އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާއާއި އެމަނިކުފާނުގެ އަނބިކަނބަލުން މިޝޭލް އޮބާމާ ޓީވީ ޝޯ ތަކެއް ގެނެސްދޭން ތައްޔާރުވަމުންދާކަން ކަށަވަރު ވެއްޖެއެވެ.
އެކަން ޔަގީންކޮށްދީ، މަޤުބޫލު ސްޓްރީމިން ސާވިސްއެއް ކަމަށްވާ ނެޓްފްލިކްސްއިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހައި ގްރައުންޑް ޕްރޮޑަކްޝަންސްގެ ނަމުގައި އޮބާމާގެ ދެ ކަނބަލުންނަށް ފިލްމު އުފެއްދުމާއި ޓީވީ ޝޯތަކުގެ އިތުރުން ޑޮކިއުމެންޓްރީ އުފެއްދުމުގެ ހުއްދަ ދީފައިވާ ކަމަށެވެ.
މީގެ ދުވަސްތަކެއް ކުރިންވެސް މި ޚަބަރުތައް ފެތުރިފައިވާއިރު އެދެބޭފުޅުންގެ މި ޝޯތަކުގައި ފެނިގެންދާނީ "ހައި ޕްރޮފައިލް" ކަންތައްތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. މި ޝޯގައި ފެނިގެން ދާނީ އޮބާމާއި މިޝޭލްގެ ހަޔާތްޕުޅު ކަމަށްވެސް ވަނީ އަޑުތައް ފެތުރިފައެވެ. ބައެއް ފަރާތްތަކުން ބުނެފައިވަނީ މި ޝޯގައި ފެނިގެންދާނީ އޮބާމާ އެމެރިކާގެ ރައީސްކަން ކުރެއްވި ދެ ދައުރާއި އެ ދެދައުރުގެ ތެރޭގައި ކުރެއްވި މުހިއްމު ކަންތައްތައްކަމަށެވެ. އަދި އެ ދައުރުގެ ތެރޭގައި މިޝޭލްއަށް ވައިޓްހައުސްގައި ކުރެއްވުނު ތަޖުރިބަތަކާއި އަންހެނުން ބާރުވެރި ކުރެއްވުމަށް ކުރެއްވި ކަންތައްތައްވެސް މި ޝޯތަކުގައި ފެނިގެން ދާނެކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.
ނެޓްފްލިކްސްއާއި އެކު ވި އެއްބަސްވުމާއި ގުޅިގެން އޮބާމާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމަނިކުފާނާއި މިޝޭލްއަށް ލިބޭ އެންމެ ބޮޑު އުފާފުޅަކީ ތަފާތު މީހުންނާއި ބައްދަލުވެ އެމީހުންގެ ވާހަކަތައް އެހެންމީހުންނާއި ހިއްސާކުރެއްވުމުގައި އެހީތެރިވެދެއްވުން ކަމަށެވެ.
ނެޓްފްލިކްސްއަށް މި އަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް ވަނީ 7.4 މިލިއަން މީހުން ސަބްސްކްރައިބް ކޮށްފައެވެ. އަދި ފުރަތަމަ ކުއާޓާގެ ނިޔަލަށް ޖުމްލަ 125 މިލިއަން މީހުން ނެޓްފްލިކްސްއަށް ސަބްސްކްރައިބްކޮށްފައިވެއެވެ.