެ. އެ ޤަރާރާއި ގުޅިގެން އެމެރިކާ، ނުވަތަ އެމެރިކާގެ ނުފޫޒު އޮންނަ އެއްވެސް ޤައުމަކުން، ނުވަތަ ޤައުމެއްގެ ކުންފުންޏަކުން ވެނެޒުއޭލާ އާއި އެކު އެފަދަ ވިޔަފާރިއެއް ކުރުން މަނާވެގެން ދާނެއެވެ.

އާދީއްތަ ދުވަހުގެ އިންތިޚާބުގައި ވޯޓު ލުމުގެ ޙައްޤު 20 މިލިއަން މީހުންނަށް ލިބިފައި ވީނަމަވެސް، އިންތިޚާބުގައި ވޯޓުލާފައިވަނީ 8.6 މިލިއަން މީހުންނެވެ. އިންތިޚާބުގައި މަދޫރޯއަށް 5.8 މިލިއަން ވޯޓު ލިބިފައިވާއިރު، މަދޫރޯ އާއި ދެކޮޅަށް މި އިންތިޚާބުގައި ނުކުމެވަޑައިގަތް މިނިވަން ކެނޑިޑޭޓް، ހެންރީ ފެލްކޮން އަށް ލިބިފައިވަނީ 1.8 މިލިއަން ވޯޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް